logo
އެލްޖީއޭގެ ނަންބޯޑު---

އެލްޖީއޭގެ ނަންބޯޑު---

މުއްދަތެއް ނެތް ގޮތަށް ފަސްކުރި އެލްޖީއޭގެ ބޯޑު އިންތިހާބު މި މަހުގެ 31 ގައި!

profile

ޖިނާން ޙުސައިން ޖަބީން - 15 އޮކްޓޯބަރު 2026 - 13:52

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ރަށު ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން ތަމްސީލުކުރާނެ މެންބަރުން އިންތިހާބުކުރުން މި މަހުގެ 31 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައި، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ.

https://wamco.com.mv/

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ބާއްވާ މި އިންތިހާބަކީ އެކި ސަބަބުތަކާ ހުރެ މީގެކުރިން ދެ ފަހަރެއްގެ މަތިން ފަސްކުރަން ޖެހުނު އިންތިހާބެކެވެ. އެންމެ ފުރަތަމަ މިދިޔަ އޮގަސްޓު މަހުގެ އަށްވަނަ ދުވަހު މި އިންތިހާބު ބާއްވަން ތާވަލުކުރި ނަމަވެސް، ހުށަހެޅުނު ބައެއް ޝަކުވާތަކާ ގުޅިގެން ފަސްކުރަން ޖެހުނެވެ. އޭގެ ފަހުން އިންތިހާބާ ގުޅޭ މުހިންމު އިދާރީ މަސައްކަތްތަކެއް ފުރިހަމަނުވާތީ، ޕާޓީތަކުން ކެންޑިޑޭޓުން ކަނޑައަޅާފައި ވަނިކޮށް އެލްޖީއޭއިން ވަނީ މި އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

އެލްޖީއޭއިން ބުނީ، މި މަހުގެ 31 ވާ ހޮނިހިރު ދުވަހު ބާއްވާ މި އިންތިހާބުގެ ވޯޓު ނެގުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށެވެ. މި އިންތިހާބުގައި ވޯޓުލުމަށް މައިގަނޑު ތިން ސަރަހައްދެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:

  1. މާލެ ސިޓީ: ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އޮފީހުގައި
  2. އަތޮޅުތެރޭގައި: ސަރުކާރުގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި
  3. އައްޑޫ ސިޓީގައި: ހުޅުދޫ އިޖުތިމާޢީ މަރުކަޒު (ކުރީގެ ހުޅުދޫ ސްކޫލް) ގައި

އެލްޖީއޭގެ ބޯޑަކީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރަކާއި، ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ އިތުރުން ޖެންޑަރ، ޕަބްލިކް އެޑްމިނިސްޓްރޭޝަން، މަދަނީ ޖަމުޢިއްޔާ އަދި މާލީ ދާއިރާ ތަމްސީލުކުރާ ބޭފުޅުންނާއި، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އިންތިހާބުކުރާ ދެ މެންބަރުން ހިމެނޭހެން އެކުލަވައިލެވޭ ބޯޑެކެވެ.

އެލްޖީއޭއިން ވަނީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ ފަރާތްތަކުން ވެސް އާންމުކޮށްފައިވާ ދާއިމީ ލިސްޓު ޗެކުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ވޯޓުލުމުގެ ހައްގު އަދާކުރުމަށް އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
tel:+9607331319