logo

މިދިޔަ 6 މަސް ދުވަހުގެ ތެރޭގައި ގުރައިދޫ މަރުކަޒުން 15 މީހަކު ޢާއިލާއާ ހަވާލުކުރި

profile

އަހުމަދު ޒަލީފު - 21 މޭ 2024 - 21:05

ގުރައިދޫގައި ހުންނަ ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

ގުރައިދޫގައި ހުންނަ ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާދިނުމަށްފަހު 15 މީހަކު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށްް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެވުޒާރާއިން މިހެން ވިދާޅުވީ ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތައް ރީހެބިލިޓޭޓްކުރުމުގެ ގޮތުން މަރުކަޒުގައި ހިންގަމުންދާ އަދި ކުރިއަށް ރޭވިފައި ހުރި ހުނަރު ޕްރޮގްރާމްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުންނެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ 1976 ވަނަ އަހަރު ކ. ގުރައިދޫ ޤާއިމްކުރި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިހާރު ތިބީ ޖުމްލަ 220 މީހުންކަމަށެވެ. މީގެތެރޭގައި ހިމެނެނީ 133 ފިރިހެނުންނާއި، 87 އަންހެނުންނެވެ. މީގެތެރޭގައި 65 އަހަރުން މަތީގެ 31 މީހުން ހިމެނޭކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި އެނދުމަތިވެފައިވާ 15 މީހަކާއި، ނަފްސާނީގޮތުން ބަލި 183 މީހުންވެސް ހިމެނެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ކ.ގުރައިދޫ މަރުކަޒުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ މީހުން މުޖުތަމަޢަށް އަނބުރާ ހަވާލުކުރުމަށް ބޮޑު އިސްކަމެއްދެއްވާކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ. މިގޮތުން މިދިޔަ 6 މަސް ދުވަހުގެ ތެރޭގައި 15 މީހަކުވަނީ ޢާއިލާއާ އަނބުރާ ހަވާލުކޮށްފައި ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އެގޮތުން އެ މަރުކަޒުގައި ތިބި އަންހެން ކްލައިންޓުންނަށް ޚާއްސަކޮށް، ޕޮލިޓެކްނިކާ ގުޅިގެން ކޭކް އެޅުމުގެ ކޯހެއް މިދިޔަ ހަފްތާގެ ތެރޭގައި ބާއްވާފައިވެއެވެ. އެ ކޯސް 10 ފަރާތަކުން ފުރިހަމަކޮށްފައިވާ ކަމަށްވެސް އެ ވުޒާރާއިން މައުލޫތުދެއްވައެވެ. މީގެއިތުރުން، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުން ކަސްރަތު ޕްރޮގްރާމްތަކާއި އިޖުތިމާޢީ އެއްވުންތައް މަރުކަޒުގައި ތިބޭ ފަރާތްތަކަށް ކުރިއަށްގެންދާކަމަށްވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އަދި ކުރިއަށް އޮތް ތަނުގައި އަމިއްލަ ފަރާތްތަކާއި މުއައްސަސާތަކާއި ގުޅިގެން ގިނަ ޕްރޮގްރާމްތަކެއް އެމަރުކަޒުގައި ހިންގުމަށް ރާއްވަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ގަސް އިންދަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކާއި، ފަހަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކާއި ކުރެހުމާއި އަތު މަސައްކަތުގެ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ހިމެނެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިފަދަ ހުނަރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ އެންމެ މުހިންމު މަޤުޞަދަކީ އެވުޒާރާގެ ބެލެނިވެރިކަމުގެ ދަށުގައި ފަރުވާ ހޯދަމުން އަންނަ ކޮންމެ ފަރާތަކީ އަބުރުވެރި، އުފާވެރި، އަދި އަމިއްލަ މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ލިބިގެންވާ ފަރާތަކަށް ހެދުމެވެ.

https://int.etukuri.mv/
tel:+9607331319