
މެންބަރު މީކާއީލު އަހުމަދު ނަސީމު
އިސްރާއީލް ޕާސްޕޯޓް މަނާކުރާ ބިލުގެ މަސައްކަތް ނުކުރާ ސަބަބު އޮޅުންފިލުވަނީ

ޝުރުފާ މުހައްމަދު - 07 އޯގަސްޓު 2024 - 17:10
އިސްރާއިލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރާ ގޮތަށް އިމިގްރޭޝަން ގާނޫނަށް އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އިސްލާހު ހުށަހެޅުއްވި ބިލުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުގެންދާ ސަބަބު ސާފުކުރުމަށް މެމްބަރު މީކާއިލް މަޖިލީހަށް ސިޓީއެއް ފޮނުވައިފި އެވެ.
އިމިގްރޭޝަން ގާނޫނަށް މީކާއިލް ހުށަހެޅުއްވި އިސްލާހަކީ 20 ވަނަ މަޖިލީހަށް ފޮނުވި ފުރަތަމަ ބިލެވެ. އެ ބިލުގެ މަސައްކަތް މިހާރު އޮތީ ކޮމިޓީ މަރުހަލާގައި ތާށިވެފަ އެވެ.
އެކަމާ ގުޅިގެން މެމްބަރު މީކާއިލް މިއަދު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ މިދިޔަ މެއި 29، ގައި މަޖިލީހަށް ހުށަހެޅި އެ ބިލު ޖޫން 10، ގައި ބަލައިގަނެ ކޮމިޓީއަށް ފޮނުވާފައިވީ ނަމަވެސް ބިލުގެ އެއްވެސް މަސައްކަތެއް ކޮމިޓީގައި ކުރިއަށް ނުދާ ކަމަށެވެ. މި ބިލު ކޮމިޓީގައި އޮންނަތާ 59 ދުވަސް ވެގެންދިޔައިރު ވެސް، މި ބިލުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް، އެންމެ ކުޑަމިނުން މި ބިލުގެ މަސައްކަތް ކޮމިޓީގައި އެޖެންޑާ ވެސް ނުކޮށް ސަބަބު ސާފުކޮށްދިނުމަށް މެމްބަރު އެދިވަޑައިގެންނެވި އެވެ.
މެމްބަރު މީކާއިލް ހުށަހެޅުއްވި މި އިސްލާހުގައިވާގޮތުން އިޒްރޭލު ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް ނަމަވެސް އިޒްރޭލު ޕާސްޕޯޓެއް އޮތް ނަމަ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައަޅާނެ އެވެ.
މެމްބަރު މީކާއިލް 20 ވަނަ މަޖިލީހަށް މި ބިލު ހުށަހެޅުއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ވަޒީރުގެ މަޖިލީހުން ވަނީ އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ގާނޫނީ އިސްލާހުތައް ގެނައުމަށް ނިންމާފަ އެވެ. މަޖިލީހުގައި މި ބިލުގެ މަސައްކަތް ކުރިއަށް ނުގޮސް ދިގުލައިގެން ގޮސްފައިވާއިރު، މި މައްސަލަ އަކީ 19 ވަނަ މަޖިލީހުގައި ވެސް ބަލާފައިވާ ކަމެކެވެ. އެގޮތުން އިޒްރޭލު ޕާސްޕޯޓާއި ޓޫރިސްޓުން ރާއްޖެ އިން ބޮއިކޮޓް ކުރުމުގެ މައްސަލަ 19 ވަނަ މަޖިލީހުގެ ހާރިޖީ ކޮމިޓީން ބަލައިދިނުމަށް އޭރުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދު ހުށަހަޅުއްވައި އެ މައްސަލަ ކޮމިޓީން ވެސް ބަލާފައި ވެއެވެ.
މިކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވެސް ކުރެވެން އޮންނަ ކަމަކަށްވާތީ 2023 ވަނަ އަހަރު މިދިޔަ ސަރުކާރުގައި މަޖިލީހުން ވަނީ އެކަމަށް އެދި ރައީސް އޮފީހަށް ސިޓީއެއްވެސް ފޮނުވާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން