logo

އެންމެ ހާދިސާއެއް: އެތައް އިހުމާލެއްގެ ވާހަކަ ކިޔައިދީފި

profile

އާމިނަތު ޝަފާ - 06 ސެޕްޓެމްބަރު 2024 - 19:40

ހާދިސާ ހިނގި ސަރަހައްދު // ފޮޓޯ: މައުރޫފް ހުސެއިން

ހާދިސާ ހިނގި ސަރަހައްދު // ފޮޓޯ: މައުރޫފް ހުސެއިން

މިއަދު މުޅި ރާއްޖެ ސިއްސުވާލި ހަބަރެވެ. ބާރަށް ދުއްވި ސްޕޯޓްސް ކާރަކުންޖެހި ޒުވާނަކު ނިޔާވީއެވެ. ސަރުކާރުގެ ބޮޑު މުއައްސަސާއެއްގައި ގައުމަށް ހިދުމަތްކުރަމުން ދިޔަ ނޫކަށި ފުރައިގެ ޒުވާނެކެވެ. އެއާއެކު ބަހުސްތައް ގިނަވެއްޖެއެވެ. އެއްބަޔަކަށް ގޯސްވީ ކަމާ ގުޅޭ އިދާރާތަކާއި މުއައްސަސާތަކެވެ. އަނެއް ބަޔަކަށް ގޯސްވީ އަގު ބޮޑެތި ކާރުތަކުގައި ތަނެްް ދޮރެއް ނުބަލާ ދުއްވާ މީހުންނެވެ.

ވީ ކިހިނެތް؟

ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއްގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގީ ރޭ ދަންވަރުގެ ވަގުތުގައެވެ. ސެންޓްރަލް ޕާކް ކައިރީގައި ހުންނަ އުރީދޫ އޮފީސް އިމާރާތާ ދިމާލުން ހިނގި އެ ހާދިސާގެ ހަބަރު ފުލުހުންނަށް ލިބުނީ ދަންވަރު 2:48 ހާއިރުއެވެ. އެއާއެކު ސައިކަލުގައި އިން 23 އަހަރުގެ ޒުވާނާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދޭންފެށިއެވެ. ނަމަވެސް ބޮލަށް ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް އޭނާ ވަނީ ނިޔާވެފައެވެ. ފަހުން އެނގުނުގޮތުގައި ޒުވާނާއަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލު ބަލަހައްޓާ އޮފިސަރެކެވެ. ތަހުގީގުކުރަމުންދާ މި މައްސަލައިގައި ފުލުުހުން އެންމެ ފަހުން އާއްމު ކުރި މަައުލޫމާތުގައި މި އެކްސިޑެންޓުގައި ކާރު ދުއްވަންއިން މީހާ ވަނީ ހައްޔަރުކޮށްފައިކަމަށް ބުނެފައިވެއެވެ. އޭނާގެ ވަނަވަރު އާއްމުކޮށްފައިވާއިރު މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ވައިލެޓްފެހި އުމުރުން 26 އަހަރުގެ މުހައްމަދު ވިސާމު ސިދުގީ ނަމަކަށް ކިޔާ މީހެކެވެ. އެއީ ކާރުގެ ޑްރައިވަރުކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ހުޅުމާލޭގައި އެކްސިޑެންޓްތަކުގެ ދިގު ތާރީހެއް!

ގްރޭޓަރ މާލެ ސަރަހައްދުގައި ހުޅުމާލެއަކީ މިހާރު އެންމެ ކުރިއަރާފައިވާ ސަރަހައްދެވެ. ހާއްސަކޮށް ސިނަމާލެ ބުރިޖާއެކު މި ސަރަހައްދުގައި އާބާދީ އެންމެ ބޮޑަށް ކުރިއަރަމުންދަނީ ހުޅުމާލޭގައެވެ. މާލެއާއި ހިލާފަށް ބިމާ ޖާގަވެސް ތަނަވަހީ ހުޅުމާލޭގައެވެ. ގައުމީ ފެންވަރުގައާއި ޖަމިއްޔާ ޖަމާއަތްތަކުގެ ފެންވަރުގައި ގިނަ ހަރަކާތްތައްވެސް މި ފަހަކަށް އައިސް ބާއްވަމުން އަންނަނީ ހުޅުމާލޭގައެވެ. ހުޅުމާލޭގެ މަގުތައް މާލޭގެ މަގުތަކަށްވުރެ ތަނަވަހެއެވެ. ނަމަވެސް މި މަގުތަކަކީ ރައްކާތެރިކަމުގެ ގޮތުން ކިހާވަރެއްގެ މަގުތަކެއްތޯ ބަލާލަންޖެހެއެވެ. ހުޅުމާލޭގެ މަގުތަކުގެ އެކްސިޑެންޓްތަކުގެ ތާރީހަށް ބަލާލަމާ ހިނގާށެވެ.

ޖުލައިމަސް ނިމިގެންދިޔައީ މިފަދަ ހާދިސާއަކުންނެވެ. ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހުނީ މަގެއްގެ އެއްފަރާތުގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައެވެ. ލިބުނު ސީިރިއަސް އަނިޔާތަކާ ގުޅިގެން ފަރުވާދީފައިވާއިރު މިހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކުރިއެވެ. މައްސަލަ އަދިވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

އޯގަސްޓުމަހުގެ ތެރޭގައި ވިނަރެސް ފްލެޓްތައް ކައިރިން ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއެވެ. 27 އަހަރުގެ ޒުވާނާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމަށް ތައްޔާރުވަމުންދާކަމަށް އޭރު މީޑިއާތަކުން ރިޕޯޓުކުރިއެވެ.

މެއިމަހު ހުޅުމާލެ ހިތިގަސް މަގު ސިންތެޓިކް ޓްރެކް ކައިރިން މަގު ހުރަސް ކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގިއެވެ. މެއިމަހު ދޮށީ އުމުރުގެ މީހަކު މަގު ހުރަސްކުރަނިކޮށް ކާރަކުން ޖެހިގެން ފަރުވާދޭންޖެހުނެވެ. ހާދިސާގައި ފުލުހުންވަނީ ކާރު ދުއްވަން އިން މީހާގެ ލައިސެންސް އަތުލާފައެވެ.

މެއިމަހުގެ ތެރޭގައި ހުޅުމާލެ ނިރޮޅުމަގުގައި އެމްޑަބްލިއުއެސްސީކައިރީގައި ހިނގި އެކްސިޑެންޓެއްގައި 36 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ. މެއިމަހު ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރީތިގަސް މަގުގައި ކާރަކާ ވޭނަކާއި އެމްޓީސީސީގެ ބަހެއް ޖެހިގެންވެސް އެކްސިޑެންޓެއް ހިނގިއެވެ. އެކްސިޑެންޓުގައި ކާރު ދުއްވި މީހާއަށް އެކި ވަރުގެ އަނިޔާތައް ލިބުނު އިރު އޭނާއަށް ހުޅުމާލެ ޓްރީޓޮފް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. އޭޕްރީލްމަހު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކާރެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއެވެ. އެކްސިޑެންޓުގައި ކާރުގެ ފަހަތު ސީޓުގައި އިން އަންހެނަކަށް ފަރުވާދޭންޖެހުނެވެ.

އޭޕްރީލްމަހު ހުޅުމާލެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ކަންމަތީގައި ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓުގައި 18 އަހަރުގެ ޒުވާނަކު ނިޔާވިއެވެ. އޭޕްރީލްމަހު ހުޅުމާލޭ ފޭސް ދޭއްގެ ފިތުރޯނު މަގުގައި ސައިކަލަކާއި އެމްބިއުލާންސެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ސައިކަލު ދުއްވަން އިން މީހާއަށް ފަރުވާދިނެވެ. މިދިޔަ ރަމަޟާންމަހު ހުޅުމާލޭ ރަޝީދު މިސްކިތުން ތަރާވިސް ނަމާުކޮށްގެން ފައިބައިގެން ގެއަށް ދިޔަ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ރޭސިން ސައިކަލެއްޖެހިގެން އޭނާއަށް އައިސީޔޫގަިއ ފަރުވާދިނެވެ. ހާދިސާގައި ފުލުހުންވަނީ މީހަކުވެސް ހައްޔަރުކޮށްފައެވެ. ހުޅުމާލޭގައި ފުރަތަމަ ފިޔަވަހީގައި ބާރު ސްޕީޑުގައި ދުއްވައިފައި ދަނިކޮށް، ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 19 އަހަރުގެ ޒުވާނާގެ ވާހަކަ މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އެރީ މާޗްމަހުއެވެ. ފެބުރުއަރީމަހުވެސް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކާރަކާއި ވޭނެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވިއެވެ. ފެބުރުއަރީމަހު ހުޅުމާލެ ފޭސް ދޭއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދިނެވެ.

މިކިޔާދިނީ ހަމައެކަނި މިއަހަރުގެ ފާހަކޮށްލެވޭ ހާދިސާތަކެެވެ.

އެކްސިޑެންޓްތަކާ ގުޅިގެން ޓްރެފިކް ފްލޯއަށް ބަދަލު!

ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގަކީ ނުރައްކާތެރި އެކްސިޑެންޓުތައް މީގެ ކުރިން ވެސް ހިނގާފައިވާ މަގެކެވެ. އެހެންކަމުން ހުޅުމާލޭގެ ބެލެނިވެރި ފަރާތަކަމަށްވާ އެޗްޑީސީންވަނީ މަގުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ސެންޓްރަލް ޕާކު ވަށައިގެން އޮންނަ ބަގީޗާ ހިނގުން އެއްކޮޅަށް ދުއްވާ މަގަކަށް ބަދަލުކުރުން ހިމެނެއެވެ.ޓްރެފިކް މައްސަލަތައް ހައްލުކޮށް، ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު ރައްކާތެރި ތަނަކަށް ހެދުމަށް ހުޅުމާލޭގެ ޖުމްލަ 11 ސަރަހައްދަކަށް ބަދަލު ގެނައުމަށް ވަނީ ނިންމައިފައެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާއިރު ބާކީ 10 ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ބައެއް ސަރަހައްދުތަކުގައި ވަށްބުރު (ރައުންޑްއެބައުޓްސް) ގާއިމުކޮށް، ސައިން ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް އެޗްޑީސީން ވަނީ އަމާޒު ހިފާފައެވެ.

ހުޅުމާލެ މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތައް ގެންނަން ނިންމީ ބައެއް މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ، ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވުމާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާތީ އެވެ. އެގޮތުން ބަދަލު ގެންނާނެ ސަރަހައްދުތައް ކަނޑައެޅީ ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު ހުޅުމާލޭގެ މަގުތަކުގެ ތެރެއިން ޓްރެފިކް އެންމެ ބާރުބޮޑުވާ އަދި ނުރައްކާތެރިކޮށް ހުރި ސަރަހައްދުތަކަށް ބަލައިގެންނެވެ.

އާއްމުންގެ ހިޔާލު އެކިގޮތައް!

ްހުޅުމާލޭގައި ސްޕޯޓްސް ކާރުތަކާއި ސައިކަލުތައް ގެންގުޅޭ މިންވަރު އިތުރުވެ ހަފްތާ ބަންދުގައި ތަފާތު މުބާރާތްތައްވެސް އަންނަނީ ބާއްވަމުންނެވެ. ރޭގެ ހާދިސާއާ ގުޅިގެން އާއްމުން ފާޅުކުރީ އެކި ހިޔާލެވެ. ހާދިސާގައި ހިޔާލު ފާޅުކޮށް އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު ވިދާޅުވީ އެ ކާރުތަކަކީ މުސާރައާއި ނުބައްދަލު ކާރުތަކެއްކަމަށެވެ. މާލެއާ ހުޅުމާލޭގެ މަގުތަކާ ނުބައްދަލު ދުވެއްޔެއްގައި ދުއްވުމުގެ ސަބަބުން ގެއްލި ދަނީ މައުސޫމް އެތައް ފުރާނައެއް ކަމަށާއި ހަލާކު ވެގެންދަނީ އެތައްބައެއްގެ ދިރިއުޅުމެއް ކަމަށް ވިދާޅުވިއެވެ. މިއީ ހައްތާވެސް ހައްލު ބޭނުންވާ ކަންކަން ކަމަށް މަތީން ވިދާޅުވިއެވެ.

ކަރުންމަތީގެ ޑޮކްޓަރު ޑރ. މައުރޫފް ހުސައިން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އެކްސިޑެންޓުވި ސަރަހައްދު ސިފަކުރައްވައިފައި ވަނީ، އެ ސަރަހައްދުގައި އޮތް ސައިކަލު ފުނޑުފުނޑުވެ އޭގެ ބައިތައް މަގުމަތިން ފެންނަން ހުރި ކަމަށެވެ. އެކްސިޑެންޓުވި ރޭސްކާރު ވެސް އެތަނުގައި އޮތް މަންޒަރު ފޮޓޯއިން ދައްކައި، އޭނާ ވަނީ މިއީ ފާއިތުވި މަދު ދުވަސްކޮޅު ތެރޭގައި އެފަދަ ކާރެއް ޝާމިލްވާ އެކްސިޑެންޓެއް ހިނގި ދެވަނަ ފަހަރުކަން ފާހަގަކުރައްވާފައެވެ.

"ހުޅުމާލޭގެ މަގުތައްމަތީގައި ރައްޔިތުން ބިރު ގަންނަވަމުން ބާރު ސްޕީޑްގައި ދުއްވާ ރޭސް ކާރު ތަކުގެ ވާހަކައެވެ. މިދިޔަ މަދު ދުވަސްކޮޅު ތަކުގެ ތެރޭގައި މިފަދަ ކާރު ތައް ޝާމިލްވާ މީ ދެވަނަ ޙާދިސާއެވެ. ރާއްޖެއަކީ ރޭސް ކާރު ދުއްވޭ ވަރުގެ ބިމަކާއި މަގުތަކެއް އޮތް ތަނެއް ހެއްޔެވެ؟"

މި ޕޯސްޓުތަކަށް ހިޔާލު ފާޅުކުރި ގިނަ ރައްޔިތުން ވަނީ ސްޕޯޓްސް ކާރުތަކުގެ ސަބަބުން އާއްމު އުނދަގުލަކަށްވެފައިވަކަމަށް ބުނެފައެވެ. އެއްބަޔަކު ޝަކުވާކުރީ ދަންވަރުގެ ވަގުތުގައި މަގުތަކުގައި އަޑު ބާރުކޮށް ދުއްވުމުން ހަމަ ނިދި ނުލިބޭވާހަކައެވެ. އަނެއްބަޔަކު ޝަކުވާކުރަނީ އާއްމު މަގުތަކުގައި ސްޕޯޓްސް ކާރުތައް ދުއްވާ މައްސަލައިގައެވެ. އަދި ސްޕޯޓްސް ކާރުތަކަށް ވަކި ބިމެއް ހަމަޖައްސާދިނުމަށްވެސް އަންނަނީ ގޮވާލަމުންނެވެ.

ޓީއެފްޖީން އިންތިޒާމު ކޮށްގެން މި މެރަތަން ބޭއްވިއިރު ނިޔާވި ޒުވާނާއަކީވެސް މި މެރަތަންގައި ބައިވެރިވާން އައިސް ހުރި ޒުވާނެއްކަމަށް މައުލޫމާތުލިބެއެވެ. މެރަތަން ފެށީ ފަތިހު ކަމަށް މައުލޫމާތު ލިބޭއިރު ރޭ ދަންވަރުން ފެށިގެން އިވެންޓުގައި ބައިވެރިވާ ޒުވާނުން އުޅުނީ އެ ސަރަހައްދުގައިކަމަށް މައުލޫމާތުލިބެއެވެ. ޒުވާނާ ނިޔާވީ ފަތިހު 3:37 ގައިކަމަށްވާއިރު އިވެންޓު އިންތިޒާމުކުރި ފަރާތުން ތައުޒިޔާގެ ޕޯސްޓެއްޖެހީ 9 ގަޑިއިރު ފަހުންކަމަށްބުނެ އާއްމުން އަންނަނީ ޝަކުވާކުރަމުންނެވެ. ދުނިޔޭގެ ޤައުމުތަކުގައި މިފަދަ ހާދިސާތައް ހިގުމުން އިވެންޓް އެހެން ތާރީޚަކަށް ފަސްކޮށްލުން ފަދަ ކަންތައް ކުރެއެވެ. އެހެންނަމަވެސް އެ މެރެތަން ވަނީ ކެންސަލްނުކޮށް ކުރިއަށް ގެންގޮސްފައެވެ.އަދި ހާދިސާގެ ފަހުންވެސް އިވެންޓުގެ އުފާފާޅުކުުރުމުގެ ހަރަކާތްތައް ކުރިއަށްދިޔަކަމަށް ބުނެ ރައްޔިތުން އަންނަނީ އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ފާޅުކުރަމުންނެވެ.

ސްޕޯޓްސް ކާރުތައް އާދަޔާ ޚިލާފަށް ބާރަށް ދުއްވާ މައްސަލަ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު، މި އެކްސިޑެންޓާ ގުޅިގެންވެސް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ހުޅުމާލޭގެ މަގުތައްމަތީގައި ބާރު ސްޕީޑްގައި ދުއްވާ ރޭސް ކާރުތައް ދުއްވާ މީހުނާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

މީގެ އިތުރުން މިފަދަ ހިތާމަވެރި ޙާދިސާއެއް ހިނގައި، މެރެތަންގައި ދުވުމަށް ރެޑީވަމުން އައި ޒުވާނެއް އެތާގައި ނިޔާ ވުމުން ވެސް މެރެތަން ކެންސަލް ނުކޮށް ކުރިޔަށް ގެންގޮސްފައިވާތީ ގިނަބަޔަކު ދަނީ ސޯޝަލް މީޑިއާގައި މިކަމުގެ ނުރުހުން ވެސް ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސްވަނީ ޕޯސްޓެއް ކުރައްވާފައެވެ. ރައީސް ވިދާޅުވީ މިފަދަ ހިތާމަވެރި ޙާދިސާތައް ހިނގުން ހުއްޓުވުމަކީ އެކަމުގައި ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލެއްވުން ބޭނުންވާ ކަމެއްކަމަށާއި ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން މިސަރުކާރުން ކުރާނެކަމުގެ ޔަޤީންކަން ހުރިހާ ރައްޔިތުންނަށް އަރުވާކަމަށެވެ. މިގޮތުން ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިހާރުވާނީ އަންގާފައިމަށް ރައީސް ވިދާޅުވިއެވެ.

ކޮންމެއަކަސް މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް ހިތާމަވެރި ހާދިސާތައް މަދުކުރެވޭނީ ފަރުދީ ޒިންމާ އަދާކޮށް މުޖުތަމައު ގެ އެންމެން އެކަތިގަނޑަކަށްވެ މަސައްކަތްކޮށްގެންނެއެވެ.

https://int.etukuri.mv/
tel:+9607331319