އިންސާނާއަކީ ދިއުޅުމުގެ މަރުޙާލާގައި އެއްދުވަހަށްވުރެ އަނެއް ދުވަސް ހެޔޮ ރަނގަޅު ދުވަހަކަށް ހެދުމަށް މަސައްކަތް ކުރާ މީހެކެވެ. އިއްޔެ އޭނާއަށް ކުރެވުނު ފާފަތައް މިނެކިރާ، އެ އަމަލުތައް އިޞްލާޙްކުރުމަށް އޭނާ މަސައްކަތް ފަށައެވެ. އޭނާއަށް ކުރެވިފައިވާ ފާފަތަކުން މިންޖުވުމަށް ﷲގެ މަގަށް ރުޖޫއަވެޔެވެ. މުއުމިނުންނަކީ އެބައިމީހުންނަށް ކުރެވޭ ފާފަތަކުގެ މަތީ ދެމިތިބޭ ބައެއްނޫނެވެ. އެބައިމީހުންނަކީ ކުރެވުނު ކުށްފާފަތައް ޢަފޫކުރެއްވުން އެދި ﷲގެ ހަޞުރަތައް ދައްނަވާ ބައެކެވެ، މިކަން މާތްﷲ ވަނީ އެކަލާނގެ ކަލާމްފުޅުގައި ބަޔާން ކުރައްވާފައެވެ.
ތިންކަމެއްގެ މައްޗަށް ކޮންމެ މުސްލިމަކުވެސް ތައުބާވުން ވާޖިބުވެގެންވެއެވެ. މީގެ ތެރޭގައި ހިމެނޭ ފުރަތަަމަ ކަމަކީ މާތްﷲގެ ޢަޛާބުން ސަލާމަތްވުމަށް ތައުބާ ވުމެވެ. ދެވަނަ ކަމަކީ މާތްﷲގެ ރުހިވެޑިގަތުން ލިބިގަނެ އޭނާގެ އަމަލުތައް ބަލައިގަނެވޭ އެއްޗަކަށް ހެދުމަށް ތައުބާވުމެވެ. މިއީ ވަރަށް މުހިންމު ކަމެކެވެ. މިކަން ކުރަންޖެހެނީ ފާފަ ކުރަމުން އެކަމުގެ މަތީގައި ދެމިހުރެ ކުރާ ޢަމަލުތައް މާތްﷲ ބަލައިނުގަންނަވާނެތީއެވެ. މިކަން އެކަލާގެވަނީ ކީރިތި ޤްރުއާނުގައި ބަޔާންކުރައްވާފައެވެ. إَنَّمَا يَتَقَبَّلَ اللهُ مَنَ الْمُتَّقِيْنَ. މާނައީ "ﷲ ޤަބޫލުކުރައްވާކަން ކަށަވަރީ ތަޤްވާވެރިންގެ ކިބައިންނެވެ." ތިންވަނަ ކަމަކީ ޞާލިޙް ޢަމަލުަތައް ކުރުމުގައި ހެޔޮ ތައިފީޤު ލިބިގެންވާ މީހަކަށް ވުމަށް ތައުބާ ވުމެވެ.
މާތްﷲއަށް ބިރުވެތިވާ މީހާއަށް ދުނިޔޭގައި ކުށްތަކަށް އަރައިގަންނާކަށް ނުކެރޭނެއެވެ. އަދި ހަމައެހެންމެ އެކަލާނގެ މަތިވެރިކަން އެނގޭ މީހާ ކުށެއް ކުރެވޭ ހިނދު އެ ކުށަކުން ތައުބާވުން ލަހެއް ނުކުރާނެއެވެ. އެކަލާގެ ވަޙީ ބަސްފުޅެއްގެ މާނައިގާވެއެވެ. " އަދި އެއުރެންނީ ހުތުކަން ބޮޑުވެގެންވާ ފާފައެއް ކޮށްފިނަމަ، ނުވަތަ، އެއުރެންގެ ނަފްސުތަކަށް އަނިޔާވެރިވެއްޖެނަމަ، (އެބަހީ ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ކޮށްފިނަމަ) ﷲ ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުން އެދި ދުޢާކޮށް އުޅޭ މީހުންނެވެ. ﷲ ފިޔަވާ ފާފަ ފުއްސަވާނީ ފެހެ، ކާކު ހެއްޔެވެ. އަދި، އެއުރެން ދެނެތިބި ޙާލުއެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ."
ތައުބާވުން ލަސްކުރުމަކީ ޝައިތާނާގެ ވަސްވާހުގެ ތެރެއިން ހިނގާ ކަމެކެވެ. ޝައިތާނާ ކޮންމެ ފާފަވެރިއެއްގެ ސިކުނޑިއަށް އޭނާ އަށް ގޮތްހުސްވެފައިވާ ކަމުގެ އިޙްސާސްތައް ވައްދައެވެ. ނަމަވެސް ކަން އޮތީ އެހެނެއްނޫނެވެ. މާތް ﷲ އަކީ ދީލަތިވަންތަ އޯގާވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއަށް ދުޢާކޮށް ތައުބާވުމުން އެކަލާނގެ ތައުބާ ޤަބޫލުކުރައްވާ ފާފަ ފުއްސަވައެވެ. ފާފަ ގިނަކަމުން އެކަމުން ނަފްސުތައް ތަޢައްޔަރުވެފައިވިޔަސް އެމީހެއްގެ ފާފަ ފުއްސެވުމުގައި އެކަލާނގެއީ އެންމެ ދީލަތިވަންތަ އިލާހެވެ.
ތައުބާއަކީ ހިތުގެ އަޑިން ވާންޖެހޭ އެއްޗެކެވެ. ތައުބާވާއިރު ކުރެވުނު ފާފަތަކާމެދު ދެރަވެ ހިތާމަ ކުރަންޖެހެއެވެ. އަދި ދެން އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޒުމު ކަނޑައަޅަން ޖެހެއެވެ. މާތް ﷲގެ އަޅުތަކުންގެ ތެރެއިން ބައެއްގެ ޙައްޤަށް އަރައިގަނެވިފައިވާނަމަ އެފަރާތްތަކުގެ ކިބައިން މާފަށް އެދެންޖެހެއެވެ.
މާތްﷲ ވަނީ ދުވާލާއި ރޭގަޑު ތައުބާގެ ދޮރު އެންމެންގެ މައްޗައް ހުޅުވާލައްވާފައެވެ. ރޭގަނޑު ފާފަކުރެވުނަސް އަދި ދުވާލު ފާފަ ކުރެވުނަސް އޭނާގެ އަޖަލު ހަމަވަންދެން އެކަލާނގެ ތައުބާގެ ދޮރު ބަންދު ނުކުރައްވައެވެ. ޤުދުޞިއްޔަ ހަދީޘެއްގައި މާތްﷲ އެކަލާނގެ އަޅުތަކުންނަށް ފާފަ ކުރެވޭ ހިނދު އެފާފަ ވީހާވެސް އަވަހަށް ފުއްސަވައިދެއްވުމަށް އެދި ދަންނަވަން އަނަގަވާފައިވެއެވެ. އަދި އެގޮތައް ޢަމަލު ކުރާ މީހާއަކީ އެންމެ ހެޔޮމީހާކަމަށް ވަނީ އަންގަވާފައެވެ. މީގެއިތުރުން ނަބިއްޔާ މުޙަންމަދު ޞައްލަﷲ ޢަަލއިހި ވަސައްލަމަވެސް ކޮންމެ އާދަމުގެ ދަރިތަކީ ކުށް ކުރެވޭނެ މީހެއްކަމާ، އެންމެ ރަނގަޅު މީހަކީ އެކުށަން އަވަހަށް ތައުބާވާ މީހާކަމަށް އަންގަވާފައިވެއެވެ.
ގިނަގިނައިން ހެޔޮޢަމަލު ކުރުމަކީ ކުރެވޭ ނުބައި ޢަމަލުތަކުން ފާފަ ފުއްސަވައިދެއްވާނޭ ކަމެކެވެ. އަހަރެމެން މާތް ﷲގެ ޙަޞްރަތައް ކުރިމަތިލާންވީ ތެދުވެރި ހިތަކާއެކުގައެވެ. އޭރުން ހިތްހަމަޖެހުން ހިތައް ލިބި ނަފްސަށް އިތުބާރު ލިބޭނެއެވެ. ތިބާގެ ދެދުނިޔެ ބާއްޖަވެރިވެ އަމާން ކަމާއެކު އުޚްރަވީ މަންޒިލަން ދަތުރު ކުރެވޭނެއެވެ.