logo

835 މިލިއަން ރުފިޔާގެ ޚަރަދާއެކު ކުރިއަށްގެންދިޔަ ހިލޭ ޑިގްރީ ނިންމި ދަރިވަރުންގެ ސީދާ އަދަދެއް ނޭނގޭ

profile

މުޙައްމަދު ފަޟްލޫން - 27 ސެޕްޓެމްބަރު 2026 - 13:00

ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމަށް ވޭތުވެދިޔަ 6 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން 835.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވީ ނަމަވެސް، އެ ސްކީމުގެ ދަށުން ކިޔެވުން ފުރިހަމަކުރި ދަރިވަރުންގެ ޞައްޙަ އަދަދު އެނގެން ނެތް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުން ހާމަވެއްޖެއެވެ.

https://wamco.com.mv/

އޮޑިޓް އޮފީހުން މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ 14 ފެބުރުވަރީ 2019 އިން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ހިނގާދިޔަ މުއްދަތަށެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މުއްދަތުގައި އެވްރެޖްކޮށް އަހަރަކު 139.2 މިލިއަން ރުފިޔާ މި ސްކީމަށް ހޭދަކޮށްފައިވެއެވެ.

ހިލޭ ޑިގްރީއަށް އެދި ހުށަހެޅި 19،265 ދަރިވަރުންގެ ތެރެއިން 16،388 ދަރިވަރަކަށް ވަނީ ފުރުސަތު ދީފައެވެ. އެހެންނަމަވެސް، މި ޕްރޮގްރާމްގެ ދަށުން ކާމިޔާބުކަމާއެކު ޑިގްރީ ހާސިލުކުރި ދަރިވަރުންގެ އަދަދު އެނގޭނޭފަދަ އެކަށީގެންވާ ނިޒާމެއްގެ ތެރެއިން މަޢުލޫމާތު ބަލަހައްޓާފައި ނުވާކަން ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި ޕްރޮގްރާމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ 2022 އަދި 2023 ވަނަ އަހަރުއެވެ. އެގޮތުން އެ ދެ އަހަރުގެ ތެރޭގައި 163 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ސްކީމް ތަޢާރަފުކުރި ފަހުން ފާއިތުވި 5 އަހަރު ވެސް މި ސްކީމަށް ކުރި ޚަރަދު އަހަރުން އަހަރަށް ވަނީ އިތުރުވެފައެވެ.

މީގެއިތުރުން، މި ސްކީމުގެ ތެރެއިން 790 ދަރިވަރަކަށް 19 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އެ ދަރިވަރުން ކިޔެވުން ފުރިހަމަކޮށްފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އަދި އެ ދަރިވަރުންގެ އަތުން އެ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާކަންވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

https://wamco.com.mv/
tel:+9607331319