
ޕީޖީގެ މުވައްޒަފުން އަންގާރަ ދުވަހު މަސައްކަތްކުރާނީ ގޭގައި!

އައިމަން ޢަބްދުއްސައްތާރު - 07 އޭޕްރީލު 2026 - 04:40
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ކޮންމެ އަންގާރަ ދުވަހެއްގައި ގޭގައި ތިބެގެން މަސައްކަތްކުރާގޮތަށް ކަނޑައަޅައިފިއެވެ.
އަސްލަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިގޮތަށް ކަނޑައެޅީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ މައްސަލަތަކާ ވިދިގެން ރާއްޖެއަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް ދިވެހި ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކުގައި ބައިވެރިވުމުގެ ގޮތުންކަމަށެވެ.
އެގޮތުން 7 އެޕްރީލް 2026 އިން ފެށިގެން 31 މޭ 2026 ގެ ނިޔަލަށް ޕީޖީ އޮފީހުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ނިންމަވާފައެވެ. އޭގެތެރޭގައި ކޮންމެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއް ގޮތުގައި ހަމަޖެއްސުމާއި، ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމާއި، އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއި، ކަރަންޓު ބޭނުންކުރުން މަދުކުރުމާއި، ކަރުދާސް ބޭނުންކުރުން މަދުކުރުމާއި، އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުން ހިމެނެއެވެ.
މި މުއްދަތުގައި ކޮންމެ އަންގާރަ ދުވަހަކު ޕީޖީ އޮފީހުގެ މުވައްޒަފުން ޢާންމު އުޞޫލެއްގެ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނެކަމަށްވެސް އަސްލަށް މަޢުލޫމާތުލިބިފައިވެއެވެ. ނަމަވެސް ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިރުވަމުން ގެންދާނެއެވެ.
ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަލުވުންތަކާއި، އޮންލައިންކޮށް ކުރިއަށްގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދާނެކަމަށްވެސް އަސްލަށް މަޢުލޫމާތުލިބިފައިވެއެވެ.
ހަމައެހެންމެ އެ އޮފީހުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެންހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރުއެޅުމާއި، އޮފީސް ބަންދުކުރާ ގަޑި 18:00 އަށް އަވަސްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޕީޖީ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް ކަރުދާސް ބޭނުންކުރުން ހުއްޓާލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް މި މުއްދަތުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށްވެސްވަނީ ނިންމާފައެވެ.
މި ބަދަލުތަކުގެ ސަބަބުން މި އޮފީހުން ޢާންމުންނަށް ނުވަތަ އިދާރާތަކަށްދޭ ޚިދުމަތްތަކަށް އެއްވެސް އުނިކަމެއް ނުވަތަ ލަސްކަމެއް ނާންނާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އިންޑިޔާ ދެ އަންހެނުން ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން

އެޗްޑީސީގެ ޑީއެމްޑީ އަސްބާހު މަޤާމުން ވަކިކޮށްފި
ގަޑިއިރެއް ކުރިން

ރާއްޖެއައި އިންޑިއާގެ މަނަވަރަށް ރާއްޖެއިން ހޫނު މަރުހަބާއެއް
ގަޑިއިރެއް ކުރިން

ބުރާސްފަތިން ފެށިގެން ކައްކާ ގޭހުގެ އަގު ބޮޑުކުރަނީ
ގަޑިއިރެއް ކުރިން


.gif&w=3840&q=75)