ރާއްޖެ ފަދަ ކުޑަ ކުޑަ ގައުމެއްގައި އެއް ފަހަރާ 500 އެއްހާ ޕައިލެޓުން ތަމްރީނުކުރުމަކީ ފައިދާހުރިކަމެއްތޯ އޭރުވެސް ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ.
2023 ވަނަ އަހަރު ސްޓޫޑެންޓް ލޯނު ސްކީމުގައި ފުރަތަމަ ހުޅުވާލީ 720 ފުރުސަތެވެ. ނަމަވެސް ލޯނުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ކައިރިވެފައި އޮއްވައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ 2023 ވަނަ އަހަރު ލޯނަށް ކުރިމަތިލައި ޝަރުތު ހަމަވި 1،225 ދަރިވަރުންނަށް ލޯނު ދޭން ނިންމަވާފައިވާކަން އިއުލާނުކޮށްފައެވެ. އޭގެ ތެރޭގައި ޕައިލެޓްކަން ކިޔަވަން ލޯނަށް އެދުނު 479 ދަރުވަރުން ހިމެނޭއިރު މި ނިންމުމަށް އޭރުވެސް އެތައް ބަޔަކު ފާޑުކިޔެވެ.
މިއީ ރަނގަޅު އިންވެސްޓްމަންޓެއް ނަމަވެސް ނަން ނުޖެހުމަށް ޝަރުތުކޮށް އަސްލު ޓީވީއާ ވާހަކަދެއްކި ފަރާތްތަކުން ބުނީ މިކަން ކުރީ ސަރުކާރުން ކޮށްފައިވަނީ ގޯސްކޮށްކަމަށެވެ. ޕައިލެޓް ޓްރެއިނިން އަށް ލޯނުގެ ގޮތުގައި މީހަކަށް 1.7 މިލިއަން ރުފިޔާ އާއި 2.5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ދޫކުރެއެވެ. ކޯސް ފީ އަކީ 60،000-95،000 ޑޮލަރު (925,200 ރުފިޔާ - 1.46 މިލިއަން ރުފިޔާ)އެވެ. 2023 ވަނަ އަހަރުގެ މެދުތެރޭގައިވެސް މި ކޯސް ނިންމި 60 ހާ ދަރިވަރުންނަށް ވަޒީފާ ނުލިބިވާއިރު މިހާރު އެ އަދަދުވަނީ ދެގުނަވެފައެވެ. ޗެކް ރިޕަބްލިކް އަދި ފިލިޕީންސްގައި މިހާރުވެސް ގިނަ އަދަދެއްގެ ކުދިން ތައުލީމު ހާސިލުކުރަމުން އަންނައިރު ސްޓޫޑެންޓު ލޯނުގައި ކިޔެވި ނަމަވެސް ރާއްޖެއަށް ހިދުމަތް ކުރުމަށް ބޮންޑެއް ނެތުމަކީވެސް މައްސަލައެކެވެ.
"ކުދިންނަށް އަވަހަށް ކުރިއަށްދެވިދާނެ ރޮނގެއްކަމަށް ބަލާފައި މި ރޮނގުން ކުރއިަށްދިޔައީ. އޯލެވެލް ނިންމި ކުދިން ގިނައީ" ޕައިލެޓްކަން ކިޔަވައިގެން ރާއްޖެއައި ދަރިވަރެއްގެ ބެލެނިވެރިއަކު ނަން ނުޖެހުމަށް ޝަރުތުކޮށް އަސްލުޓީވީއަށް ބުންޏެވެ.
ޕައިލެޓްކަން ކިޔަވަން ލޯނަށް އެދުނު 479 ދަރުވަރުންނަށް އެ ފުރުސަތު ދިނީ ވޭތުވެ ދިޔަ އެމްޑީޕީ ސަރުކާރުގެ އިސް ބައެއް މީހުންގެ ކުދިންވެސް ޕައިލެޓްކަން ކިޔެވުމަށް ބޭނުންވާތީ އެކަމަށް މަގުފަހިކޮށްދިނުމަށްކަމަށް ބެލެނިވެރިންވަނީ ތުހުމަތުކޮށްފައެވެ.
އެމްޑީޕީ ސަރުކާރުން މިކަން ކުރީ ވަގުތީ މަންފާއަކަށް އިންތިހާބު ބޯމަތިވުމުން އިންތިހާބު ކާމިޔާބުކުރުމަށް ކަމަށް ބުނެ ބެލެނިވެރިން ބުނީ މިފަދަ ބޮޑުކަމެއް ކުރާއިރު ވަޒީފާގެ ބާޒާރަށްވެސް ވިސްނަންވާނެކަމަށެވެ.
"ރިޔާސީ އިންތިހާބާ ގާތްކޮށްފައި ހުރިސާ މުއައްސަސާއެއް ބޭނުންކޮށްގެން ގައުމަށް ބޭނުން ނުވާވަރަށް ޕައިލެޓުން އުފައްދާފައި މިހާރު މިއޮތީ" އެހެން ބެލެނިވެރިއަކު ބުންޏެވެ.
ދައުލަތުގެ ބަޖެޓަކީ އޭރަކު އޮންނަ ސަރުކާރުން ނުވަތަ ސިޔާސީ ޕާޓީއެއްގެ މީހުން ކުޅެން އޮންނަ އެއްޗެއް ނޫންކަމަށް ބުނެ އެހެން ބެލެނިވެރިއަކު ބުނީ ރައްޔިތުންގެ ޓެކްސް ފައިސާ ބޭނުންކުރަންޖެހޭނީ ހަ ފަރާތައް ވިސްނުމަށް ފަހު އެންމެ ބޭނުންތެރިގޮތުގައިކަމަށެވެ.
"ދަރިވަރުން ކިޔަވައި ނިންމައިގެން އައިއިރު ވަޒީފާއެއްނެތް. ދެން ހަމަ ނުކިޔަވާ ފަދައެއްނު" ނުރުހުން ފާޅުކޮށް އިތުރު ބެލެނިވެރިއަކު ބުންޏެވެ.
ކިޔަވައިގެން އައިސް ތިބި އެތައް ޕައިލެޓަކަށް ވަޒީފާ ލިބިފައި ނުވާތީ ސަރުކާރުގެ ހަރަދުގައި މި އަހަރު ޕައިލެޓްކަން ކިޔަވަން ދިން ޖާގަތައްވަނީ މަދުކޮށްފައެވެ.
މިކަމާ ގުޅިގެން މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެފައިވަނީ 200 ކުދިން މިހާރުވެސް ވަޒީފާނެތިވާކަން ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.
"އަޅުގަނޑުމެން މި ބުނަނީ މި ކުދިންނަށް ވަޒީފާ ނެތްކަމަކު އޭވިއޭޝަނުގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަނަމަ އެ ދާއިރާއިން ކިޔެވުމަށް ވިސްނާށޭ. އެއީ އެންމެ ރަނގަޅުގޮތަކީ. މިހާރު ކިޔަވައިގެން އައިސްތިބި ކުދިންނަށްވެސް ހެދެން އޮތްގޮތަކީ އެހެން ތާކަށް ކުދިން ވެއްދުން ވަޒީފާއަށް"
އިދިކޮޅު އެމްޑީޕީ ސަރުކާރުގައި ކުރި މިކަމުގެ ސަބަބުން އެތައް ދަރިވަރުންނަކާއި އެތައް އާއިލާއަކުން މިހާރުދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މަތީ ތައުލީމީ ދާއިރާގެ އިސް ސަފުގައި އުޅުއްވާ ބޭފުޅުންގެ ހިޔާލާއި ތަޖުރިބާގެ އަލީގައި ޖައްސަވާ ހިސާބާއި ސަރުކާރުން ޖެހި ހިސާބު ދިމާވެ ނުވެ މިހާރިއޮތް ހަމައެކަނި ގޮތަކީ ޕައިލެޓް ވަޒީފާ ބޭނުންވާ ދަރިވަރުން ވަޒީފާއަށް ރާއްޖެއިން ބޭރަށް ދިއުމެވެ. ނުވަތަ 2 އަހަރު "ގޭނިގެން" ހޯދި ސެޓިފިކެޓް އަލަމާރީގައި ރައްކާކޮށްފައި ބާއްވައިގެން ކޮންމެ އަހަރަކު ދައުލަތަށް ލޯނު ދައްކަމުން ދިއުމެވެ. މިއަދު ސުވާލަކީ ދަރިވަރުންނަށް ބޮޑު ގެއްލުމެއް ދިނުމަށްފަހު އަދި ދައުލަތުގެ ބަޖެޓުން އެތައް ފައިސާއެއް ބޭކާރުގޮތުގައި ހޭދަކޮށްލުމުގެ ޒިންމާ ނަގާނީ ކޮންބައެއް ހެއްޔެވެ؟