logo

ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީން ނެރުނު އަމުރަށް ދިވެހިރާއްޖޭން މަރުހަބާ ކިޔައިފި

profile

ޒިދާން މުޙައްމަދު - 22 ނޮވެމްބަރު 2024 - 00:50

ކޮޕް 29 ގެ ހަވާސާގައި ބޭއްވި ހައި-ލެވެލް ރައުންޑްޓޭބަލް އެނޭބްލިންގ ކްލައިމެޓް ފައިނޭންސްގައި  ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ-- - ފޮޓޯ: ރައީސް އޮފީސް

ކޮޕް 29 ގެ ހަވާސާގައި ބޭއްވި ހައި-ލެވެލް ރައުންޑްޓޭބަލް އެނޭބްލިންގ ކްލައިމެޓް ފައިނޭންސްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ-- - ފޮޓޯ: ރައީސް އޮފީސް

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު އަދި މުޖުރިމު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް - އައިސީސީން ނެރުނު އަމުރަށް ދިވެހިރާއްޖޭން މަރުހަބާ ކިޔައިފިއެވެ.

އެ ކޯޓުން އަމުރު ނެރުނީ ނިރުބަވެރި ނަތަންޔާހޫ އާއި އިސްރާއީލުގެ މުޖުރިމު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް އަދި ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ޟައީފް ހައްޔަރުކުރަންށެވެ.

"އިންސާނިއްޔަތާ ހިލާފް ޖަރީމާތައް ހިންގުމާއި ހަނގުރާމައިގެ ކުށްތައް 8 އޮކްޓޫބަރު 2023 އިން، މި މީހުން ހައްޔަރުކުރުމުގެ އަމުރަށް އެދި ޕްރޮސިކިއުޓަރުން މައްސަލަ ހުށަހެޅި ތާރީހު ކަމަށްވާ 20 މެއި 2024 އަށް ހިންގާފައި ވާތީ ބެންޖަމިން ނަތަންޔާހޫ އާއި ޔޯވް ގަލަންޓާއި ދެ މީހުން ހައްޔަރުކުރުމަށް އަމުރު ނެރެން،" ދަ ހޭގްގައި ހުންނަ އައިސީސީން ނެރުނު ބަޔާނުގައި ބުންޏެވެ.

މުޖުރިމު ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރުުކުރުމުގެ އަމުރަކަށް މިދިޔަ މެއި މަހު އެދުނީ އައިސީސީގެ ޕްރޮސެކިޔުޓާ ކަރީމް ޚާންއެވެ. އެއީ ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެންނެވެ.

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން މަރުހަބާ ދަންނަވައި ކުރެއްވި ސޯޝަލް މިޑިއާ ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފަލަސްޠީނުގެ ޙާލަތާ ގުޅޭގޮތުން އައިސީސީން ނިންމެވި ނިންމެވުންތަކަށް ރާއްޖޭން މަރުހަބާ ކިޔާ ކަމަށެވެ.

މިއީ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކަށް ޖަވާބުދާރީކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ރައީސް ސިފަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އައިސީސީގެ ނިންމުންތަކަށް ރާއްޖެއިން އިހުތިރާމްކުރާ ކަމަށެވެ. އަދި ކޯޓުގެ ހުކުމްތަކަށް އިހުތިރާމްކޮށް ތަންފީޒު ކުރުމުގެ މުހިންމުކަން ރައީސް ފާހަގަ ކުރައްވާފައިވެެއެވެ.

ބައިނަލްއަޤްވާމީ ޤާނޫނުތައް ދަމަހައްޓައި، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަކީ މިސަރަޙައްދުގެ ހަމަޖެހުން ޤާއިމުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވެސް ރައީސްގެ ޕޯސްޓްގައި ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ އަމުރުގެ ސަބަބުން، އައިސީސީ މުއާހަދާގައި ބައިވެރިވާ ކޮންމެ ގައުމަކަށް ނަތަންޔާހޫއާއި ގަލަންޓް ދިޔަޔަސް ހައްޔަރުކޮށް އެ ކޯޓާ ހަވާލުކުރަން މަޖުބޫރު ވާނެއެވެ.

އަދި ހަމަ އެއާއެކު، ކޯޓުގެ އަމުރުގެ ސަބަބުން، ޣައްޒާގައި ނަސްލުނައްތާލުމުގެ ޖަރީމާ ހިންގުމަށް އިސްރާއީލަށް ހަތިޔާރުދީ، ވާގިވެރިވާ ހުޅަނގުގެ ގައުމުތަކަށްވެސް އެކަން ހުއްޓާލުމަށް މަޖުބޫރުވެގެންދާނެއެވެ.


https://int.etukuri.mv/
tel:+9607331319