އދ ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް ރާއްޖެ ވާދަކުރަން ނިންމައިފި

މުޙައްމަދު ފަޟްލޫން - 24 ފެބްރުއަރީ 2026 - 08:30
އދ ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް 2030 ވަނަ އަހަރު ދިވެހިރާއްޖެ އިން ވާދަކުރަން ނިންމައިފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ އ.ދ ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގެ 61 ވަނަ ސެޝަންގެ ޢާންމު ބަހުސްގައި ބައިވެރިވެރިވެވަޑައިގެން ހާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލު ކުރެއްވި ތަގުރީރުގެ ތެރެއިން ނެވެ.
ވަޒީރުގެ ތަގްރީރުގައި ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ އުޞޫލުތަކަށް ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ކޮންމެ މީހަކީވެސް މިނިވަންކަމާއި ހަމަހަމަކަން އަދި އިންސާނީ ޙައްޤުތައް ކަށަވަރުވެފައިވާ ބައެއްކަން ހަނދާންކޮށްދެއްވައި، އެ އުޞޫލުތައް ނެގެހެއްޓުމަކީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ޒިންމާއެއްކަން ހަނދާންކޮށްދެއްވިއެވެ.
މީގެ އިތުރުން އިންސާނީ ޙައްޤުތައް ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި މަޝްވަރާކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ.
ޑިމޮކްރެޓިކް ވެރިކަން ހަރުދަނާ ކުރުމަށާއި، ޤާނޫނު ހިންގުމަށާއި، މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައިވެއެވެ. އަދި، ކޮރަޕްޝަނާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކާއި، އަންހެން ވިޔަފާރިވެރިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ކުޑަކުދިން ފަދަ ޚާއްސަ އަޅާލުން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އިޖްތިމާޢީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ވަޒީރު ހިއްސާކުރެއްވިއެވެ.
މިދިޔަ އަހަރު އދ ހެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުގެ ނައިބު ރައީސްކަމުގެ މަގާމު ވެސް ރާއްޖެއިން ވަނީ ފުރާފަ އެވެ.
ރާއްޖޭން މީގެ ކުރިން ވެސް ވަނީ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގައި 2011 އިން 2013 ވަނަ އަހަރުގެ ނިޔަލަށް އަދި 2014 އިން 2016 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ ދައުރު ފުރިހަމަކޮށްފަ އެވެ.
މީގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށް ދިޔަ ދައުރުގައިވެސް ރާއްޖެއަކީ މަޖިލީހުގެ މެންބަރެކެވެ. އަދި، ރާއްޖޭން ވަނީ 2013 ވަނަ އަހަރާއި 2023 ވަނަ އަހަރު، މަޖިލީހުގެ ނައިބު ރައީސްގެ މަގާމު އަދާކޮށްފަ އެވެ.






.gif&w=3840&q=75)