logo

ރަސްމާލެ އެއްބަސްވުން ހާމަނުކުރާތީ ފައްޔާޒް ކަންބޮޑުވުން ފާޅުކުރައްވައިފި

profile

މުޙައްމަދު ފަޟްލޫން - 27 ސެޕްޓެމްބަރު 2026 - 18:03

ރަސްމާލެ އިން 500 ހެކްޓަރރުގެ ބިން ބޭރުގެ ކުންފުންޏަކަށް އަބަދަށް ދޫކޮށްލުމުގެ ހުރިހާ މައުލޫމާތެއް ހާމަކޮށްފައިނުވާތީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

https://wamco.com.mv/

ފައްޔާޒް އާއްމުކުރި ބަޔާނެއްގައި ބުނީ ރަސްމާލޭގެ ބިމުން ލިބޭނެ ކަމަށް ބެލެވޭ މާލީ ފައިދާއަށް ބަލައި އަގުމަގުކުރުމާއި އެބިން ދޭޝަރުތުތަކާއި އާމްދަނީ ލިބޭނެ ގޮތެއް އެނގެން ނެތް ތަނުގައި ބޭރުބައެއްގެ އަތް މައްޗަށް ދޫކޮށްލާ 500 ހެކްޓަރު ދިވެހި ދައުލަތުން ހަރަދުކޮށްގެން ހިއްކަމުންދާ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަށް މިސަރުކާރުން ވެފައިވާ އެއްބަސްވުމުގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައިނުވާކަމަށެވެ.

ރާއްޖޭގައި ބޭރުގެ ވިޔަފާރިތަކުން އިންވެސްޓްކުރަން އެމްޑީޕީ އިން އަބަދުވެސް މަރުހަބާކި ނަމަވެސް ކުރިއާލައި ކަންކަން އެނގޭނެ ފަދަ އިންވެސްޓްމެންޓް ނިޒާމަކާއި އަމަލީގޮތުން ތަންފީޒުކުރެވޭނެ އެއްބަސްވުންތަކާއި ސާފުކޮށް އެނގެންޖެހޭނެ ޓެކްސްގެ އުސޫލުތަކާއި އިތުބާރުހިފޭ މައްސަލަ ހައްލުކުރުމުގެ ނިޒާމެއް ގާއިމްކުރަންޖެހޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ބޭރުގެ ވަރުގަދަ އިންވެސްޓަރުން ރާއްޖެ ގެނައުމަށް އިންވެސްޓަރުންގެ އިތުބާރުލިބޭނެ ފަދަ ހަރުދަނާ އަދި މާލީ ގާނޫނީ އުސޫލުތައް ގާއިމްކުރަންޖެހޭ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް ރަސްމާލޭގެ 2 ބައިކުޅަ އެއްބައި ބޭރުކުންފުންޏަކަށް ދޭން ސަރުކާރުން ވެފައިވާ އެއްބަސްވުމުގައި އެއިން އެއްވެސް ޝަރުތެއް ފުރިހަމަވެފައިނުވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ރަސްމާލޭގެ ބިމުންދޫކޮށްލާ 500 ހެކްޓަރު އަގުކުރި ގޮތެއް ނޭނގޭ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ފައްޔާޒުގެ ބަޔާނުގައި ރަސްމާލޭގެ އެއްބަސްވުމުގެ މައުލޫމާތު ސަރުކާރުން ގަސްތުގައި އޮޅުވާލަމުންދާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

ސަރުކާރުން ނެރުނު ނޫސްބަޔާންތަކުގައި އެކި ފިޔަވަހިތަކަށް ބަހައިގެން 20 ބިލިއަން ޑޮަލަރު އިންވެސްޓްކުރާނެ ކަމުގެ ޔަގީންކަން އީގަލް ހިލްސް އިން ދީފައިނުވާ ކަމަށް ވަނީ ބުނެފައެވެ.

އީގަލް ހިލްސް އިން ނެރުނު ރަސްމީ ނޫސްބަޔާނުގައި އެއްވެސް އަދަދެއް ޖަހާފައިނުވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެކަމުގެ އިތުރު ތަފްސީލު ހިމަނާފައިނުވާ ކަަމަށްވެސް ފައްޔާޒް އާއްމުކުރި ބަޔާނުގައި ވަނީ ބުނެފައެވެ.

ސަރުކާރަށް ލިބޭނެ ކަމަށް ބުނާ އާމްދަނީގެ ހިއްސާ ގުނަނީ ޖުމްލަ އާމްދަނީ އިން ކަމެއް ނުވަތަ ސާފު ފައިދާއިންކަމެއް އަދި އޭގެ ތެރޭގައި ރިސޯޓްތަކާއި ހޮޓާތަކާއި ތާޑް ޕާޓީ އޮޕަރޭޓަރުން ހިމެނޭ ކަމެއް ނުވަތަ އެއީ ހަމައެކަނި މައި ޑިވޮލަޕަރުގެ އާމްދަނީ ކަމެއް ނޭނގޭ ކަމަށާއި އެކަންކަން ސާފުނުވާހިނދު އާމްދަނީގެ ހިއްސާއަކުން ލިބޭނެ ފައިދާ އަންދާޒާ ނުކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެކަމުގައި ރާއްޖެއަށް ހިއްސާ ލިބޭ ޝަރުތުތަކާއި އެސްކްރޯ އެކައުންޓް ބެލެހެއްޓުމުގެ އުސޫލު ރައްޔިތުންނަށް ހާމަކޮށްދެވިފައިނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ބަޔާނުގައި ސަރުކާރަށް ބައެއް ކަންކަން ހާމަކުރަން ވަނީ ހުށަހަޅުއްވާފައެވެ.

މިނިވަން ބައިނަލް އަގްވާމީ ފަރާތުން 500 ހެކްޓަރުގެ ވެލުއޭޝަނެއް ހަދައި އާއްމުކުރުން

އެއްބަސްވުން ފުރިހަމައަށް ހާމަކުރުން

އެއްބަސްވުމާއި ގުޅޭ ހުރިހާ މައުލޫމާތެއް ހާމަނުކޮށް އެކަމާއި ގުޅުން ހުރިއެއްވެސް ގާނޫނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން

މިފަދަ އެއްބަސްވުންތަކުގައި އެހެން ގައުމުތަކަށްވުރެ ދަށް ޝަރުތުތަކެއް ބަލައިގަތް ސަބަބު ހާމަކުރުން

ބިން މިލްކުވުމާއި ރެސިޑެންސީ އާއި ގުޅޭ ގޮތުން ފުރިހަމަ ޖަވާބެއް ދިނުން

ދިވެހި ދައުލަތާއި ރައްޔިތުންނަށް ފައިދާވާ ގޮތަށް ރާއްޖޭގައި ބޭރުގެ ވިޔަފާރިތަކުން ކުރާ އިންވެސްޓްމެންޓްތަކަށް މަރުހަބާ ކިޔާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި ދިވެހި ރައްޔިތުން އެދެނީ އިންވެސްޓްމެންޓް މަދުވާން ނޫންކަން ފާހަގަކޮށް ދިވެހިން އެދެނީ ދޫކޮށްލަނީ ކޮން އެއްޗެއް ކަމަށާއި އެކަން ކުރަނީ ކޮން އުސޫލުތަކަކާއި ޝަރުުތުތަކެއްގެ ދަށުން ކަމާއި ކިހާ މުއްދަތަކަށް ކަމަށާއި އޭގެ ބަދަލުގައި ގައުމަށް ލިބެނީ ކޮންއެއްޗެއްކަން ހާމަކަން ބޮޑު ގޮތެއްގައި އެނގެން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން އެހުރިހާ ސުވާލަކަށް ޖަވާބު ނުލިބޭނަމަ ރަސްމާލޭގެ ހުރިހާ ފައިދާއެއް ލިބެން އޮތީ އެތަން ތަރައްގީކުރާ ފަރާތާއި އެތަނުން ޕްރޮޕަޓީ ގަންނަ ފަރާތަށް ކަމަށް ބަޔާނުގައި ބުނެފައެވެ. އަދި އޭގެ ބުރަ އުފުލަން ޖެހޭނީ އަންނަން އޮތް ޖީލުތަކަށް ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ރަސްމާލޭގައި ފެންވަރު މަތީ މެރީނާއެއް ތަރައްގީކޮށް ހިންގުމަށްޓަކައި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރު ގެ އެއްބަސްވުމެއްގައި ސޮއިކުރި ކަމަށް ބުނެ މި ސަރުކާރުން މިހާތަނަށް އާއްމުކޮށްފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ފޮޓޯތަކެވެ.

ސަރުކާރާއި އީގަލް ހިލްސް ކުންފުންޏާއި އެކު ވެވުނު އެއްބަސްވުމާއި ގުޅޭ އެއްވެސް ތަފްސީލެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

https://wamco.com.mv/
tel:+9607331319