logo
މަސްޖިދުލް ހަމީދުބިން ހަލީފާ އަލް-އަލްތާނީ

މަސްޖިދުލް ހަމީދުބިން ހަލީފާ އަލް-އަލްތާނީ

މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑި: ހުކުރު ޚުޠުބާ

profile

އާމިނަތު ޝަޒްލާ - 28 އޯގަސްޓު 2026 - 09:46

މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ އިންސާނާގެ ޢުމުރުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެއް ކަމަށާއި، އެއީ ބާއްޖަވެރިކަމުގެ ތަޅުދަނޑިއެއްގެ އިތުރުން ސުވަރުގެއަށް ވަނުމުގެ ދޮރެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ" މި މަޢޫޟޫއަށެވެ. ޚުޠުބާގައި ވިދާޅުވީ، ކީރިތި ޤުރްއާނުގައި އެތައް މަޤާމެއްގައި މައިންބަފައިންނަށް އިޙުސާންތެރިވުމަށް އަމުރުކުރައްވާފައިވާ ކަމަށާއި، އިޖުތިމާޢީ ގޮތުންނާއި އަޚުލާޤީ ގޮތުން މުޖުތަމަޢުތައް ފަސާދަވަނީ މާތް ﷲ ދެއްވި މަތިވެރި ނިޢުމަތްތައް ހަނދާންނައްތައިލުމުން ކަމަށެވެ.

މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމަށް އަލިއަޅުއްވާލައްވަމުން ޚުޠުބާގައި ވިދާޅުވީ، މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރޭގައި މިސްކިތުގެ ޙުރުމަތް ކަނޑައިލުން ހިމެނޭ ކަމަށެވެ. އެގޮތުން އަހަރެމެންގެ ތެރެއިން ބައެއް މީހުން ނަމާދުކޮށްގެން ފައިބައި މިސްކިތުގެ ދޮރޯށިކައިރީގައި ތިބެ، ޣީބަބުނުމާއި، ނެތިމޮށުމާއި، މީސްތަކުންނަށް ޢައިބުކިއުމާއި، ޖަދަލުކުރުމާއި، ހަޑިހުތުރު އެއްޗެހިގޮވުމާއި، ޒުވާބުކުރުމާއި، މީސްތަކުންގެ އަބުރާބެހުމާއި، ދޮގުވާހަކަތައް ފެތުރުން ފަދަ ކަންކަން ކުރަމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ.

"މީހުންނަށް، އެއުރެން ކުރި ނަމާދުން ލިބުނު ރޫޙާނީ ފައިދާއަކީ ފަހެ ކޮބައިހެއްޔެވެ؟ ނަމާދުކުރުމުން ލިބުނު މަތިވެރި ޘަވާބާއި ދަރުމައިން ލިބުނު މާތްކަން، އަމިއްލައަށް ނަގައިލައި، އެނބުރި ގެއަށްދަނީއެވެ. މި ކަންކަމާ މެދު ވިސްނައިލާކަށް ނުވޭހެއްޔެވެ؟ މި ފަދަ ކަންކަންކުރާ މީހުން ޙައްޤުގެ މަގަށް އެނބުރި އަންނާށެވެ! ނަމާދުން ފައިބައިގެން، މުސްލިމު އަޚުންނާ ސަލާމްކުރުމަށްފަހު މަޑުމައިތިރިކަމާ އެކީ ގެއަށް އެނބުރި ދާމީހާގެ މާތްކަމުގެ ބޮޑުކަމާއެވެ،" ޚުޠުބާގައި ވިދާޅުވިއެވެ.

މީގެއިތުރުން، ވިޔަފާރީގެ މުޢާމަލާތްތަކާ ގުޅޭގޮތުން ޚުޠުބާގައި ވިދާޅުވީ ވިޔަފާރީގައި ތެދުވެރިވުމަކީ މާތް ﷲ އޭގެ ދަރުމަ ބޮޑުކުރައްވާފައިވާ އަޅުކަމެއް ކަމަށެވެ. އަދި ވިޔަފާރީގައި މަކަރުހެދުމަކީ ލަޢުނަތް ލައްވާފައިވާ، ޢަޛާބު ބޮޑު ކަމެއް ކަމަށާއި، ވިޔަފާރި މުދަލުން ޒަކާތްދިނުމަކީ މުދަލުގައި ބަރަކާތްލައްވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ނަމަވެސް، މި ކަންކަން ހަނދުމަނައްތާލައި، ވިޔަފާރީގައި މަކަރާއި ޙީލަތްހަދައި، މީސްތަކުންގެ މުދާތައް ބާޠިލުގޮތުގައި ބޭނުންކޮށް، ޒަކާތް ނުދައްކައި، މުދާ ޚަޒާނާކޮށް، މުންކަރާތްތަކާއި ބޭކާރުގޮތުގައި މުދާ އިސްރާފުކުރުމުން މާތް ﷲ އޭގައި ބަރަކާތް ނުލައްވާނެކަން ހަނދާންކޮށްދެއްވިއެވެ. އަދި ޙައްޤުގޮތުގައި މުދާ ހޯދައި، މާތް ﷲ ރުހިވޮޑިގެންވާ މަގުގައި ހޭދަކުރުމުން އެ މުދަލުގައި ބަރަކާތްލައްވައި ދަރިފަސްކޮޅަށް އެ މުދާ ވާރުތަކުރައްވާނެތީ، އެކަންކަމާ މެދު ފިކުރުހިންގައި ޢަމަލުތައް ސީދާކުރުމަށް ގޮވާލެއްވިއެވެ.

ހަމައެއާއެކު، ޙަރާމްގޮތުގައި ފައިސާ ހޯދައިގެން ދިރިއުޅުން ބިނާކުރާ މީހުން މުޖުތަމަޢުގައި އުޅޭކަން ފާހަގަކުރައްވައި، އެ ފަދަ ފައިސާއިން އަނބިދަރިންނަށް ޚަރަދުކުރުމުގެ ނުރައްކާތެރިކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. އެގޮތުން ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، ޙަރާމް އެއްޗެއް ކައިގެން، ނުވަތަ ޙަރާމް އެއްޗަކުން ލިބޭ އެއްޗެއް ކައިގެން ހެދިބޮޑުވާ ހަށިގަނޑަކީ ނަރަކަ ވާޖިބުވެފައިވާ ހަށިގަނޑެއް ކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.

https://wamco.com.mv/
tel:+9607331319