logo

ތިމާވެށްޓާ ރައްޓެހި ބައިސްކަލު ރާއްޖެއަށް ތަޢާރަފުކުރަނީ

profile

އައިޝަތު އިނާޝާ - 18 އޮކްޓޯބަރު 2024 - 09:30

އެންވަރެންމެންޓް މިނިސްޓަރު ޠާރިޤް އިބްރާހިމް

އެންވަރެންމެންޓް މިނިސްޓަރު ޠާރިޤް އިބްރާހިމް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާއި ގުޅިގެން ތިމާވެށްޓާ ރައްޓެހި ބައިސްކަލު ރާއްޖެއަށް ތަޢާރަފްކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް އެންވަރެންމެންޓް މިނިސްޓަރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ލޯ އެމިޝަން ޓްރާންސްޕޯޓް ޕްރޮޖެކްޓްގެ ދަށުން ތިމާވެށްޓާ ރައްޓެހި ދުއްވާތަކެތި ތަޢާރަފުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށްވެ.

އެގޮތުން ރާއްޖެއަށް ތިމާވެށްޓާ ރައްޓެހި ބައިސްކަލް ތަޢާރަފުކުރުމުގެ މަސައްކަތް މިނިސްޓްރީގެ ފަރާތުން މިހާރު ގެންދަނީ ކުރައްވަމުން ކަމަށެވެ. މިމަޝްރޫޢުގެ ދަށުން ތިމާވެށްޓާ ރައްޓެހި ބައިސްކަލް ތަޢާރަފުކުރުމަށް ހަމަޖެހިފައިވަނީ އެޗްޑީސީއާއި ގުޅިގެން ހުޅުމާލޭގައެވެ.

މިނިސްޓަރު ވިދާޅުވީ މިމަޝްރޫޢުގެ ދަށުން ބައިކް ޝެއަރިންގ ސްކީމެއް ހުޅުމާލޭގައި ފެށްޓެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ތިމާވެށްޓާ ރައްޓެހި 100 ބައިސްކަލު އެޗްޑީސީއާ ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.

"މިކަމަށްޓަކައި ސޯލާ ޗަރޖިންގ ސްޓޭޝަންތަކެއް ޤާއިމުކުރެވޭނެ. އަދި މިކަމަށް ބޭނުންވާ ދިރާސާގެ މަސައްކަތް މިހާރުވަނީ ނިމިފައި. ފައިސާވެސްވަނީ ހަމަޖެހިފައި." މިނިސްޓަރު

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ، މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ އަޕްޑޭޓެއް މީޑިއާތަކަށް ދެއްވާފައެވެ. މަޢުލޫމާތު ހިއްސާކުރައްވާފައިވަނީ ޕްރެޒެންޓޭޝަންއަކާ އެކީގައެވެ.

މިނިސްޓަރ ޠާރިޤް ވަނީ މިނިސްޓްރީން ކުރަމުންދާ މުހިންމު މަސައްކަތްތަކާއި، ކުރިއަށް ރޭވިފައިވާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި ތިމާވެށި ރައްކާތެރިކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިމެނެއެވެ.

މީގެއިތުރުން، މިނިސްޓްރީން ފަހަކަށްއައިސް ތަޢާރަފުކޮށްފައިވާ އައު ޓެކްނޮލޮޖީތަކާއި، އެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުންވެސް މިނިސްޓަރ ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވަމުން މިނިސްޓަރ ޠާރިޤް ވިދާޅުވީ، ތިމާވެށި ރައްކާތެރިކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫން ކަމަށާއި، މިކަމުގައި އެންމެހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މިނިސްޓްރީން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.


https://int.etukuri.mv/
tel:+9607331319