ފިސްކަލް ޒިންމާގެ ބިލާއި ދަރަންޏާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި ބިލުތަކަކީ މިދިޔަ ޖޫން މަހު މަޖިލީހަށް ހުށަހަޅާ، ޖުލަިއ މަހުގެ 3 ވަނަ ދުވަހުން ފެށިގެން ކޮމިޓީ މަސައްކަތްތައް ކުރިއަށްދާ ދެ ބިލެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މި ބިލު ފާސްކޮށްފައި ވަނީ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ފޮނުވި ގޮތަށެވެ. ކޮމިޓީން އެ ބިލަށް މާ ބޮޑެތި ބަދަލުތަކެއް ގެނެސްފައެއް ނުވެ އެވެ. ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 81 މެމްބަރުންގެ ވޯޓާއި އެކުގަ އެވެ.
ފިސްކަލް ޒިންމާގެ ގާނޫނަކީ މިހާރު އަމަލު ކުރަމުންދާ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނު އުވާލައި، އެ ގާނޫނުގެ ބަދަލުގައި އަމަލުކުރާނެ ގާނޫނެއްގެ ގޮތުގައި ސަރުކާރުން ހުށަހަޅާފައިވާ އާ ބިލެކެވެ. ހަރަދަށް ޒިންމާވާ ގާނޫނުގައި މިހާރު އޮންނަ ގޮތުން ސަރުކާރަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން އެޑްވާންސްކޮށް ފައިސާ ނެގޭނީ ނުވަތަ ޗާޕު ކުރެވޭނީ އެއް ޕަސެންޓެވެ. ސަރުކާރުން ހުށަހަޅާފައިވާ ފިސްކަލް ޒިންމާގެ ބިލުގައިވާގޮތުން ދައުލަތުގެ ކޭޝް ފްލޯ މެނޭޖު ކުރުމަށް ބޭނުންވެއްޖެ ހާލަތެއްގައި ފައިސާ ޗާޕު ކުރެވޭ އަދަދު 2.5 ޕަސެންޓަށް ވަނީ އިތުރު ކޮށްފަ އެވެ.
ދަރަންޏާ ބެހޭ ބިލުގައި ވަނީ އެ ގާނޫނަށް އަމަލުކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ޑެޓް މެނޭޖްމެންޓް އޮފީހެއް، މާލީ ވުޒާރާގެ ދަށުން ހިންގަން ފެށުމާއި ސިޔާސީ ނުފޫޒުން އެއްކިބާވެ، ޕްރޮފެޝަނަލް ކަމާ އެކުގައި އެ އޮފީސް ހިންގުން. އަދި ސޮވެރިން ގެރެންޓީ ދޭ ގޮތްތަކާއި ލޯކަލް ކައުންސިލްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދަރަނި ނެގުމުގައި އަމަލުކުރާނެ ގޮތްތަކާއި ދައުލަތުގެ ދަރަންޏާ ގުޅޭ މައުލޫމާތުތައް އެކްސްޓާނަލް އޮޑިޓަރެއް މެދުވެރިކޮށް އޮޑިޓެއް ހެދުމަށްވެސް ބިލުގައިވެ އެވެ. އަދި ދަރަނީގެ ސްޓްރެޓެޖީ ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހަޅައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 15 ކުރިން ފާސްކުރަން ޖެހޭނެ ކަމަށް ވެސް އެ ބިލްގައި ބުނެފައިވެ އެވެ.