
ރައީސް ޖަރުމަނަށް ފުރާވަޑައިގެންފި

ޝަހްޒާ މުޙައްމަދު - 09 ފެބްރުއަރީ 2026 - 05:21
ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރަސްމީ ދަތުރުފުޅެއްގައި ފެޑަރަލް ރިޕަބްލިކް އޮފް ޖަރމަނީއަށް ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ޖަރމަނީގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރގެ ދަޢުވަތަކަށް، 2026 ފެބްރުއަރީ 9 އިން 13 އަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސް، ޖަރމަނީގެ ރައީސް ސްޓައިންމަޔަރއާއި އެ ޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، މަތީ ފަންތީގެ ރަސްމީ މަޝްވަރާތައް ބާއްވަވާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން، ދެ ޤައުމުގެ މަންދޫބުން ބައިވެރިވާ ބިޒްނަސް ފޯރަމެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ހަމްބޯލްޓް ޔުނިވަރސިޓީއަށާއި ޖަރމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސްއަށް ޒިޔާރަތްކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާއާއި، ޚާރިޖީ ސިޔާސަތުގައި ކަނޑުފަޅުގެ ދައުރާ ބެހޭގޮތުން ރާއްޖެއިން ދެކޭގޮތާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ވަނީ ތާވަލުކުރެވިފައެވެ.
މިއަހަރަކީ ދިވެހިރާއްޖެއާއި ޖަރމަނީއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރެވެ. ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 5 ޖުލައި 1966 ގައެވެ.





