logo
އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ  މެމްބަރު އިބްރާޙިމް ނާޒިލް  / ފޮޓޯ: މަޖިލިސް

އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ނާޒިލް / ފޮޓޯ: މަޖިލިސް

އެމްޑީޕީ ސަރުކާރާއި މި ސަރުކާރުގެ ތިންވަނަ އަހަރުގެ ބަޖެޓުގެ ފަރަގަކީ 30 ބިލިއަން ރުފިޔާ

profile

މުޙައްމަދު ފަޟްލޫން - 04 ނޮވެމްބަރު 2026 - 08:49

އެމްޑީޕީ ސަރުކާރާއި މި ސަރުކާރުގެ ތިންވަނަ އަހަރުގެ ބަޖެޓުގެ ފަރަގަކީ 30 ބިލިއަން ރުފިޔާ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ނާޒިލް ވަނީ މި ސަރުކާރުގެ އިގްތިސާދީ ވަޒީރަށް ގައުމުގެ އިގްތިސާދު ކުރިއެރުވުމަށް އެދެވޭ އެއްވެސް މަސައްކަތެއް ކުރެއްވިފައި ނުވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ވޭތުވެދިޔަ ހަފުތާގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން، ކުރިން 5.7 އިންސައްތައިގައި ކުރިއަރާނެ ކަމަށް ލަފާކުރި އިގްތިސާދު، ކުރިއަރައިގެން ދިޔައީ އެންމެ 0.6 އިންސައްތައިން ކަމަށް ވިދާޅުވިކަން ނާޒިލް ވިދާޅުވިއެވެ.

އިގްތިސާދީ ވަޒީރަށް އިގްތިސާދު ވަރަށް ރަނގަޅަށް ހިންގިފައި އެބައޮތް ނޫންތޯ؟ 5.6 އިން 0.6 އަށް އިގްތިސާދު ވެއްޓިގެންދިޔަ ވާހަކަ މި ވިދާޅުވީ ފިނޭންސް މިނިސްޓަރު ޖަލްސާގައި ވާހަކަދައްކަވަމުން : ނާޒިލް

މީގެއިތުރުން، ޑޮލަރާ ގުޅޭ ވާހަކަތައް ދެއްކެވުމަށް އެންމެ އެކަށޭނަ ބޭފުޅަކީ ފިނޭންސް މިނިސްޓަރު ކަމަށް ވަޒީރު ސައީދު ވިދާޅުވި ނަމަވެސް، އެކި ޕޯޑިއަމްތަކުގައި އެ ވާހަކަ އެންމެ ގިނައިން ދައްކަވަނީ ސީދާ އިގްތިސާދީ ވަޒީރު ކަމަށް ނާޒިލް ވިދާޅުވިއެވެ. އެހެންކަމުން، ޑޮލަރާ ގުޅޭގޮތުން ސުވާލުކުރަންޖެހޭނީ ވެސް އިގްތިސާދީ ވަޒީރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޑޮލަރުގެ އަގު ކޮންޓްރޯލުން ނެއްޓި، 10 ރުފިޔާއަށް ދަށްވާނެ ކަމުގެ ވާހަކަ ދައްކަވަނީ ވެސް ހަމަ އެ ވަޒީރު ކަމަށްވުމުން، އެކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ.

ވޭތުވެދިޔަ ސަރުކާރުގެ ބަޖެޓުތަކާ އަޅާކިޔުއްވަމުން ނާޒިލް ވިދާޅުވީ، އެމްޑީޕީ ސަރުކާރުގެ ފުރަތަމަ އަހަރު ކަމަށްވާ 2019 ވަނަ އަހަރު ފާސްކުރީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ފުރަތަމަ އަހަރު 52.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު، އެއީ 22 ބިލިއަން ރުފިޔާގެ ބޮޑު ފަރަގެކެވެ. އަދި ދެ ސަރުކާރުގެ ދެވަނަ އަހަރުގެ ބަޖެޓުގެ ފަރަގަކީ 23 ބިލިއަން ރުފިޔާ ކަމަށާއި، ތިންވަނަ އަހަރުގެ ބަޖެޓުގެ ފަރަގަކީ 30 ބިލިއަން ރުފިޔާ ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319