
ސަސްޓެއިނަބަލް ޓައުންޝިޕަކީ ގައުމު ކުރިއަށްދާން އެޅުނު މުހިއްމު ފިޔަވަޅެއް: އިކޮނޮމިކް މިނިސްޓަރ

މުޙައްމަދު ފަޟްލޫން - 10 ޑިސެމްބަރު 2025 - 12:05
ސަސްޓެއިނަބަލް ޓައުންޝިޕަކީ ގައުމު ކުރިއަށްދާން އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުތަކާބެހޭ ޤާނޫނުގެ ދަށުން ދެމެހެއްޓެނިވި ޓައުންޝިޕެއް ތަރައްޤީކުރުމުގެ ފުރަތަމަ ހުއްދަ ދިވެހިރާއްޖެއިން ދޫކޮށްފައިވާ ކަމަށާއި، މިއީ އީޖާދީ، ދެމެހެއްޓެނިވި އަދި މުސްތަޤުބަލަށް އަމާޒުކުރެވިފައިވާ ޤައުމީ ކުރިއެރުން ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި ކާމިޔާބީން ދައްކުވައިދެނީ، އިޤްތިޞާދު ސިންދަފާތުކޮށް، ދިގު މުއްދަތުގެ ޤައުމީ ފާގަތިކަން ކަށަވަރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެކެވަޑައިގަންނަވާ، ބޮޑެތި ބަދަލުތައް ގެނެސްދޭނެ ދެމެހެއްޓެނިވި ތަރައްޤީގެ ތަޞައްވުރު ކަމަށެވެ.ސްޕެޝަލް އިކޮނޮމިކް ޒޯންސް ގާނޫނުގެ ދަށުން، ދިވެހިރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ތަރައްގީކުރުމަށް ބޭނުންވާ ހުއްދަ، ސަރުކާރުން ބޯޑް އޮފް އިންވެސްޓްމަންޓްސް މެދުވެރިކޮށް ދޫކުރީ 9 ޑިސެންބަރު 2025 ގައެވެ.
މި ހުއްދަ ދޫކޮށްފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ.
އެއީ އެ ކުންފުނިން ރަސްމީކޮށް ހުށަހެޅި އެޕްލިކޭޝަނަށް ހުއްދަ ދިނުމަށް ފާސްކޮށްފައިވަނީ 2025 ވަނަ އަހަރު ބޭއްވުނު ބޯޑުގެ ދިހަވަނަ ބައްދަލުވުމުގައެވެ.
790 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމަންޓަކާއެކު، މި ޕްރޮޖެކްޓަކީ ރާއްޖޭގެ އިގްތިސާދީ ތަރައްގީގައި މުހިއްމު ކުރިއެރުމެކެވެ.
2028 ވަނަ އަހަރުގެ ނިޔަލަށް މި ޕްރޮޖެކްޓް ހިންގަން ފެށޭނެ ކަމަށް ލަފާކުރެވޭއިރު، މިއީ މަތީ ފެންވަރުގެ ވަޒީފާގެ ފުރުސަތުތައް އުފައްދައި، ސަރަހައްދީ އިގްތިސާދީ ހަރަކާތްތައް ސިންދަފާތުކޮށް، ދިގު މުއްދަތަށް ރާއްޖޭގައި މަޑުކުރާނެ ފަތުރުވެރިންނާއި މުއްސަނދިން ގެނެސް، ގައުމީ ތަރައްގީގެ ފުޅާ މަގުސަދުތަކަށް އެހީތެރިވެދޭނެ ޕްރޮޖެކްޓެކެވެ.
ގުޅުން ހުރި ޙަބަރުތައް

ޕީއެސްއެމް ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަކީބު ހަމަޖައްސަވައިފި
2 ގަޑިއިރު ކުރިން

ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ބީޢެމްއެލް އިން ތައާރަފްކޮށްފި
2 ގަޑިއިރު ކުރިން

އިންޑޮނީޝިއާގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
3 ގަޑިއިރު ކުރިން

މުދާ ޝިޕްމަންޓަކުން ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް އަތުލައިގަނެފި
4 ގަޑިއިރު ކުރިން


