
ޝަހީދުންގެ ދުވަސް: ދީނާއި ވަތަނަށްޓަކައި ގުރުބާންވި ބަތަލުންގެ ހަނދާނުން އިބްރަތް

ޝަހްޒާ މުޙައްމަދު - 20 ޖެނުއަރީ 2026 - 13:22
ދީނާއި ވަތަނަށްޓަކައި ގުރުބާންވެ ލޭ އޮހޮރުވުމަށް ފަސްނުޖެހި ދުޝްމިނުންނާ ކުރިމަތިލާން ކެރޭނެހެއްޔެވެ؟ ގައުމު ދިފާއުކުރަން އަމިއްލަ މޭ އައްޑަނައަކަށް ދިއްކޮށް ދިވެހި ތާރީހުގައި ރަން އަކުރުން ނަން ފަވާ ދީނާއި ވަތަން ދިފާއުކުރުމުގައި ޝަހީދުވެދިޔަ މާތް ޝަހީދުންގެ ހަނދާނުގައި، އެ ޒިކުރާ އާ ކުރުމަށް ރާއްޖޭގައި ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ހިޖުރީ ގޮތުން ކޮންމެ އަހަރެއްގެވެސް ޝައުބާން މަހުގެ އެއްވަނަ ދުވަހުއެވެ.
ދިވެހިރާއްޖޭގެ އިސްލާމްދީނާއި މިނިވަންކަމަށްޓަކައި ލޭ އޮހޮރުވައިލި ބަޠަލުންގެ ޒިކުރާ އައުކުރުމަށް ފާހަގަކުރާ މި ދުވަސް ޚާއްޞަވެގެންވަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރުމަށް ކުރެއްވި މަތިވެރި ޖިހާދުގައި ޝަހީދުވި އައްސުލްޠާން ޢަލީ (6 ވަނަ) ނުވަތަ އަލިރަސްގެފާނަށެވެ.
ދިވެހިރާއްޖޭގައި ޝަހީދުންގެ ދުވަސް ފުރަތަމަ ފާހަގަކުރީ 1400 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 1 ވަނަ ދުވަހުއެވެ. އެއީ މީލާދީން 14 ޖޫން 1980 ގައެވެ. އެއީ ޕޯޗުގީޒުންގެ ވަރުގަދަ ލަޝްކަރަކާ ދެކޮޅަށް، ދިވެހި މަދު ހަނގުރާމަވެރިންކޮޅަކާއެކު އަލިރަސްގެފާނު ނުކުމެވަޑައިގެން ހަނގުރާމަކުރައްވައި ޝަހީދުވި ތާރީޚެވެ. ޝަހީދުންގެ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމަށް ޢަލިރަސްގެފާނު ކުރެއްވި ޖިހާދާއި، ބޮޑުތަކުރުފާނާއި އެ ތަކުރުފާނުގެ ބައިވެރިން ވެވަޑައިގެންނެވި ވަރުގަދަ ގުރުބާނީއާއި، އަދި ކައިރި މާޒީއަށް ޖެހިލާނަމަ 1988ވަނަ އަހަރު، ނޮވެންބަރުމަހުގެ 3ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ޙަމަލާގެ ޝަހީދުންގެ ހަނދާން އައުކުރުމުގެ ދުވަހެވެ.
އަލިރަސްގެފާނު ޝަހީދުވެވަޑައިގަތީ ދީނާއި ވަޠަނުގެ ދިފާޢުގައި ފަސްޖެހުމެއްނެތި ހަނގުރާމަކުރައްވަނިކޮށެވެ. ދުޝްމަނުންގެ ބާރުގަދަވެފައި، ދިވެހިންގެ ޢަދަދު މަދު ނަމަވެސް، އެމަނިކުފާނު އިޚްތިޔާރުކުރެއްވީ އަޅުވެތިކަމުގައި ދިރިއުޅުއްވުމުގެ ބަދަލުގައި ޝަހީދުވެވަޑައިގަތުމެވެ. މިއީ މިއަދުގެ ޒުވާނުންނަށް ހުރި ނަމޫނާއެކެވެ.
ތާރީޚް ބުނާގޮތުން، އަލިރަސްގެފާނުގެ ރަސްކަމަށް ދެ މަހާއި ފަނަރަ ދުވަސްވީތަނާ، އަނދިރިއަނދިރިންގެ ވެރިކަމުގެ ދަށުން ޕޯޗުގީޒުންގެ ބޮޑު ލަޝްކަރެއް ރާއްޖެއަށް ހަމަލާދިނެވެ. މިއީ ޕޯޗުގީޒުން ރާއްޖެއަށް ދިން ތިންވަނަ އަދި އެންމެ ވަރުގަދަ ހަމަލާއެވެ. މާލޭގެ ބޭރު ބަނދަރުގައި ތިބެގެން ޕޯޗުގީޒުން ބޮޑުބަޑިން ހަމަލާދެމުން ދިޔައިރު، ދިވެހިން ގެންދިޔައީ އެމީހުން މާލެއަށް އެރުން ހުއްޓުވުމަށް ވަރުގަދައަށް މަސައްކަތް ކުރަމުންނެވެ.
ހަނގުރާމަ ދިގުލައިގެން ދިޔުމުގެ ސަބަބުން ދެފަރާތަށްވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވިއެވެ. ޕޯޗުގީޒުންގެ ކާބޯތަކެއްޗާއި ހަތިޔާރު މަދުވަމުން ދިޔައިރު، ދިވެހި ލަޝްކަރުގެ ތެރޭގައި ހަނގުރާމަ ކުރިއަށް ގެންދިއުމާ މެދު ހިޔާލުތަފާތުވުންތައް އުފެދުނެވެ. ނަމަވެސް ބޮޑު ބުރުޒުގެ ވެރިޔާ ހަސަން ވަތަބަނޑޭރި ތަކުރުފާނު ހުރީ އޭނާ މަރުވަންދެން ހިފަހައްޓައި، އަމާން ނުދިނުމަށް ރަދުންގެ އަރިހުގައި ވައުދުވެގެންނެވެ.
ޚިޔާނާތްތެރި ބަޔަކު ރަދުންގެ އަމުރުފުޅާ ނުލައި އަމާން ދިދަ ނެގުމާ ގުޅިގެން، ޕޯޗުގީޒުންނަށް މާލޭގެ ހުޅަނގު އުތުރު ފަރާތުން އެރުމުގެ ފުރުސަތު ލިބުނެވެ. އަލިރަސްގެފާނު އަމިއްލަފުޅަށް ލަޝްކަރުގެ ކުރީގައި ހުންނަވައިގެން ދުޝްމަނުންނާ ކުރިމަތިލެއްވިއެވެ. ނަމަވެސް ހަނގުރާމައިގެ ތެރޭގައި ލަޝްކަރުގެ ގިނަ މީހުން ފިލައިގެން ދިޔުމުން، އެންމެ ފަހުން ރަދުންނާއެކު ތިއްބެވީ ބޮޑުވަޒީރާއި އެހެން ޚާދިމެއް އެކަންޏެވެ.
އަލިރަސްގެފާނާއި އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ދެ ބޭފުޅުން ޕޯޗުގީޒުންގެ ބަޑީގެ ހަމަލާތަކުގައި ޝަހީދުވިއެވެ. މި ބޭފުޅުން ޝަހީދުވުމަށްފަހު، ޕޯޗުގީޒުން މާލޭގެ މައްޗަށް ވެރިވެގަތެވެ. އަލިރަސްގެފާނު ޝަހީދުވީ ތަނުގައި އެމަނިކުފާނު ފަސްދާނުލެވުނުއިރު، އެމަނިކުފާނަކީ ގައުމުގެ ދިފާއުގައި ފަހު ވަގުތާ ޖެހެންދެން ސާބިތުކަމާއެކު ހަނގުރާމަކުރެއްވި ބަތަލެކެވެ.
އަލިރަސްގެފާނުގެ ޖިހާދުން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ އަމިއްލަ ނަފްސަށްވުރެ ދީނާއި ޤައުމު އިސްކުރުމެވެ. އެމަނިކުފާނު ޝަހީދުވެވަޑައިގަތީ އިސްލާމްދީނުގެ ދިފާޢުގައެވެ. މިއަދުގެ ޒުވާނުންނަށް މި ސިފަ އަށަގެންނެވޭނީ ދީނީ ކަންކަމަށް ފަރުވާތެރިވެ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން ދުރުހެލިވެގެންނެވެ.
ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންގެ ޢަދަދު ގިނަވެފައި، ހަތިޔާރު ވަރުގަދަވުމުންވެސް އަލިރަސްގެފާނު ފަސްޖެހިވަޑައެއް ނުގަންނަވައެވެ. މިއަދުގެ ޒުވާނުންނަށް ދިމާވާ ގޮންޖެހުންތަކާއި، ދިރިއުޅުމުގެ މައިދާނުގައި ކުރިމަތިވާ ހުރަސްތަކުން އަރައިގަތުމަށް ބޭނުންވަނީ މިފަދަ ސާބިތުކަމެކެވެ. ބިރުގަތުމުގެ ބަދަލުގައި ކެރުމާއެކު ޙަޤީޤަތާ ކުރިމަތިލުމަކީ އަލިރަސްގެފާނުގެ ފަރާތްޕުޅުން ލިބޭ ފިލާވަޅެކެވެ.
އަލިރަސްގެފާނު ފަދަ ޒުވާނަކަށް ވުމުގެ މާނައަކީ ހަމައެކަނި ހަނގުރާމައަށް ތައްޔާރުވުމެއް ނޫނެވެ. އެއީ ޤައުމަށް ބޭނުންވާ ތަޢުލީމާއި ހުނަރު އުނދަގޫ ހާލަތްތަކުގައިވެސް ހޯދައި، ޤައުމު ބިނާކުރުމުގައި ބައިވެރިވުމެވެ. ޤައުމީ ކަންކަމުގައި ބައިބައިވުމުގެ ބަދަލުގައި އެއްބައިވަންތަކަން އިސްކުރުމަކީ އެމަނިކުފާނުގެ ޒިކުރާ އައުކުރާއިރު އަޅުގަނޑުމެން ހަނދާންކުރަންޖެހޭ ކަމެކެވެ.
ދިވެހިރާއްޖޭގެ މާޒީއަށް ނަޒަރު ހިންގާލާއިރު، މި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުރާނައިން ޤުރުބާންވި އެތައް ފަޚުރުވެރި ދަރިންނެއް ދިވެހި ފަސްގަނޑު ވަނީ ދެކިފައެވެ. އަޅުގަނޑުމެން ހަނދާން ބަހައްޓަންޖެހޭ ކަމަކީ، ރާއްޖޭގެ މިނިވަންކަމަށް ނުރައްކާވި ކޮންމެ ހިނދެއްގައި، އިސްލާމްދީނާއި ވަޠަނުގެ ދިފާޢުގައި ނުކުތް އެތައް ބަޠަލުންނެއް ޝަހީދުވެފައިވާ ކަމެވެ. މިއަދަކީ އެ ބޭފުޅުންގެ މަތިވެރި ޒިކުރާ އާކޮށް، އެކަމުން އަޒުމް ވަރުގަދަކުރަންވީ ވަގުތެވެ.
މި ތާރީޚީ ހާދިސާތަކުން ޤައުމުގެ ޒުވާން ޖީލަށް ގިނަގުނަ ފިލާވަޅުތަކެއް ލިބިދެއެވެ. ޤައުމީ ކަންކަމުގައި ފަސްޖެހުމެއްނެތް ހިތްވަރެއް ދެއްކުމާއި، ބައިބައިވުންތަކަށް ފުރުޞަތު ނުދީ އެއްބައިވަންތަކަން އިސްކުރުމަކީ ކޮންމެ ދިވެހި ދަރިއެއްގެ އަމާޒަކަށް ވާންޖެހެއެވެ. ހަތިޔާރު ބޭނުންކޮށްގެން ކުރާ ހަނގުރާމަތަކުގެ އިތުރުން، މިއަދުގެ ދުނިޔޭގައި ކުރިމަތިވަމުންދާ ފިކުރީ އޮއިވަރުތަކާ މެދުވެސް އަޅުގަނޑުމެން ސަމާލުވާންޖެހެއެވެ.
ޝަހީދުންގެ ދުވަހަކީ ހަމައެކަނި ތާރީޚީ ހާދިސާއެއް ހަނދާންކޮށްލާ ދުވަހެއް ނޫނެވެ. އެއީ ކޮންމެ ދިވެހި ޒުވާނެއްގެ ހިތުގައި ޤައުމީ ލޯބި އާލާކޮށް، ކެރުމާއި ހިތްވަރާއެކު ޤައުމަށް ޚިދުމަތްކުރުމަށް ޢަޒުމް ކަނޑައަޅަންޖެހޭ ދުވަހެކެވެ. އަލިރަސްގެފާނު ދެއްކެވި ސާބިތުކަމަކީ މިއަދުގެ ޖީލަށް އޮތް ދަންމަރެކެވެ.




