logo

އިންސާނާ މަރުވުމަށްފަހުވެސް ފައިދާ ކުރާނޭ 3 ޢަމަލެއް!

profile

އަހުމަދު ޒަލީފު - 12 މާރިޗު 2024 - 13:03

--

--

(إذا مات الإنسان انقطع عمله إلا من ثلاث : صدقةٌ جاريةٌ ، وعلمٌ يُنْتَفَعُ بِهِ ، وولدٌ صَالِحٌ يَدْعُو له )

الترمذي – قال : هذا حديثٌ حسنٌ صحيحٌ

މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. އިންސާނާ މަރުވުމަށްފަހު، ތިން ކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ހުއްޓި ދެއެވެ. އެއީ، صدقة جارية ދެމިގެންދާ ޞަދަޤާތެކެވެ. وعلم يُنتفع به ، ފައިދާ ކުރަނިވި ޢިލްމެކެވެ. وولد صالح يدعو له އަދި އޭނާއަށް ދުޢާ ކުރާނޭ ޞާލިޙު ދަރިއެކެވެ.

އެހެންކަމުން، މި ޙަދީޘްފުޅުގައި މި ވަނީ އިންސާނާ މަރުވުމަށްފަހު ތިން ކަމަކުން މެނުވީ އޭނާއަށް ފައިދާއެއް ނުކުރާނެ ވާހަކައެވެ. ފުރަތަމަ ކަމަކީ، ދެމިގެންދާ ޞަދަޤާތެކެވެ. އެއީ މިސާލަކަށް، މިސްކިތެއް ބިނާކޮށްފައި ދިޔުން، ސްކޫލެއް ބިނާކޮށްފައި ދިޔުން، ފެން ވަޅެއް ބިނާކޮށްފައި ދިޔުން، ވަޤްފެއް ދޫކޮށްފައި ދިޔުން ފަދަ ކަންކަމެވެ. އެކަންކަމުން މީސްތަކުން ފައިދާ ލިބިގަންނަހާ ހިނދަކު އޭނާ ކަށްވަޅުގައި އޮތަސް އެކަމުގެ ޘަވާބާއި ދަރުމަ ލިބިގެންދާނެއެވެ.

ދެވަނަ ކަމަކީ، ދޫކޮށްފައިދާ ފައިދާ ކުރަނިވި ޢިލްމެކެވެ. އެކަމުން މީސްތަކުން ފައިދާ ލިބިގަންނަހާ ހިނދަކު އޭނައަށް އެކަމުގެ ޘަވާބާއި ދަރުމަ މެދުނުކެޑި ލިބެމުން ދާނެއެވެ. އެހެންކަމުން، މީގެ ތެރޭގައި ހިމެނޭނީ ޢިލްމުވެރިން އެކަންޏެއް ނޫނެވެ. ޢިލްމުވެރިންނާއި އެކުގައި އެ ޢިލްމު މީސްތަކުންގެ މެދުގައި ފަތުރާ މީހުންވެސް ހިމެނޭއެވެ. އެގޮތުން، މީހަކަށް ފޮތެއް ހަދިޔާ ކުރުމުގެ ސަބަބުން އެ ފޮތުން އެމީހަކު ފައިދާ ލިބި ، އެނާގެ ފަރާތުން އެހެން މީހަކަށް އެކަމުން ފައިދާ ލިބި ، އެގޮތަށް ކިތަންމެ ދުރަކަށް ދިޔަޔަސް އެ ފޮތް ހަދިޔާ ކުރި މީހާއަށް އެ އެ އެންމެންގެ ޘަވާބާއި ދަރުމަވެސް ލިބިގެން ދާނެއެވެ. އެހެންކަމުން، މި ބާބުގައިވެސް އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތެއް ކުރަން އެބަ ޖެހެއެވެ. ކޮންމެ މީހަކީ ޢިލްމުވެރިޔަކަށް ނުވެދާނެއެވެ. ނަމަވެސް، ޢިލްމުވެރި ދެއްވާފައިވާ ދަރުސްތަކާއި، ލިޔުއްވާފައިވާ ފޮތްތަކާއި ލިޔުއްވުންތައް މީސްތަކުންގެ މެދުގައި ފެތުރިދާނެއެވެ. އެއިގެ ސަބަބުން މީސްތަކުންނަށް ފައިދާ ކުރާހާ ހިނދަކު އަޅުގަނޑުމެންނަށްވެސް އެކަމުގެ ޘަވާބާއި ދަރުމަ މެދުނުކެޑި ލިބިލިބި ހުންނާނެއެވެ. މިއަށްވުރެ ވަކި ބޮޑު ނަޞީބެއް ކޮބައިތޯއެވެ؟

ތިންވަނަ ކަމަކީ، ޞާލީޙު ދަރިއެއް ދޫކޮށްފައި ދިޔުމެވެ. އެ ދަރިފުޅު ކުރާ ހެޔޮ ދުޢާގެ ޘަވާބާއި ދަރުމަ އެމައިންބަފައިންނަށް މެދުނުކެޑި ލިބިލިބި ހުންނާނެއެވެ. ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކޮށްފައި ދިޔުމަކީ މައިންބަފައިންނަށް ކުރެވޭ އެންމެ ރަނގަޅު އެއް ކަންތަކެވެ. އެހެނީ، އެއީ ކުރީގައި ބަޔާންވެފައިވާ ފައިދާ ކުރަނިވި ޢިލްމެއް ދޫކޮށްފައި ދިޔުމުގެ ކެޓަގަރީގައިވެސް ހިމެނޭނެއެވެ. އެހެެނީ، މައިންބަފައިން އެ ދަރިންނަށް ދޭ ހެޔޮ ތަރުބިއްޔަތާއި ނަޞޭޙަތް އެދަރިން އެދަރިންގެ ދަރީންނަށް ފޯރުކޮށްދޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެހެންކަމުން، އެތައް ޖީލަކަށް އެ މައިންބަފައިންނަށް ޘަވާބާއި ދަރުމަ މެދުނުކެޑި ޢިލްމު ފެތުރި ކެޓަގަރީންވެސް ލިބިލިބި ހުންނާނެއެވެ.

އެހެންކަމުން، މަރާ ބައްދަލު ވުމުގެ ކުރިން، މިކަންކަމަށް އަޅުގަނޑުމެންނަށް ވީ ވަރަކުން މަސައްކަތް ކުރަން ޖެހޭނެއެވެ. އެހެނީ، ހުރިހާ ޢަމަލުތަކެއްގެ ނެތިދާ ދުވަހު، މި ޢަމަލުތަކަކީ ދެމިގެންދާނެ ޢަމަލުތަކެކެވެ.


މަސްދަރު: ޢިލްމު

https://int.etukuri.mv/
tel:+9607331319