logo

2025: ރާއްޖޭއަށް އިސްލާހީ ބަދަލުތަކެއް އައި ތާރީހީ އަހަރެއް

profile

ޝަހްޒާ މުޙައްމަދު - 01 ޖެނުއަރީ 2026 - 17:50

ތުންތުން މަތިން އަބަދުވެސް އަޑުއިވުނީ ، ދިވެހިރާއްޖޭގައި ދުންފަތް މަނާކުރި ރައީސަކު ރައްޔިތުން ނިކުމެ ހަވަރަށްދީ އަވަހާރަކޮށްލި ވާހަކައެވެ. ނަމަވެސް މިއަދުގެ ތާޜީޚުގައި މިފެންނަނީ އެއާ މުޅިން ތަފާތު މަންޒަރެކެވެ.ޖީލަކަށް އެކުގައި ދުންފަތް މަނާކުރެވިދާނެ ކަމަކީ ކުރެވިދާނަ ކަމެއްކަަމަށް މީގެ ކުރިން ދިވެހިން ހީވެސް ނުކުރެއެވެ. ނިމިދިޔަ އަހަރު ވެގެން މިދިޔައީ ދިވެހިރާޢްޖޭގަައި، ޖީލަކަށް އަދި ކުރިމަގަށް ދެމިގެންދާގޮތަށް ދުންފަތް މަނާވެގެން ދިޔަ ތާރީޚީ އަހަރަކަށެވެ. މީގެ އިތުރުން 2025 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ސިޔާސީ، އިޤްތިޞާދީ، ޝަރުޢީ އަދި އިޖުތިމާޢީ ޗާޓަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އައި ތާރީޚީ އަހަރެކެވެ. 2025 ވަނަ އަހަރު ފެށިގެން ދިޔައީ ދިވެހި އުންމަތުގެ ދީނީ އަދި ޤައުމީ ވަހުދަތު ވަރުގަދަކޮށްދިން މުހިންމު ނިންމުންތަކަކާ ވެސް އެކުގައެވެ.

https://wamco.com.mv/
މަޖިލިސް:

2025 ވަނަ އަހރުގެ ރިޔާސީ ބަޔާން އިއްވި ޖަލްސާ ވެގެންދިޔައީ، ރާއްޖޭގެ ތާރީޚުގައިވެސް ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށި ފުރަތަމަ ރިޔާސީ ބަޔާން އިއްވި ޖަލްސާއަށެވެ. މިއީ ދައުލަތުގެ އެންމެ މަތީ ފަންތީގައި އިސްލާމީ އުޞޫލުތަކަށް ދެވޭ އަހަންމިއްޔަތު ހާމަކޮށްދިން ނިޝާނެކެވެ.

ނިމުނު އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ ވަރުގަދަ ނިންމުންތަކެއް ނިންމާފައެވެ. އޭގެ ތެރޭގައި ދާޚިލީ ވަޒީރުގެ އިތުބާރު އޮތްކަން މަޖިލީހުން ފާސްކުރުމަކީ އަހަރުގެ ކުރީކޮޅު ފާހަގަކޮށްލެވުނުއެއްކަމެވެ. މަޖިލީހުގެ މުހިންމު މަދަސއްކަތްތަކުގެ ތެރޭގައި އިސްލާމީ އުންމަތުގެ ހައްގުގައި އިސްރާއީލް ޕާސްޕޯޓް މަނާކުރުމަށް ޤާނޫނަށް ގެނައި ތާރީޚީ އިޞްލާޙު ހިމެނެއެވެ. މީގެ އިތުރުން، އަންނަން އޮތް ޖީލުތަކުގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ޖެނެރޭޝަނަލް ބޭން ފަދަ ހަރުކަށި އަދި އެހާމެ މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

ޝަރުޢީދާއިރާ:

ޝަރުޢީ ދާއިރާއަށްވެސް މިއަހަރު ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އައު ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ ފަހަރަށް އުއްތަމަ ފަނޑިޔާރަކު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާއި، އައު އުއްތަމަ ފަނޑިޔާރަކު އައްޔަންކުރުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. ހަމައެއާއެކު، ސުޕްރީމް ކޯޓުގެ ބެންޗަށް ބޮޑެތި ބަދަލުތަކެއް ގެނެވި، ބައެއް ފަނޑިޔާރުން ވަކިކޮށް އައު ފަނޑިޔާރުން އައްޔަންކުރެވިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.

އިޤްތިސާދު:

އިޤްތިޞާދީ ގޮތުން 2025 ވަނަ އަހަރަކީ ރާއްޖެއަށް އައު ފުރުޞަތުތަކެއް ހުޅުވިގެންދިޔަ އަހަރެކެވެ. ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވިގެން ދިޔައީ ރާޢްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު ދުވަސް 2025 ޖުލައި 26 ވަނަ ދުވަހުއެވެ. މި އައު ޓާމިނަލުން އަހަރަކު 7 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެއެވެ. މިހާރު ވަނީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިންކަށް މި ޓާމިނަލުން ޚިދުމަތްދޭންފަށާފައެވެ.

ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމަކީ އިޤްތިޞާދީ ކުރިއެރުމަށް އެޅުނު ބޮޑު ފިޔަވަޅެކެވެ.ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ މުދަލުންނާއި އިމްޕޯޓްކުރާ މުދަލުން ޑިއުޓީ މަޢާފް ލިބޭ ގޮތައް އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށީ ޖަނަވަރީމަހުގެ ފުރަތަމަ ދުވަހުއެވެ. މިއީ ރާއްޖެއިން އަމަލުކުރަން ފެށި މިނިވަން ވިޔަފާރީގެ ފުރަތަމަ އެއްބަސްވުމެވެ.

ދަތުރުފަތުރުގެ ދާއިރާއިން، ޤައުމީ އެއާލައިނަށް ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ ބޯޓެއް ގެނައުމާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލާއި ހަނިމާދޫ އެއާޕޯޓު ހުޅުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިޞާދަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ދިވެހިރާއްޖޭގެ ޑިޖިޓަލް އޮނިގަނޑު ހަރުދަނާކުރުމަށްޓަކައި ކުރިއަށްގެންދާ "މޯލްޑިވްސް 2.0" މަޝްރޫޢު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރަސްމީކޮށް ފަށްޓަވައިދެއްވީ 9 މެއި 2025 ގައެވެ.

މި ޕްރޮގްރާމަކީ ދައުލަތުގެ ހުރިހާ އިދާރާތަކެއް ބައިވެރިވެގެން، ރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާއަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން އެކުލަވާލާފައިވާ މަސައްކަތެކެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ ހިންގުން ޒަމާނީވެ، ޚިދުމަތްތައް އަވަސްވެގެންދާނެއެވެ. އަދި ޓެކްނޮލޮޖީގެ އެހީގައި ކޮރަޕްޝަން ހުއްޓުވައި، ދައުލަތް ހިންގުމުގެ ނިޒާމު އިތުރަށް ހާމަކަން ބޮޑުވެގެންދާނެ ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.

މުލަކަތޮޅުގެ ފުރަތަމަ އެއަރޕޯޓު ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވީ 2025ވަނަ އަހަރުގެ މެއި މަހުގެ 20ވަނަ ދުވަހުއެވެ. ޑޮމެސްޓިކް އުދުހުންތަކަށް ޚާއްސަ މި އެއަރޕޯޓުގައި 1200 މީޓަރުގެ ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއަކާއި، ފްލައިޓްތައްޕާކުކުރާނެ އޭޕްރަން ވަނީ ތަރައްޤީކޮށްފައެވެ.

ކުލަގަދަ ރަސްމިއްޔާތަކާއެކު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވީ 2025ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 9ވަނަ ދުވަހުއެވެ.

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1ގެ މަސައްކަތްތައް ނިންމައި، އާންމުކޮށް ހުޅުވައިލީ 2025ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ.

ގެދޮރު ބިނާކުރުމަށް ހިޔާވަހި ފައިނޭންސް" ޕްރޮގްރާމް އިފްތިތާޙުކޮށް، ލޯނު ދޫކުރުމަށް ބީއެމްއެލްއާއި ސަރުކާރުން އެއްބަސްވީ ޖޫން މަހުގެ 24 ގައި. މި ޕްރޮގްރާމް މެދުވެރިކޮށް އިސްލާމީ އުސޫލުން 5 އިންސައްތަ ފައިދާގައި ލޯނު ދޫކުރާއިރު އަނބޫރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

ރާއްޖޭގެ އިގްތިސާދުގެ ރަންބިސްއަޅާ ކުކުޅަކީ، ފަތުރުވެރިކަން ކަމަށްވާއިރު ނިމުނު ޑިސެންބަރުމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 218،650 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިހާތަނަށް އެއް މަހެއްގެތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި މަހެވެ. ރާއްޖެއިން ވަނީ ޖެހިޖެހިގެން 6 ވަނަ ފަހަރަށް ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލްގެ އެވޯޑު ކާމިޔާބުކޮށް، ދުނިޔޭގެ ޗާޓުގައި ރާއްޖޭގެ ނަން ރަން އަކުރުން ފަވާލާފައެވެ.

އިޖްތިމާއީ އަދި ދީނީ :

އިޖުތިމާޢީ އަދި ދީނީ ދާއިރާއިންވެސް ރައްޔިތުންނަށް އުފާވެރިކަން ގެނުވި ގިނަ މަޝްރޫޢުތަކެއް މިއަހަރު ވަނީ ހިންގާފައެވެ.

ޢުމްރާވެރިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ބޭންކް ކާޑު ލިމިޓް ބޮޑުކުރުމާއި، ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ބޮޑެތި މަޝްރޫއުތަކެއް އިއުލާންކުރެވިގެންދިޔައެވެ. ދިވެހި ޙައްޖުވެރިންނަށްދޭ ޚިދުމަތްތައް ލުއި ފަސޭހަކުރުމުގެ ގޮތުން 2025ވަނަ އަހަރުގެ މެއި މަހުގެ 26ވަނަ ދުވަހު، މައްކާ ރޫޓް އިނިޝިއޭޓިވްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އިފްތިތާޙުކޮށްދެއްވިއެވެ.މީގެ ސަބަބުން ދިވެހި ހައްޖާޖީންނަށް އެތައް ލުއިފަސޭހައެއް ލިބިގެންދިޔައެވ. އަދި ދީނީ އިލްމު ފެތުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، ކީރިތި ޤުރުއާން ހިތުދަސްކުރައްވާފައިވާ ޙާފިޒުންގެ އިނާޔަތް ދެގުނަ ބޮޑުކުރުމަކީ ދީނީ ކަންކަމަށް މި ސަރުކާރުން ބަހައްޓާ މަތިވެރި އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެކެވެ.

ހާރިޖީ ގުޅުން:

2025 ގައި ރާއްޖެއާއި އެހެން ގައުމުތަކާއި އޮންނަ ގުޅުންތައް ވަރުގަދަވެގެން ދިޔަކަން ފާހަގަކޮށްލެވެއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި މަހުގެ 25 ވަނަ ދުވަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ މުހިންމު ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މުހިންމު 8 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކަކީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ އުމްރާނީ ތަރައްޤީއަށް ލިބިގެންދިޔަ ވަރުގަދަ ބާރެކެވެ.

ހަމައެފަދައިން، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ޖުލައި މަހުގެ 28 ވަނަ ދުވަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީވެސް ޚާރިޖީ ގުޅުންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިންމު ކަމެކެވެ. މި ދަތުރުފުޅުގެ ތެރެއިން ސްރީލަންކާއާއި ރާއްޖެއާއި ދެމެދު ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމަށާއި، ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި އެހީތެރިވުމަށް މުހިންމު 2 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، 2025 ވަނަ އަހަރަކީ ރާއްޖޭގެ މިނިވަންކަމާއި، އިސްލާމީ ވަހުދަތާއި، އިޤްތިޞާދީ ތަނަވަސްކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ފޮނި މޭވާ ރައްޔިތުންނަށް ލިބެން ފެށި ތާރީޚީ އައު ބާބެކެވެ. އެއަހަރު ރާއްޖެއިން ހޯދި މި ކާމިޔާބީތަކަކީ ހަމައެކަނި ތަފާސްހިސާބުތަކެއް ނޫނެވެ. އެއީ ދިވެހި ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެވެ. ފާސްކުރެވުނު ގާނޫނުތަކާއި ، ތަރައްގީގެ މަޝްރޫއު ތަކާއި އެކު ގެނެވުނު ބަދަލުތަކާއެކު، ދިވެހިރާއްޖެ މިއަދު މިސްރާބު ޖަހާފައިވަނީ ހަމަޖެހުމާއި، ތަނަވަސްކަމާއި، އަދި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ސަފަށް އެރުމުގެ އައު އުންމީދީ ދަތުރަކަށެވެ. އިރާދަކުރެއްވިއްޔާ މިި ފެށުނު އާއަހަރަކީ އަދި އެއަށްވުރެ ތިޔާގި، ފާގަތި، އުފާވެރި އަހަރަކަށް ވެގެންދިއުމަކީ އަޅުގަނޑުމެންގެ އުންމީދެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay