logo

ގުރައިދޫއިން ދިމާވި ހުރިހާ ބޭފުޅުންވެސް ވިދާޅުވީ މިއަދުގެ ސަރުކާރު ފެއިލްވެފައިވާކަމަށް: ޝާހިދު

profile

އާމިނަތު ޝަޒްލާ - 20 ސެޕްޓެމްބަރު 2026 - 06:17

ކ. ގުރައިދޫއިން ބައްދަލުވި ހުރިހާ ރައްޔިތުންވެސް މިއަދުގެ ސަރުކާރު ފެއިލްވެފައިވާ ކަމަށާއި، ރައްޔިތުންގެ ފުދުންތެރިކަން ދުވަހެއް ދުވަހަކަށް ދަށަށްދާ ކަމުގެ ކަންބޮޑުވުން ފާޅުކުރި ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި އިއްޔެ ކ. ގުރައިދޫއަށް ޒިޔާރަތްކުރައްވައި އެ ރަށުގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރެއްވުމަށްފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝާހިދު ވިދާޅުވީ ގުރައިދޫން ދިމާވި ރައްޔިތުންގެ ފަރާތުން ސަރުކާރާމެދު އޮތް ނުތަނަވަސްކަމާއި މާޔޫސްކަން ސާފުކޮށް ފެނިގެންދިޔަ ކަމަށެވެ. އަދި ޤައުމުގެ އިޤްތިޞާދީ ޙާލަތު ދަށަށް ގޮސް، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފުދުންތެރިކަން ގެއްލެމުންދާ ކަމުގެ ޝަކުވާ އެ ރައްޔިތުން ހިއްސާކުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

View post on Twitter

މީގެއިތުރުން، 2028 ވަނަ އަހަރު އުފެދޭ އެމްޑީޕީގެ ވެރިކަމަކީ އެންމެހާ ރައްޔިތުންނަށް ފުދުންތެރިކަން ފޯރުކޮށްދޭނެ ސަރުކާރަކަށް ވާނެ ކަމުގެ ޔަޤީންކަން ގުރައިދޫގެ ރައްޔިތުންނަށް އެރުވި ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެ ސަރުކާރު އެކުލަވާލުމަށްޓަކައި ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޓިކެޓް އޭނާއަށް ދެއްވުމަށް ގުރައިދޫގެ ގިނަ އަދަދެއްގެ މެންބަރުން ތާއީދުކުރައްވާކަން ހާމަކުރެއްވި ކަމަށްޓަކައި އެ ބޭފުޅުންނަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 3 އަހަރު ފުރިފައިވާއިރު، އިދިކޮޅު މައި ޕާޓީ އެމްޑީޕީން ދަނީ ސަރުކާރުގެ ސިޔާސަތުތަކަށާއި ޤައުމުގެ މާލީ އަދި އިޤްތިޞާދީ ޙާލަތަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޚާއްޞަކޮށް ޓެކުހާއި ފީތައް ބޮޑުކުރުމާއި، ތަކެތީގެ އަގު އުފުލި ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވަމުންދާތީ އެ ޕާޓީން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް އަމާޒުކޮށް އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން މިހާރު ވަނީ ފެށިފައެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ އަބްދުﷲ ޝާހިދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނުކުރައްވައި، އަތޮޅުތަކަށް ދަތުރުތައް ފައްޓަވާފައިވާއިރު، މިއީ އެ ޕާޓީ އަލުން އަނބުރާ ވެރިކަމަށް ގެނައުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ހަރަކާތްތަކެކެވެ.

https://wamco.com.mv/
tel:+9607331319