logo

ސްކޫލް ބަންދާއި މީލާދީ އައު އަހަރު ފެށުމާ ދިމާކޮށް، 'އޮޕަރޭޝަން ރިވެލި'ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް

profile

އައިޝަތު އިނާޝާ - 23 ޑިސެމްބަރު 2025 - 14:46

ސްކޫލް ބަންދާއި މީލާދީ އައު އަހަރު ފެށުމާ ދިމާކޮށް، މާލެ ޕޮލިހުން ފުލުހުންގެ އެކި ބަހާތަކާ ގުޅިގެން 'އޮޕަރޭޝަން ރިވެލި'ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ހިންގުމަށް ނިންމައިފާވާ ކަމަށް މާލެ ފްރަންޓްލައިން ޕޮލިސިންގ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުﷲ ރަޝީދު ވިދާޅުވީ، ފުލުހުންގެ މަސައްކަތްތަކުގެ ތެރޭގައި ރައްޔިތުން ހުށަހަޅާ މައްސަލަތަކަށް އަވަހަށް އެޓެންޑްވުމާއި، ފުލުހުންގެ ވިސިބިލިޓީ އިތުރުކޮށް ރައްކާތެރިކަން އިހުސާސްކޮށްދިނުމާއި ކުށްހިނގާ ތަންތަނާއި، ގަޑިތަކަށް އަމާޒުކޮށް ފުލުހުންގެ އިންޓަވެންޝަންސް އިތުރުކުރުމާއި، އެކި ސަރަހައްދުތަކުގައި ފުޓްޕެޓްރޯލް ކުރުން ހިމެނޭކަަމަށެވެ. އަދި ގޭބިސީތަކާއި ވިޔަފާރިތަކަށް ޒިޔާރަތްކޮށް، ކުށުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަން ހިއްސާކޮށް، އާންމުންގެ ކަންބޮޑުވުންތައް އަޑުއަހައި ހައްލުކުރަން މަސައްކަތްކުރަމުންދާ ކަމަށާއި މުޖުތަމައުގައި އުފެދޭ ނުރައްކަލުގެ ކަންކަން ނެއިބަރހުޑް ޕޮލިސިންގގެ ދަށުން ދެނެގަނެ، ގުޅުންހުރި އިދާރާތަކާ ގުޅިގެން ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން، ސްކޫލް ބަންދާއި މީލާދީ އައު އަހަރު ފެށުމާ ދިމާކޮށް، މާލެ ޕޮލިހުން ފުލުހުންގެ އެކި ބަހާތަކާ ގުޅިގެން 'އޮޕަރޭޝަން ރިވެލި'ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ހިންގުމަށް ނިންމައިފާވާ ކަމަށާއި މި އޮޕަރޭޝަންގެ މަގުސަދުތަކަކީ ސްކޫލު ބަންދުގައި މާލެ ދޫކޮށްދާ ފަރާތްތަކުގެ ގެދޮރާއި މުދާ ރައްކާތެރިކުރުމާއި، މާލެއަށް އަންނަ ފަރާތްތަކަށް މާލެއާއި ވިލިމާލެ އަކީ އަމާން ތަނެއްކަން ކަށަވަރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ތަފާސްހިސާބުތަކަށް އަލިއަޅުވައި މައުލޫމާތު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ 911 އަށް ދުވާލަކު އެވްރެޖްކޮށް 1500 ވަރަކަށް ފޯންކޯލް ލިބޭއިރު، ރެސްޕޮންސް ޓައިމަކީ 2-5 ސިކުންތުކަމަށެވެ. އަދި ޕެޓްރޯލް މަސައްކަތްތަކުގައި 18,827 ޑިސްޕެޗް ކުރެވިފައިވާއިރު، 280,142 ސަރަހައްދު ބެލިފައިވާކަމަށާއި ކޮމިއުނިޓީ އެންގޭޖްމަންޓް 11,905 އަށް އަރާފައިވާއިރު، ރައްޔިތުންގެ ފަރާތުން އައި 1,357 ކަންބޮޑުވުމަކަށް ފުލުހުން އެޓެންޑްވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ހިންގި 8 އޮޕަރޭޝަންގައި، ގާތްގަނޑަކަށް 7 މިލިއަންނަށްވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދިފައިވާކަމަށާއި ވައްކަމާ ފޭރުމުގެ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހެޅެނީ ސައިކަލާއި މޯބައިލް ފޯނު އަދި އިލެކްޓްރޯނިކްސް ފަދަތަކެތީގެ ވައްކަމުގެ މައްސަލަތައް ކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ގާތްގަނޑަކަށް ހުރިހާ ވައްކަމެއް ވެސް ކުރަނީ ތަކުރާރުކޮށް ކުށްކުރާ ފަރާތްތަކުންކަމަށާއި މިހާރު 1000 ވަރަކަށް ރިޕީޓް އޮފެންޑަރުން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ފަރާތްތައް މުޖުތަމައާ އެކަހެރިކުރުމުން ވައްކަން މަދުވާތީ، މިފަދަ ފަރާތްތަކުގެ މައްސަލަތައް ޕްރޮސިކިއުޓަރ އޮފީހާއި ކްރިމިނަލް ކޯޓާ ގުޅިގެން އަވަހަށް ޕްރޮސެކިއުޓްކޮށް ހުކުމްކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންދާކަން ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ސައިކަލު ޕާކުކުރާއިރުޝަޓަރލޮކް ކުރުމަށާއި ޕާކުކޮށްފައި ގިނަ ދުވަސްވަންދެން ބަހައްޓާނަމަ ނުވަތަ ރަށުން ބޭރަށް ފުރައިގެންދާނަމަ އިތުބާރުކުރެވޭ މީހަކާ އުޅަނދު ހަވާލުކުރުމަށާ އަދި ޑިސްކުލޮކް ބޭނުންކޮށްގެން ތަޅުލުމާއި، ވަށިގަނޑާއި މަޑިދަށަށް އަގުހުރި ތަކެތި ނުލުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ޝައްކުކުރެވޭފަދަ ކަމެއް ފެނިއްޖެނަމަ، އެންމެ ކައިރީގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ގުޅައި، ނުވަތަ ނެއިބަހުޑް ސަޕޯޓް އޮފިސަރަށް ގުޅައި، ނުވަތަ ޕޮލިސް އެޕް މެދުވެރިކޮށް ރިޕޯޓުކުރުމަށް ވެސް އިލްތިމާސްކުރެއްވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay