logo

ފަތުރުވެރިންގެ ދެވަނަ މާކެޓަކަށް ޗައިނާ!

profile

އަހުމަދު ޒަލީފު - 01 ފެބްރުއަރީ 2024 - 17:23

ރާއްޖޭގެ އެއަރޕޯޓުގައި ފަތުރުވެރިންތަކެއް

ރާއްޖޭގެ އެއަރޕޯޓުގައި ފަތުރުވެރިންތަކެއް

ރާއްޖެ އަށް ދެވަނަ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކަށް ޗައިނާ ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ޗައިނާ އިން ރާއްޖެ އަށް ޖުމްލަ 19،745 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާ އިންނެވެ. އެއީ 20،113 ޓޫރިސްޓުންނެވެ. ލިސްޓުގެ ތިންވަނައިގައި އިޓަލީ އޮތްއިރު ހަތަރުވަނައިގައި އިނގިރޭސިވިލާތް އަދި ފަސްވަނައިގައި އޮތީ އިންޑިއާ އެވެ.

މިދިޔަ މަހު ރާއްޖެ އަށް ވަނީ 192،332 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 11.6 ޕަސެންޓްގެ ކުރިއެރުމެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ދާދި ފަހުން ކުރެއްވި ދަތުރުފުޅުގައު ވަނީ ރާއްޖޭގެ އެއް ވަނަ މާކެޓަކަށް އެ ގައުމު ހަދައި ދޭން އެދިވަޑައިގެންފަ އެވެ. އެކަމާ ގުޅުން ހުރި އެކި މަސައްކަތްތައް ވެސް މިހާރު ކުރަމުން އަންނަ އިރު، މި މަހުގެ ތެރޭގައި ބެއިޖިން އިން ރާއްޖެ އަށް އިތުރު އެއާލައިނަކުން ސީދާ ދަތުރުތައް ފަށަން ވެސް ވަނީ ނިންމައިފަ އެވެ. އެއީ ޝިއަމެން އެއާލައިންސެވެ. އަދި މި މަހުގެ ތެރޭގައި ޗައިނާ ފޫޖީ ސިޓީން ރާއްޖެއަށް ޗާޓަރު ދަތުރުތައް ފެށުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ޗައިނާ އަކީ މިދިޔަ އަހަރު ތިން ވަނަ އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. އަދި ކޮވިޑްގެ ކުރިން އެ ގައުމަކީ ރާއްޖޭގެ އެއްވަނަ މާކެޓެވެ. މިދިޔަ އަހަރު ޗައިނާ ގަދަ 10 އަށް އަރައި މަޑުމަޑުން ކުރިއަށް ޖެހެމުން ގޮސް އަހަރު ނިންމައިލީ ގަދަ ތިނެކާ އެކީގައި ކަމަށްވާތީ މި އަހަރު ވެސް މި ޓްރެންޑް ދެމިގެންދާނެ ކަމަށް ބެލެވެ އެވެ.

https://int.etukuri.mv/
tel:+9607331319