
ސްޓެލްކޯއިން "އެޗް.އާރް އިންސައިޓް" ގެ ނަމުގައި ހާއްސަ ފޯރަމެއް ބާއްވައިފި

އާމިނަތު ޝަޒްލާ - 19 އޯގަސްޓު 2026 - 03:56
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްގީކޮށް، މި ދާއިރާއިން ހާސިލުކޮށްފައިވާ ތަޖުރިބާތަކާއި މުހިންމު މައުލޫމާތުތައް އެއް ކުންފުނިން އަނެއް ކުންފުންޏާ ހިއްސާކުރުމުގެ މަގުސަދުގައި ސްޓެލްކޯއިން އިސްނަގައިގެން "އެޗް.އާރް އިންސައިޓް" ގެ ނަމުގައި ހާއްސަ ފޯރަމެއް ބާއްވައިފިއެވެ.
ކ. ތުލުސްދޫގައި ހުންނަ ސްޓެލްކޯގެ ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީގައި ކުރިއަށްގެންދިޔަ މި ފޯރަމް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް މުޙައްމަދު ނިޒާރާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރެވެ. ސަރުކާރު ހިއްސާވާ 13 ކުންފުންޏަކުން ޖުމްލަ 35 ބައިވެރިން މި ފޯރަމްގައި ބައިވެރިވެފައިވެއެވެ.
ފޯރަމް އިފްތިތާޙު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޕީސީބީގެ ރައީސް މުޙައްމަދު ނިޒާރު ވިދާޅުވީ، މިފަދަ ފޯރަމެއްގެ އެންމެ މުހިންމު ބޭނުމަކީ އެއް ކުންފުނީގެ އެންމެ ރަނގަޅު އުސޫލުތަކާއި ތަޖުރިބާތައް އެހެން ކުންފުނިތަކާ ޙިއްޞާކުރުން ކަމަށެވެ. އަދި އޭގެ ސަބަބުން ކަންކަމުގައި ނިންމުންތައް ނިންމުމުގެ ދުވެލި ހަލުވިވެގެންދާނެ ކަމަށާއި، ޕީސީބީން އެންމެ ބޮޑަށް ދެކެން ބޭނުންވާ މަންޒަރަކީ ވެސް އެއީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު ދެއްކެވި ވާހަކަފުޅުގައި، ކުންފުނިތަކުގެ ހިންގުމާއި ކުރިއެރުމުގެ އެންމެ އަގުހުރި ރައުސްމާލަކީ މާލީ ބެލެންސް ޝީޓުން ފެންނަން ހުންނަ މާއްދީ އެސެޓްތަކެއް ނޫން ކަމަށާއި، އެއީ ކޮންމެ ދުވަހަކު ވަޒީފާއަށް ނުކުންނަ ހީވާގި މުވައްޒަފުން ކަމަށް ވިދާޅުވިއެވެ. އަދި ކުންފުނީގެ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، އެދެވޭ ނަތީޖާ ނެރެދެނީ މުވައްޒަފުންގެ ކިބައިގައި ހުންނަ ޤާބިލުކަމާއި ހުނަރުވެރިކަމުން ކަމުގައި އަޒްވަރު ވިދާޅުވިއެވެ.
މީގެއިތުރުން ޑރ. އަޒްވަރު ވިދާޅުވީ: "އަޅުގަނޑު ދެކޭގޮތުގައި އެޗް.އާރް ގެ ނަޒަރިއްޔާތުން ބަލާއިރު މި ވޯކްޝޮޕްގެ ތެރެއިން މުހިންމު ދެ ކަމަކަށް އަލިއަޅުވާލެވިދާނެ. ފުރަތަމަ ކަމަކީ، މުވައްޒަފުންނާ މެދު އަޅުގަނޑުމެން ދެކޭގޮތް ބަދަލުކުރުން. ހަމައެކަނި ވަޒީފާގެ މަޤާމާއި ޒިންމާތަކަށް ބެލުމުގެ ބަދަލުގައި، މުވައްޒަފުންގެ އިޙްސާސްތަކާއި ބޭނުންތައް ދެނެގަތުމަކީ، މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް (ރިޓެންޝަން) އެޗް.އާރް ދާއިރާއިން ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކަމެއް. ދެވަނަ ކަމަކީ، މުވައްޒަފުންގެ ޤާބިލުކަން އިތުރުކޮށް ތަރައްޤީކުރުން. އަޅުގަނޑުމެން މުވައްޒަފުން ބިނާކުރަންވާނީ ހަމައެކަނި މިއަދުގެ ބޭނުންތަކަކަށް ނޫން. އޭގެ ބަދަލުގައި، ބަދަލުވަމުން އަންނަ މާޙައުލާ އެއްގޮތަށް މުސްތަޤްބަލުގައި ބޭނުންވާނެ ހުނަރުތަކާއި ޤާބިލުކަން އަށަގެންނެވުމަކީ ކޮންމެހެން މުހިންމު ކަމެއް." ކަމަށެވެ.
ޑރ. އަޒްވަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމަށާއި، ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރެއްވުމަށް އެމަނިކުފާނު ނިންމަވާ ހަރުދަނާ ނިންމެވުންތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ސީއައިއެފް 2026: އިންޝުއަރެންސް ޕާޓްނަރު އަދި ސްޕީކަރެއްގެ ގޮތުގައި އެލައިޑުގެ އިސް ދައުރެއް!
8 ގަޑިއިރު ކުރިން

ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް ކުރާ ދަތުރުގައި އެމް.އޭ.ސީ.އެލްއިން ބައިވެރިވަނީ
8 ގަޑިއިރު ކުރިން

ވެމްކޯގެ އިދާރީ ހިދުމަތް ހޯދަން އެޕްލިކޭޝަނެއް ތައާރަފްކޮށްފި
8 ގަޑިއިރު ކުރިން

ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިއްޖެ
ދުވަހެއް ކުރިން


