
ވަތަނީ ހިދުމަތުގެ ފުރަތަމަ ބުރު، 344 ދަރިވަރުން ފުރިހަމަކޮށްފި

ޝަހްޒާ މުޙައްމަދު - 28 ޑިސެމްބަރު 2025 - 13:45
ދިވެހި ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ ތަމްރީނުތައް ފުރިހަމަކޮށް 344 ދަރިވަރުން ދަސްވެނިވެއްޖެއެވެ.
މި ޕްރޮގްރާމަކީ ޒުވާނުންގެ މެދުގައި ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި މަޝްރޫޢެކެވެ.
ޅ. މާފިލާފުށީގައި 3 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނުގައި ޤައުމިއްޔަތު، ލީޑަރޝިޕް، އަދި އަސްކަރީ ބައެއް ހުނަރުތައް އުނގަންނައިދީފައިވެއެވެ.
ތަމްރީނު ނިންމި ދަރިވަރުންގެ ޝަރަފުގެ ހިނގާލުން ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫނެވެ.
މި ޕްރޮގްރާމުގެ ދެވަނަ ބުރު 350 ބައިވެރިންނާއެކު އަންނަ ޖެނުއަރީ މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން މިހާރު ރާވާފައިވާގޮތުން 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ދިވެހި ވަޠަނީ ޚިދުމަތުގެ ގުނަވަނެއްގެ ގޮތުގައި ފަންނީ ތަމްރީން އިފްތިތާޙްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން، "ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ" ފުރިހަމަކުރާ ބައިވެރިންގެ ތެރެއިން، ޝައުޤާއި، ކޯސްތަކުގެ ޖާގަ ހުރި މިންވަރަށް ބިނާކޮށް، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތަކުން އެބައިވެރިންނަށް ފުރުޞަތު ފަހިކޮށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ވަތަނީ ހިދުމަތުގެ ޕްރޮގްރާމު އިފްތިތާހުކޮށްފައިވަނީ އޮކްޓޯބަރ މަހުގެ 1ވަނަ ދުވަހުއެވެ.






