
ކޮލަމް: މަގުމަތީގަ ހަޅޭއްލެވުން
މަގުމަތީގަ ހަޅޭއްލެވުން: މީ ކޫލް ކަމެއް ނޫން، ވަރަށް ބޮޑު "ރެޑް ފްލެގެއް"!

ޢާއިޝަތު ޢަލީ - 04 ނޮވެމްބަރު 2026 - 07:54
އިންސާނާގެ ތަހުޒީބާއި ރީތި އަޚްލާޤު އެންމެ ބޮޑަށް ހާމަވެގެންދަނީ އޭނާ މީސްތަކުންނާ މުޢާމަލާތްކުރާ ގޮތަކުންނެވެ. ދުލުން ބޭރުކުރާ ކޮންމެ ލަފްޒަކާއި، ވާހަކަދެއްކުމުގައި ބޭނުންކުރާ އަޑުގެ ރާގެއްގެ ސަބަބުން މީހާގެ ޝަޚްޞިއްޔަތު ވަޒަންކުރެވެއެވެ. ނަމަވެސް، ހިތާމައަކީ މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުން، ޚާއްޞަކޮށް ޒުވާނުންގެ މެދުުން މި އަގުހުރި ސިފަތައް ފޭދެމުންދާތަން ފެންނަމުންދާ ކަމެވެ. ކުދިބޮޑު އެންމެން އެއްވާ އާންމު ތަންތަނުގައްޔާއި މަގުމަތީގައި ބާރަށް ވާހަކަދެއްކުމާއި، އެއްބަޔަކު އަނެއް ބަޔަކާ ޒުވާބުކޮށް އަޑުގަދަކުރުމަކީ މިހާރު ޢާންމު މަންޒަރަކަށް ވެއްޖެއެވެ. ބައެއް ކުދިންނަށް ހީވަނީ މަގުމަތީގައި ބާރަށް ހަޅޭއްލަވައި، އަޑުގަދަކޮށް ޒުވާބުކުރުމަކީ ވަރަށް "ކޫލް" އަދި މޮޅު ކަމެއްގެ ގޮތުގައެވެ. ނަމަވެސް ހަޤީޤަތަކީ މިއީ ތިމާގެ އަޚްލާޤީ ފެންވަރު ދަށްކަން ހާމަކޮށްދޭ، ވަރަށް ބޮޑު "ރެޑް ފްލެގެއް" ކަމެވެ.
އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ އަޑު މަޑުކުރުމަށާއި މަޑުމައިތިރިކަމާއެކު މުޢާމަލާތް ކުރުމަށެވެ. ކީރިތި ޤުރުއާނުގައި، ލުޤްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ކުރެއްވި ވަޞިއްޔަތް ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައިވަނީ ވާހަކަދެއްކުމުގައި އަޑު މަޑުކުރުމަށެވެ. އަދި އެންމެ ހުތުރު އަޑަކީ ކަނބުރުގަދައިގެ (ޙިމާރުގެ) އަޑުކަމުގައި ވަނީ އަންގަވާފައެވެ. އެހެންކަމުން، މަގުމަތީގައްޔާއި އާންމު ތަންތަނުގައި ބާރަށް ހަޅޭއްލަވައި، ޒުވާބުކޮށް ހެދުމަކީ މާތްވެގެންވާ އިސްލާމީ އަދަބުތަކާ ޚިލާފު، އަދި މީހާގެ ޤަދަރާއި ޢިއްޒަތް ވެއްޔާ މޮޑެލާ ކަމެކެވެ.
ވަކިން ޚާއްޞަކޮށް، މަގުމަތީގައި ހިނގާބިނގާވެ އުޅޭއިރު، އެއްވެސް ޖެހިލުމެއްނެތި ހަޅޭއްލަވައި، ހަޑިހުތުރު ބަހުން ޒުވާބުކުރުމަކީ ނުހަނު ފިނޑި، އަދި އެހާމެ ބޭއަދަބީ ޢަމަލެކެވެ. މަގުމައްޗަކީ ކުޑަކުދިންނާއި، ދޮށީއުމުރުގެ މީހުންނާއި، ޢާއިލާތައް ބޭނުންކުރާ ތަނެކެވެ. އެފަދަ ތަންތަނުގައި އެއްވެސް އިޙްތިރާމެއް ނެތި ހުތުރު ބަސްތައް ގޮވައި އަޑުގަދަކުރުމުން، މުޅި މާޙައުލުގެ އަމާންކަން ގެއްލި، އަޑުއަހާ މީހުންނަށް ނުތަނަވަސްކަމާއި ލަދުވެތިކަން ގެނުވައެވެ. މިއީ މުޖުތަމަޢުގެ މަޞްލަޙަތު ގެއްލި، އަދަބުއަޚްލާޤު ދަށުދަރަޖައަކަށް ވެއްޓިގެންދާ މައިގަނޑު އެއް ސަބަބެވެ.
މަގުމަތީގެ އަދަބުތަކަށް ޙުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެކެވެ. ޚިޔާލުތަފާތުވުމެއް ނުވަތަ ރުޅިވެރިކަމެއް އުފެދޭ ހިނދުވެސް، ކެތްތެރިކަން އިސްކޮށް، ދުލާއި އަޑު ކޮންޓްރޯލް ކުރަން ދަސްކުރަންޖެހެއެވެ. މަގުމަތީގައި ހަޅޭލެވުމާއި ހަޑިހުތުރު ބަސްތައް ބޭނުންކުރުމުން ދުރުހެލިވުމަކީ ތިމާގެ ނަފްސުގެ ޢިއްޒަތް ރައްކާތެރިކޮށްދޭނެ ކަމެކެވެ.
އަޅުގަނޑުމެންގެ ބަސްމޮށުންތެރިކަން އިޞްލާޙުކޮށް، ޒުވާބުކުރުމާއި ހަޅޭއްލެވުން ދޫކޮށްލަމާތޯއެވެ! މަޑުމައިތިރި ބަހުރުވައިން ވާހަކަދައްކައި، މީސްތަކުންނަށް އުނދަގޫނުވާނެހެން މަގުތަކުގެ އަމާންކަން ޤާއިމުކުރުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢު އަމާން، އުފާވެރި ތަނަކަށް ހެދުމަށްޓަކައި ކޮންމެހެން އަޅަންޖެހިފައިވާ ފިޔަވަޅެކެވެ. ރިވެތި ބަހަކީވެސް ޞަދަޤާތެކެވެ.
ގުޅުން ހުރި ޙަބަރުތައް

ގޭތެރެއަށް ފެހިކަމާއި ތާޒާކަން: ވައި ސާފުކޮށްދޭ ގުދުރަތީ "އެއަރ ޕިއުރިފަޔަރ" ތައް!
ގަޑިއިރެއް ކުރިން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި ސިޓީއެއް ބިނާކުރުން ސޯޝަލް ކޮމިޓީއަށް!
ގަޑިއިރެއް ކުރިން

ޤަވާއިދާ އެއްގޮތަށް ޢިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފި
ގަޑިއިރެއް ކުރިން

ސިޓީ ކައުންސިލުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދުސްތޫރީ މައްސަލައެއް ކޯޓަށް ވައްދަނީ
ގަޑިއިރެއް ކުރިން


