logo

ވެމްކޯގެ އިދާރީ ހިދުމަތް ހޯދަން އެޕްލިކޭޝަނެއް ތައާރަފްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 19 އޯގަސްޓު 2026 - 03:54

ވެމްކޯގެ އިދާރީ އެންމެހައި ޚިދުމަތްތައް އެއް ވިއުގައަކުން ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަގްސަދުގައި، އެ ކުންފުނިން ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފިއެވެ.

https://wamco.com.mv/

ވެމްކޯއިން މަޢުލޫމާތު ދޭ ގޮތުގައި، ކުނި އުކާލުމާ ގުޅޭ އެންމެހައި ޚިދުމަތްތައް ދެން ލިބިގެންދާނީ މި އެޕްލިކޭޝަން މެދުވެރިކޮށެވެ. އެގޮތުން، ކުނި ނެގުމުގެ ޚިދުމަތަށް އަލަށް ރަޖިސްޓަރީވުމާއި، ވަކިން އުކާލަންޖެހޭ ކުނި ނެގުމަށް އެދި ހުށަހެޅުން ފަދަ ކަންކަން މި އެޕުން ވަރަށް ފަސޭހައިން ކުރިއަށް ގެންދެވޭނެއެވެ.

މީގެއިތުރުން، ޚިދުމަތްތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ހުށަހެޅުމުގެ ފުރުޞަތާއި، މަޢުލޫމާތު ސާފުކުރުމަށްޓަކައި ވެމްކޯގެ އެޖެންޓުންނާ ވަގުތުން ވާހަކަދެއްކޭނެ އިންތިޒާމުވެސް މި އެޕްލިކޭޝަންގައި ވަނީ ހަމަޖައްސާފައެވެ. އަދި ހުށަހަޅާފައިވާ މައްސަލަތަކުގެ އެންމެ ފަހުގެ އަދާހަމައާއި، ކޮށްފައިވާ މުޢާމަލާތްތަކުގެ ތާރީޚު ފެންނަން ހުންނާނެއެވެ.

ފައިސާ ދެއްކުމުގެ މުޢާމަލާތްތަކަށް ބަލާއިރު، މިހާރުގެ ބިލްގެ ތަފްޞީލުތަކުގެ އިތުރުން ފާއިތުވި މަސްތަކުގެ ބިލްތަކުގެ މަޢުލޫމާތުވެސް އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވޭނެއެވެ.

އެޕަލް އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ ސްޓޯރުން މި އެޕްލިކޭޝަން މިހާރު ޑައުންލޯޑް ކުރެވެން ހުރިއިރު، އެޕްގެ ޚިދުމަތްތައް ބޭނުންކުރެވޭނީ "އީފާސް" މެދުވެރިކޮށް ލޮގިން ވެގެންނެވެ.

https://wamco.com.mv/
tel:+9607331319