
ހައްޖުގެ މަތިވެރި އަޅުކަމަށް ދިއުމަށް ބަހުގައި ތިބި އެއާޕޯޓަށް އަންނަނީ
ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ގްރޫޕުން 235 މީހުން ފުރައިފި

ރިޟްވާން މޫސާ - 15 މޭ 2026 - 10:43
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕުން 235 މީހަކު މިއަދު ހައްޖުގެ މަތިވެރި އަޅުކަމަށް ފުރައިފި އެވެ.
ހައްޖުވެރިން ފުރުވާލުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީ އެލް އިން ވަނީ ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސައިދީފަ އެވެ.
އެމްއޭސީ އެލް އިން "އަސްލު ޓީވީ" އަށް މައުލޫމާތު ދެއްވަމުން ބުނީ ހައްޖުގެ މަތިވެރި އަޅުކަމަށް ފުރާ ހައްޖާޖީންނަށް ވީހާވެސް ފަސޭހަ އަދި ރަގަޅު ޙިދުމަތްތަކެއް އެއާޕޯޓުން ހަމަޖެއްސުމަކީ މި ދަޑިވަޅުގައި އެކުންފުންޏަށް އޮތް އެންމެ ބޮޑު މަސްއޫލިއްޔަތު ކަމުގައި ދެކިގެން އެ އިންތިޒާމުތައް އެފަރާތްތަކަށް ހަމަޖައްސަވައި ދެއްވާފައިވާ ކަމަށެވެ.
ހައްޖާޖީންނަށް ފަސޭހަ ވާނެހެން މަޑުކޮށްލުމަށްޓަކައި އެމްއޭސީ އިން ވަނީ އެއާޕޯޓުގެ ޑޮމިޗްޓިކް ޓާމިނަލް ސަރަހައްދު ހާއްސަކޮށްފަ އެވެ.
ހައްޖުވެރިން ބަހުގައި އެއާޕޯޓަށް ގެނެސްދިނުމުގެ އިންތިޒާމުތައް އެމްޓީސީސީ އާއި ވެސް ގުޅިގެން ކުރިއަށް ގެންގޮސްފައިވާއިރު ބަހުގައި ހައްޖާޖީންނަށް މާ ދުރަށް ހިނގަން ނުޖެހި ސީދާ ޑޮމިސްޓިކް ޓާމިނަލް ކުރިމައްޗަށް މަޑުކޮށް ހައްޖުވެރިން ބަހުން ފޭބުމުން އެއާޕޯޓްުގެ އިންތިޒާމުތައް ވެސް ކިޔައިދީ ހަމަޖައްސައި ދިނުމަށްޓަކައި އެމްއޭސީއެލްގެ ގިނަ މުއައްޒަފުންނަކެއް ހަރަކާތްރިވެދީފައިވާ ކަން ފާހަގަކޮށްލެވެ އެވެ.
ޑޮމިސްޓިކް ޓާމިނަލްގެ ކުރިމަތީގައި އޮންނަ ލޮންޖް ގައި ވަނީ ހައްޖާޖީންނަށް ހުކުރު ނަމާދުކުރެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސައިދީފަ އެވެ.
ދިވެހިރާއްޖެއަށް މިއަހަރުވެސް ރަސްމީ ކޯޓާގައި 1000 ކޯޓާ ވަނީ ލިބިފައެވެ. ޙައްޖުވެރިން ސަޢުދީ ޢަރަބިއްޔާއަށް ގެންދިޔުމަށް 4 ފްލައިޓެއް ބާއްވާނެއެވެ. އެއީ، ސަޢޫދިއާ އެއާލައިންގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެވެ. ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ފުރާއިރު، މިމަހުގެ 17 ވަނަ ދުވަހާއި 18 އަދި 19 ވަނަ ދުވަހުވެސް ޙައްޖުވެރިން ފުރާނެއެވެ.
މިމަހުގެ 17 ވަނަ ދުވަހު އޮންނަ މޯލްޑިވިއަންގެ ފްލައިޓުގައި 252 ޙައްޖުވެރިން ފުރާނެއެވެ. އަދި 18 ވަނަ ދުވަހު އޮންނަ ސަޢޫދިއާ އެއާލައިންގައި 250 ޙައްޖުވެރިން ފުރާއިރު، މިމަހުގެ 19 ވަނަ ދުވަހު އޮންނަ މޯލްޑިވިއަންގެ ފްލައިޓުގައި 252 ޙައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ހައްޖުވެރިން ފުރަން އޮންނަ ދުވަހުގެ ކުރިން އެމީހުންގެ ފޮށިތައް ނަގާ ދުރާލާ ޗެކިން ކުރުމުގެ މަސައްކަތް ޙައްޖު ކޯޕަރޭޝަނުން ވަނީ ކޮށްފައެވެ. އަދި އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ޙައްޖުވެރިންނަށް ޚާއްސަ ކޮށްގެން ބަސް ދަތުރުތައް ބާއްވާކަންވެސް ފާހަގަކޮށްލެވެއެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޙައްޖުވެރިންނަށް މައްކާ ރޫޓުގެ ޚިދުމަތް ލިބެއެވެ. މިއާއެކު ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ގިނަ ވަގުތު ހޭދަނުކޮށް ހޮޓަލަށް ދިޔުމުގެ ދަތުރު ފެށޭނެއެވެ.
ޙައްޖުގެ އަޅުކަމުގައި އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހެނީ، މިނާގައި ތިބޭ ދުވަސްތަކުގައެވެ. އެހެންކަމުން މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ، ދިވެހި ޙައްޖުވެރިން މިނާގައި ތިބޭ ސަރަޙައްދު ބަދަލުކޮށް ކެޓަގަރީވެސް މަތިކޮށްފައެވެ. މީގެ އިތުރުން މިފަހަރު ވަނީ، ދިވެހިންނަށް ޚާއްސަ ފާޚަނާތައްވެސް އިތުރުކޮށްފައެވެ.
މުޅިން އައު ފާޚާނާ އިމާރާތެއް ހަދާ، މިއަހަރު އެ އަދަދު ފަސްދޮޅަހަށްވުރެ އިތުރު ކޮށްފައިވެއެވެ. ފަސޭހައިން ބޭނުންކުރެވޭ ގޮތަށް، އަންހެނުންނާއި ފިރިހެނުންގެ ފާޚާނާ ބަރި ހުންނާނީ ވަކިންނެވެ.
ގުޅުން ހުރި ޙަބަރުތައް
ވިސާ އަކާއި ނުލައި ދިވެހިންނަށް ސޭޝެލްސްއަށް ދަތުރުކުރުމުގެ ފުރުސަތު ލިބިއްޖެ!
ގަޑިއިރެއް ކުރިން

ގައުމުގެ އިޖުތިމާއީ ފޭރާން ރަގަޅުކުރެވޭނީ ބަދަހި އާއިލާތަކަކުން: ރައީސް
ގަޑިއިރެއް ކުރިން

ވަކި ފަންނަކަށް ނިސްބަތްވާތީ، ސަރުކާރުން އަޅާ ފިޔަވަޅުތަކުން އިސްތިސްނާއެއް ނުވާނެ: ސަރުކާރުގެ އިސް ތަރުޖަމާނު
ދުވަހެއް ކުރިން

މޫސުން ގޯސްވެ ސަމާލުވާން އަންގައިފި: މެޓް އޮފީސް
ދުވަހެއް ކުރިން


.gif&w=3840&q=75)