
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: މެޑަމް ސާޖިދާ

އާމިނަތު ޝަޒްލާ - 28 އޯގަސްޓު 2026 - 09:54
ޤައުމެއް ބިނާކޮށް ތަރައްޤީކުރުމުގައި އަންހެނުންގެ ޤާބިލުކަން އިތުރުކުރުމަކީ ތަރައްޤީގެ ބިންގަލަށްވުމުގެ އިތުރުން އެއީ ޢާއިލާތަކާއި މުޖުތަމަޢުގެ އުފާވެރިކަމުގެ އަސްލުކަމަށާ، ދިވެހި އަންހެނުންގެ ވިލުންތެރިކަމަކީ އަބަދުވެސް ޤައުމަށް ނުހަނު ބޭނުންތެރި ސިފައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، އިއްޔެ "ވިލުންތެރި ކަނބަލުން" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
އިސްލާމްދީން ވަނީ އަންހެނުންނާ ފިރިހެނުންގެ މެދުގައި ޢަދުލު ޤާއިމުކޮށްދެއްވާފައި ކަމަށާއި، އިސްލާމީ ތާރީޚު ވަނީ އަންހެނާގެ ދައުރު ދިރިއުޅުމުގެ އެތައް މައިދާނަކުން ތަމްސީލުކޮށްދީފައިކަން ހަނދާންކޮށްދެއްވައި، ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ރާއްޖޭގެ ތާރީޚަށް ބަލާއިރު، ދިވެހި އަންހެނުންނަކީ ވަރަށް ނަސީބުވެރިބައެއްގެ ގޮތުގައި ސިފަކުރައްވައި، އެކަމުގެ ބައެއް މިސާލުތައް ހިއްސާކުރައްވާފައެވެ.
އިސްލާމީ ތާރީޚު އަންހެނުންނަށް ގޮވާލަނީ، އުންމަތް ބާރުވެރިކުރުވައި، މުޖުތަމަޢު ޤަދަރުވެރިކުރުވައި، މުރާލި ހީވާގި ހުނަރުވެރި ޚުލްޤުހެޔޮ ބަޔަކަށްވުމަށްކަން ހަނދާންކޮށްދެއްވަމުން އެކަމަނާ ވަނީ، ދިވެހި އަންހެނުންގެ ވިލުންތެރިކަން، އަދި ވިސްނުންތެރިކަމާއި މަސައްކަތްތެރިކަން އަބަދުވެސް ދިވެހި ޤައުމަށް ބޭނުންވާނެކަމުގައި ވިދާޅުވެފައެވެ.
އަދި، ދިވެހީންގެ މި ހަމަހަމަ ސަގާފަތް ދަމަހައްޓައި، ފިކުރީ ގޮތުންނާއި ޢަމަލީ ގޮތުން ވިލުންތެރި އެތައް އަންހެނުންނެއް ބިނާވެގެންދާ މި ފުރުޞަތަކީ ވަރަށް ތާރީޚީ ފުރުޞަތެއްކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ، "ވިލުންތެރި ކަނބަލުން" ޕްރޮގްރާމުން ދަސްވެނިވި 8 ބެޗުގެ 170 އަށްވުރެގިނަ ދަސްވެނީންނާ ސެޓްފިކެޓް ޙަވާލުކޮށްދެއްވާ، އެ ބޭފުޅުންނާއެކު ހަނދާނީ ފޮޓޯއެއްގައި ބައިވެރިވެވަޑައިގެންފައެވެ. އަދި މި ރަސްމިއްޔާތުގައި ހުށައެޅުމެއް ހުށައަޅައިދިން މުޙައްމަދު ޤާސިމް ޕްރީސްކޫލް ބޭންޑުގެ ދަރިވަރުންނާއެކުގައިވެސް އެކަމަނާ ވަނީ ހަނދާނީ ފޮޓޯއެއްގައި ބައިވެރިވެވަޑައިގެންފައެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، އަންހެނުންނަކީ ކޮންމެ ކަމެއްގައިވެސް އެހެން މީހުންނަށް ބަރޯސާނުވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން ބާރުވެރިކުރުމެވެ.
ގުޅުން ހުރި ޙަބަރުތައް

ނޯވޭގެ ރަސްގެފާނު ހަރަލްޑް (ފަސްވަނަ) އަވަހާރަވެއްޖެ
18 ގަޑިއިރު ކުރިން

މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑި: ހުކުރު ޚުޠުބާ
21 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ކައުންސިލްތައް އިހްތިޖާޖަށް ނުނުކުމެއްޖެ ނަމަ ލާމަރުކަޒީ ނިޒާމް ގެއްލިދާނެ: ރައީސް ނަޝީދު
2 ދުވަސް ކުރިން

ނޭޕާލްގައި ފެންބޮޑުވެ 180 މަރު، 1،300 ގެއްލިފައި!
2 ދުވަސް ކުރިން


