
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހްމަދު ޝަމްހީދު
ވަޒީރު ސައީދަށް ރައީސްގެ އިތުބާރު ގެއްލިއްޖެ: ޑރ ޝަމްހީދު

މުޙައްމަދު ފަޟްލޫން - 04 ނޮވެމްބަރު 2026 - 07:40
ރަސްމާލެ ޕްރޮޖެކްޓްގައި އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ބައިވެރި ނުކުރާ ކަމަށާއި ވަޒީރަށް ރައީސްގެ އިތުބާރު ގެއްލިފައިވާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އިގްތިސާދީ ވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ވަޒީރަށް ނެތް ހާލަތެއްގައި، ރައްޔިތުންގެ މަޖިލީހުން ވެސް ވަޒީރަށް އިތުބާރުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ބާޒާރުގައި ޑޮލަރުގެ އަގު 23 ރުފިޔާއަށް އުފުލިފައިވާކަން ފާހަގަކުރައްވަމުން ޑރ. ޝަމްހީދު ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށް ބުނާ ރަސްމާލެ މަޝްރޫޢުގެ އެއްވެސް ކަމެއްގައި ވަޒީރު ސައީދު ބައިވެރި ނުކުރައްވާ ކަމަށެވެ.
ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިއުލާންކުރެއްވި އެއްވެސް މަޝްރޫޢެއް އެދެވޭ ގޮތެއްގައި ކުރިއަށް ގޮސްފައިނުވާ ކަމަށާއި، އެއިން އެއްވެސް ކަމެއްގެ ނަތީޖާ މިހާތަނަށް ފެނިފައިނުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ފަދަ އިންވެސްޓްމަންޓްތަކެއް ގެންނަވާނެ ކަމަށް ވަޒީރު އިއުލާންކުރެއްވި ނަމަވެސް، އެ މަސައްކަތްތަކުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައިނުވާ ކަމަށާއި، ގައުމަށް ލިބުނު އިންވެސްޓްމަންޓެއްވެސް ރައްޔިތުންނަށް ފެންނަން ނެތް ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ.
މީގެއިތުރުން، ޓައުންޝިޕްގެ މައްސަލައަކީ އާންމު ރައްޔިތުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއްކަން ފާހަގަކުރައްވައި ޑރ. ޝަމްހީދު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެހެން ދީންތަކުގެ މީހުން އާބާދުކުރުމަށް ނިންމާފައިވާ ނިންމުމަކީ ދިވެހިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭގޮތުން ވަޒީރު ސިފަކުރެއްވީ އެއީ ހާއްސަ އެސްއީޒެޑް އެއް ކަމަށާއި، ރާއްޖެއަށް މުޅިން އައު ސިނާއަތެއް ތައާރަފްކުރުން ކަމަށް މެމްބަރު ވިދާޅުވިއެވެ.
މިސަރުކާރުން ހިންގަން ނިންމާފައިވާ ޓައުންޝިޕް މަޝްރޫއަކީ ބޭރުބަޔަކަށް ޓޫރިޒަމްގެ ޕްރޮޑަކްޓެއް ޓެކްސް މާފުކޮށްފައި ދިނުން ނޫން އެހެން ކަމެއް ނޫންކަން އެންމެންނަށްވެސް އެނގޭ ކަމަށް ޑރ ޝަމްހީދު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ގޭތެރެއަށް ފެހިކަމާއި ތާޒާކަން: ވައި ސާފުކޮށްދޭ ގުދުރަތީ "އެއަރ ޕިއުރިފަޔަރ" ތައް!
ގަޑިއިރެއް ކުރިން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި ސިޓީއެއް ބިނާކުރުން ސޯޝަލް ކޮމިޓީއަށް!
ގަޑިއިރެއް ކުރިން

ޤަވާއިދާ އެއްގޮތަށް ޢިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފި
ގަޑިއިރެއް ކުރިން

ސިޓީ ކައުންސިލުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދުސްތޫރީ މައްސަލައެއް ކޯޓަށް ވައްދަނީ
ގަޑިއިރެއް ކުރިން


