
އައްޑޫ ސިޓީ ކައުންސިލް އިދާރާ
ޤަވާއިދާ އެއްގޮތަށް ޢިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފި

އާމިނަތު ޝަޒްލާ - 04 ނޮވެމްބަރު 2026 - 08:53
އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ކުރިއަށްދާ އަދި ކުރިއަށް ރޭވިފައިވާ ޢިމާރާތްކުރުމުގެ އެންމެހައި މަސައްކަތްތަކަކީ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް ކުރިއަށްދާ މަސައްކަތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވަނީ، ސިޓީގެ އެކި އަވަށްތަކުގައި ހިނގާ ޢިމާރާތްކުރުމުގެ މަސައްކަތްތަކަކީ ސަލާމަތީގޮތުންނާއި ފެންވަރުގެ ގޮތުން ރައްކާތެރި، އަދި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ މަސައްކަތްތަކެއްކަން ކަށަވަރުކުރުމަކީ ކައުންސިލްގެ މުހިންމު އަމާޒެއް ކަމަށެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ޤާނޫނާއި، ޕްލޭނިންގ ޤަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި ޢިމާރާތް ކުރަންވީގޮތުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި މުހިންމު ކަންތައްތަކަކަށް ސަމާލުވުމަށް ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.
އެގޮތުން ކައުންސިލުން ފާހަގަކޮށްފައިވާ މައިގަނޑު ކަންކަމަކީ:
- ޢިމާރާތްކުރުމުގެ ހުއްދަ ހޯދުން: އައްޑޫ ސިޓީ ކައުންސިލުން ދޫކުރާ ޞައްޙަ ހުއްދައެއް ނެތި އެއްވެސް ޢަމަލީ މަސައްކަތެއް ނުފެށުމަށާއި، ހުއްދައިގެ ކޮޕީއެއް މަސައްކަތްކުރާ ސައިޓުގެ ބޭރުން ފެންނާނެހެން ބެހެއްޓުން.
- ޤާނޫނުތަކާއި ޤަވާއިދުތަކަށް ތަބާވުން: ޢިމާރާތުގެ ސްޓްރަކްޗަރަލް ކުރެހުންތަކާއި މަސައްކަތަށް ބޭނުންކުރާ ތަކެތި ހުންނަންވާނީ ޢިމާރާތްކުރުމުގެ ޤާނޫނުތަކާއި މިންގަނޑުތަކާ އެއްގޮތަށް ކަމަށްވުން.
- ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން: މަސައްކަތްކުރާ ސައިޓުގައި ތިބޭ މަސައްކަތްތެރިންނާއި، މަގުމަތިން ހިނގާބިނގާވެ އުޅޭ ޢާންމުންގެ ސަލާމަތަށްޓަކައި ފެންސު ޖެހުމާއި، ސޭފްޓީ ނެޓް ދެމުމުގެ އިތުރުން މުދަލަށް ގެއްލުން ނުވާނެ ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަކުރުން.
- މަސައްކަތް ބެލެހެއްޓުން: ކޮންމެ ސައިޓެއްގައިވެސް ރަޖިސްޓްރީވެފައިވާ ސުޕަވައިޒަރަކު ނުވަތަ އިންޖިނޭރަކު މަސައްކަތް ހިނގާގޮތް ޤަވާޢިދުން ބެލެހެއްޓުން.
ކައުންސިލްގެ އިޢުލާނުގައި އިތުރަށް ވިދާޅުވެފައިވަނީ، މި އެންގުމާ ޚިލާފަށް އަދި ކަނޑައެޅިފައިވާ ޤަވާއިދުތަކުގެ މިންގަނޑުތަކާ ނުބައްދަލުކޮށް ކުރިއަށްދާ މަސައްކަތްތައް ހުއްޓުވުމާއި، ޢިމާރާތްކުރުމުގެ ޤާނޫނާއި ޤަވާއިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވާ ކަމަށެވެ.
އައްޑޫ ސިޓީގައި ޢިމާރާތްކުރުމުގެ އެންމެހައި ކަންކަން ހަމަޖެހިފައިވާ އުޞޫލުތަކުގެ ތެރެއިން ގެންދިއުމަށްޓަކައި، ރައްޔިތުންނާއި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގޭތެރެއަށް ފެހިކަމާއި ތާޒާކަން: ވައި ސާފުކޮށްދޭ ގުދުރަތީ "އެއަރ ޕިއުރިފަޔަރ" ތައް!
ގަޑިއިރެއް ކުރިން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި ސިޓީއެއް ބިނާކުރުން ސޯޝަލް ކޮމިޓީއަށް!
ގަޑިއިރެއް ކުރިން

ސިޓީ ކައުންސިލުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދުސްތޫރީ މައްސަލައެއް ކޯޓަށް ވައްދަނީ
ގަޑިއިރެއް ކުރިން

އެމްޑީޕީ ސަރުކާރާއި މި ސަރުކާރުގެ ތިންވަނަ އަހަރުގެ ބަޖެޓުގެ ފަރަގަކީ 30 ބިލިއަން ރުފިޔާ
ގަޑިއިރެއް ކުރިން


