
ރިޕޯޓް: ރިއަލް އެސްޓޭޓް ބިލު - އޯޖީ
ރިއަލް އެސްޓޭޓް ބިލު – ޤައުމީ ސިޔާދަތާއި ބިމުގެ މިލްކުވެރިކަން ވިއްކައިލުމުގެ ނުރައްކާ
.png&w=3840&q=75)
އަހުމަދު ޖަމީލް - 16 ނޮވެމްބަރު 2026 - 03:27
ދިވެހިރާއްޖޭގެ އިޤްތިޞާދަށް ދިރުން ގެނައުމާއި ބޭރުގެ އިންވެސްޓްމަންޓްތައް ފަހިކުރުމުގެ ނަމުގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލަކީ، މިއަދު ޤައުމީ ފެންވަރުގައި އެންމެ ބޮޑު ބަޙުޘެއް އުފެދިފައިވާ އެއް މައުޟޫޢެވެ. ޤައުމުގެ އެންމެ އަގުބޮޑު ޤުދުރަތީ ވަސީލަތް ކަމުގައިވާ ބިމާ ގުޅޭ މިފަދަ ނާޒުކު ބިލެއް، އެކަށީގެންވާ ދިރާސާއަކާ ނުލައި އަވަސް އަރުވާލައިގެން ފާސްކުރަން އުޅޭ ކަމަށް ބުނެ، ސިޔާސީ މައިދާނުންނާއި ޤާނޫނީ ދާއިރާއިން މިހާރު ދަނީ ސީރިއަސް ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ.
މި ބިލުގެ މަސައްކަތް ކުއްލި ގޮތަކަށް ކުރިއަށް ގެންދިއުމުގެ އަޑީގައި ވަކި ޚާއްޞަ މަޤްޞަދުތަކެއް ވާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ. އެގޮތުން، ފުށިދިއްގަރުފަޅު ނުވަތަ "ރަސްމާލެ" މަޝްރޫޢުގެ ތެރެއިން، ޔޫ.އޭ.އީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން ނިންމާފައިވާ 500 ހެކްޓަރުގެ ބޮޑު ބިމަށް ޤާނޫނީ ހައިސިއްޔަތު ހޯދައިދިނުމަކީ މި ބިލު އަވަސްކުރުމުގެ މައިގަނޑު ސިއްރު ކަމުގައި އެ ފަރާތްތަކުން ބުނެއެވެ. ވެރިރަށް މާލޭގެ ޖުމްލަ ބިމަށްވުރެ ވެސް ބޮޑު މި ސަރަޙައްދު ބޭރުގެ އެންމެ ކުންފުންޏަކަށް ދޫކޮށްލަން މަގުފަހިކުރާއިރު، ދެފުށް ފެންނަ އުޞޫލެއް ނެތުމުގެ ސަބަބުން، ސަރުކާރުގެ ތެރޭގައި ތިބި ބަޔަކަށް މާލީ ގޮތުން ނާޖާއިޒު މަންފާތަކެއް ލިބިގެންދާނެ ކަމުގެ ސީރިއަސް ތުހުމަތުތައް ވެސް ދަނީ ފެންމަތިވަމުންނެވެ.
މިފަދަ ތުހުމަތުތަކެއްގެ އިތުރުން، ބިމުގެ މިލްކުވެރިކަމާ މެދު ދިގު މުއްދަތުގައި އުފެދިދާނެ ޤާނޫނީ ޚިލާފުތަކަކީ ވެސް އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. ބޮޑެތި ބިންތައް ކުއްޔަށް ނަގާ މާސްޓާ ޑިވެލޮޕަރުން އެ ތަންތަނުގައި ހަދާ ވިލާތަކާއި އެޕާޓްމަންޓްތައް ބޭރުގެ އަމިއްލަ އެކި ފަރާތްތަކަށް ވިއްކުމަށްފަހު، މާސްޓާ ޑިވެލޮޕަރަށް ދީފައިވާ މުއްދަތު ހަމަވާ ދުވަހަކުން ދެން އުފެދޭނެ މައްސަލަތަކަށް ބިލުގައި ސާފު ޙައްލެއް ނެތެވެ. އެ ތަންތަން ގަނެފައިވާ ބޭރު މީހުންގެ މިލްކުވެރިކަމުގެ ޙައްޤުތައް ދިފާޢުކުރަން ބައިނަލްއަޤްވާމީ އާބިޓްރޭޝަންތަކަށް ދާންޖެހިއްޖެނަމަ، ދިވެހި ދައުލަތަށް ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެއެވެ. އަދި އޭގެ ސީދާ އަސަރު ފޯރާނީ، ޒަމާނުއްސުރެ ބޯހިޔާވަހިކަމުގެ ދަތިކަމުގައި އުޅޭ ދިވެހި ރައްޔިތުންނަށެވެ. ޤައުމުގެ ބިންތައް ބޭރުގެ މުއްސަނދިންގެ އަތްމައްޗަށް ދިއުމުން، ދިވެހިންނަށް ބޯހިޔާވަހިކަން ލިބެން އޮތް ފުރުޞަތު ހަނިވެ، ބިމުގެ އަގު އަތްނުފޯރާ ފަށަށް އުފުލިގެންދާނެއެވެ.
ބިމުގެ ދަތިކަމާއެކު ދެން އުފެދޭ އެންމެ ބޮޑު ނުރައްކަލަކީ، ޤައުމީ ސިޔާދަތާއި މިނިވަންކަމަށް އެޅިދާނެ ހިޔަންޏެވެ. ބޮޑެތި ސަރަޙައްދުތައް ބޭރުގެ ކުންފުނިތަކަށް މިލްކުވާ ގޮތަށް ދޫކޮށްލުމުން، އެ ތަންތަނަކީ ދިވެހި ދައުލަތުގެ ބާރާއި ޤާނޫނު ފުރިހަމައަށް ނުހިނގާ "ދައުލަތެއްގެ ތެރޭގައި އޮންނަ ވަކި ދައުލަތްތަކަކަށް" ބަދަލުވެގެން ހިނގައިދާނެ ކަމަށް ޤާނޫނީ މާހިރުން އިންޒާރުދެއެވެ. ދައުލަތުގެ ސަލާމަތީ ބާރުތަކަށާއި އިދާރާތަކަށް މިނިވަންކަމާއެކު ބެލެހެއްޓުމަށް ހުރަސްއެޅޭ މިފަދަ ވަކިވެގަނެވިފައިވާ ސަރަޙައްދުތައް އުފެދުމަކީ، ރާއްޖޭގެ ސިޔާދަތީ ބާރަށް ލިބޭނެ ވަރަށް ބޮޑު ލޮޅުމެކެވެ.
ހަމައެއާއެކު، މިއީ ދިވެހި މުޖުތަމަޢުގެ އިޖުތިމާޢީ އަދި ދީނީ ފޭރާމަށް ވެސް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. ސައްތައިން ސައްތަ މުސްލިމް މި ޤައުމުގައި، ބޭރުގެ އެކި ޤައުމުތަކާއި ޘަޤާފަތްތަކުގެ މީހުންނަށް ދާއިމީކޮށް ދިރިއުޅެވޭނެ ބޮޑެތި ސަރަޙައްދުތަކެއް ޤާއިމުވުމުން، އިސްލާމީ އަޚްލާޤިއްޔާތާއި ރާއްޖޭގެ ޒަމާންވީ އާދަކާދަތަކާ ފުށުއަރާ ކަންކަން އެ ތަންތަނުގައި ޢާންމުވުމުގެ ފުރުޞަތު އެބައޮތެވެ. މީގެ ސަބަބުން، ދިވެހިންގެ އެއްބައިވަންތަކަމުގެ ބިންގާ ކަމުގައިވާ އިސްލާމީ ވަޙްދަތަށާއި ދިވެހިވަންތަކަމަށް ބުރޫއެރުމުގެ ބިރު ވަރަށް ބޮޑެވެ.
އިޤްތިޞާދީ ދިރުމެއްގެ ދަޅަދައްކައިގެން މިފަދަ ބިލެއް އަވަސްއަރުވާލައިގެން ފާސްކުރަން އުޅުމަކީ، ވަކި ބައެއްގެ މާލީ މަންފާއަށްޓަކައި ޤައުމުގެ ދިގު މުއްދަތުގެ މަޞްލަޙަތު ޤުރުބާންކުރުމެވެ. ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ޙައްޤުތަކާއި، ދައުލަތުގެ ސިޔާދަތީ ބާރު ކަށަވަރުކުރުމެއް ނެތި، މިފަދަ ނާޒުކު ޤާނޫނެއް ވުޖޫދަށް ގެނައުމަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ވެސް ވެވޭނެ ބޮޑު ޚިޔާނާތެކެވެ. އެހެންކަމުން، ބޭރުގެ ކުންފުނިތަކުގެ ޝައުޤުވެރިކަމަށްވުރެ ބޮޑަށް، މިކަމުގައި ޤައުމީ މަޞްލަޙަތު އިސްކުރުމަކީ މިއަދު ދިވެހި ދައުލަތުގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

އަކްޝޭގެ ސައިންސް ފިކްޝަން ތުރިލާ ފިލްމު "ސަމުކް" ގެ ފުރަތަމަ ޕޯސްޓަރު ނެރެފި
11 ގަޑިއިރު ކުރިން

މެޑިޓަރޭނިއަން ޗިކްޕީ ސަލަޑް: ސިއްހަތަށް ފައިދާހުރި އަދި މީރު ޗޮއިސްއެއް!
11 ގަޑިއިރު ކުރިން

ހިނިތުންވާ ކޮންމެ މީހަކީ އުފަލުގައި އުޅޭ މީހަކަށް ނުވެދާނެ؛ މީހުންނާ މެދު އޯގާތެރިކަން އިސްކުރޭ!
11 ގަޑިއިރު ކުރިން

ސްޕެއިންގެ 43 މެޗުގެ ރެކޯޑް އިންގްލެންޑުން ނިމުމަކަށް ގެނެސްފި
11 ގަޑިއިރު ކުރިން


