.jpeg&w=3840&q=75)
ބަޖެޓަށްވުރެ ހަރަދުތައް އިތުރުވި ކަމަށް ދައްކާ ސަބަބު އެލްޖީއޭއިން ސާފުކޮށްދީފި

ޖިނާން ޙުސައިން ޖަބީން - 08 އޮކްޓޯބަރު 2026 - 11:55
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ހަރަދުކޮށްފައިވާ ކަމަށް ދައްކާ ސަބަބު އެ އޮތޯރިޓީން ސާފުކޮށްދީފިއެވެ.
އެލްޖީއޭއަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ހަރަދުކޮށްފައިވާ ކަމަށް ދައްކާ ސަބަބަކީ އަލަށް އުފެއްދި އަތޮޅު ގޮފިތަކުގެ ހަރަދުތައް އެ އޮތޯރިޓީގެ ހަރަދުތަކުގެ ތެރޭގައި ހިމެނުމުންނެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކާ ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ޝާއިއުކޮށްފައިވާ ހަބަރުތަކާ ގުޅިގެން ކަމުގެ ހަގީގަތް ހާމަކޮށް އެލްޖީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް އަލަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން މީގެ ކުރިން ހިންގަމުން އައި އަތޮޅު ކައުންސިލްތައް އުވާލައި އަތޮޅުތަކުގައި އެ އޮތޯރިޓީގެ ގޮފިތަކެއް ގާއިމުކުރެވިފައިވާ ކަމަށެވެ.
އަތޮޅުތަކުގައި އެލްޖީއޭގެ ގޮފިތައް ގާއިމުކުރުމާއެކު އެ އިދާރާތަކުގެ މުވައްޒަފުންގެ މުސާރައާއި، އިނާޔަތްތަކާއި އެ އޮފީހުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާތައް ދެއްކުމާއި، އެ އިދާރާތައް ހިންގުމަށް ބޭނުންވާ އެންމެހައި އިދާރީ ހަރަދުތައް ކުރުމުގެ ޒިންމާ އެ އޮތޯރިޓީއަށް މަތިކޮށްފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެލްޖީއޭއިން ހާމަކޮށްފައިވާ ގޮތުގައި، ދައުލަތުން މި އަހަރަށް ފާސްކޮށްދީފައިވަނީ 37.3 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ އެލްޖީއޭގެ އަތޮޅު ގޮފިތައް އުފެދުމުގެ ކުރިން ފާސްކޮށްފައިވާ ބަޖެޓެއް ކަމުން، އަތޮޅު ގޮފިތައް ހިންގުމުގެ ހަރަދުތައް އެ ބަޖެޓުގައި ހިމަނާފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ. މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް އެ އޮތޯރިޓީގެ އަސްލު ބަޖެޓުން ހަރަދުވެފައިވަނީ 18.5 މިލިއަން ރުފިޔާއެވެ.
އަތޮޅު ގޮފިތަކުގެ ހިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށާއި މުވައްޒަފުންގެ މުސާރަ ދިނުމަށް ބޭނުންވާ ފައިސާ، ފިނޭންސް މިނިސްޓްރީގައި އެދިގެން ބަޖެޓަށް އިތުރުކޮށްދީފައިވާކަން ފާހަގަކުރަމުން އެ އޮތޯރިޓީން ބުނެފައިވަނީ، މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހުން ފެށިގެން މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް އަތޮޅު ގޮފިތައް ހިންގުމަށް 61.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ އެ ފައިސާގެ ތެރެއިން ކަމަށެވެ.
ކަންމިހެން އޮތުމުން ހަރަދުތައް ބަޖެޓަށްވުރެ އިތުރުވެފައިވާ ކަމަށް ދައްކަނީ، އަހަރީ ބަޖެޓުގެ އިތުރުން އަތޮޅު ގޮފިތަކަށް ހަރަދުކުރި ފައިސާ ވެސް އެ އޮތޯރިޓީގެ ހަރަދުތަކުގެ ތެރޭގައި ހިމަނާފައިވުމުން ކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ. އަދި މި ހުރިހާ ހަރަދުތަކެއް ވެސް ކޮށްފައިވަނީ މާލިއްޔަތު ގާނޫނާ އެއްގޮތަށް، ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކުގައި ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ. އެލްޖީއޭއިން ވަނީ އެ އޮތޯރިޓީއާ ގުޅޭގޮތުން ހަބަރު ފެތުރުމުގެ ކުރިން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ.


