logo

ޑރ. ޞަލާޙުލް ބުދައިރު، މުހިންމު 12 ކަމަކަށް ވަސިއްޔަތް ކުރައްވައިފި

profile

އާމިނަތު މޫސާ - 25 އޭޕްރީލު 2025 - 08:35

ބުރާސްފަތި ދުވަހުގެ ޢިޝާ ނަމާދަށްފަހު މަސްޖިދުލްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު އިސްލާމީ މަރުކަޒުގައި ދެއްވި ދަރުހުގައި މުހިންމު 12 ކަމަކަށް ވަސިއްޔަތް ކުރައްވައިފިއެވެ.

https://wamco.com.mv/

ޑރ. ޞަލާޙުލް ބުދައިރުގެ ފުރަތަމަ ނަސޭހަތުގައި ވަނީ އިސްލާމީ ޝަރީޢަތުގެ މައިގަނޑު އުސޫލުތައް އޭގެ މައްޗަށް ބިނާވާ ޢަޤީދާ، ޤާނޫނު، އަޚްލާޤު އަދި ސުލޫކަށް ތަބާވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އިންސާނާގެ ޙަޤީޤީ އުފާވެރިކަން ހުރީ މި އިލާހީ އުސޫލުތަކާ އެއްގޮތަށް ދިރިއުޅުމުގައިކަން ފާހަގަކުރެއްވިއެވެ.

ޑރ. ޞަލާޙުލްބުދައިރު ވިދާޅުވީ އިންސާނާއަށް ބާއްޖަވެރިކަން އޮތީ މިކަންކަމުގައި ހިފަހައްޓައިގެން ކަމަށެވެ. އަދި އިންސާނާ ކަންބޮޑުވާންވާނީ ސުވަރުގެ ނުލިބިދާނެތީ ކަމަށާއި ދުނިޔޭގެ އެދުންތަކާ މެދުގައި ނޫން ކަމަށެވެ. އަދި ދުނިޔޭގެ ތަނަވަސްކަމާއި މުއްސަނދިކަމާ މެދު ކަންބޮޑުވާނަމަ، އެ މީހެއްގެ ކިބައިން ފުދުންތެރިކަމާއި މުއްސަނދިކަން ނެތިކުރައްވަފާނެކަމަށް އިމާމު ވިދާޅުވިއެވެ. އެހެނަސް އާޚިރަތާ މެދު ކަންބޮޑުވާނަމަ އެ މީހަކަށް ދުނިޔޭގައި ފުދުންތެރިކަމާއި ތަނަވަސްކަން މާތް ﷲ މިންވަރުކޮށްދެއްވާނެކަމަށް އިމާމް ވިދާޅުވިއެވެ.

ޑރ. ޞަލާޙުލް ބުދައިރު ދެ ވަނަ އަށްކުރެއްވި ވަޞިއްޔަތަކީ ޤަޟާޤަދަރަށް އިމާންވުމެވެ. ޤަޟާޤަދަރަށް އީމާންވުމުން މުސީބާތްތައް ލުއިވާނެކަމަށް އިމާމް ވިދާޅުވިއެވެ. އަދި އެހެން މީހުން އިޙްސާސްކުރާ ތުރާތައް ޤަޟާޤަދަރަށް އިމާންވާނަމަ، ލުއިވާނެކަމަށްވެސް އިމާމް ވިދާޅުވިއެވެ.

ތިން ވަނައަށް ޑރ. ޞަލާޙުލް ބުދައިރު ކުރެއްވި ވަޞިއްޔަތަކީ ނަމާދަށް ރައްކާތެރިވުމެވެ. މިކަމާ ގުޅޭގޮތުން ޑރ. ޞަލާޙުލްބުދައިރު ވިދާޅުވީ ނަމާދަކީ އިންސާނާއަކީ މުސްލިމެއްކަން ނުވަތަ މުއުމިނެއްކަން އަންގައިދޭ އަލާމާތެއް ކަމަށެވެ. އަދި ނަމާދަށް ރައްކާތެރިވުމަކީ އެންމެ މުހިންމު ވާޖިބުކަމަށާއި ފަރުޟު ފަސް ނަމާދު ވަގުތުގައި ކަންނެތްކަމެއް ނެތި، އިޚުލާސްތެރިކަމާއެކު އަދާކުރުން ވަރަށް މުހިންމުކަމަށް އިމާމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މުހިންމު ވަޞިއްޔަތްތަކެއް ޑރ. ޞަލާޙުލްބުދައިރު ކުރެއްވިއެވެ. އޭގެތެރޭގައި ދޭދޭ ފަރުދުންގެ މެދުގައި ސުލްޙަވެރިކަން ދެމެހެއްޓުމާއި ޢިލްމު ފެތުރުމާއި މާތް ﷲގެ މަތިން ހަނދުމަކުރުމުގެ މަޖިލިސްތަކުގައި ބައިވެރިވުމަށް އިމާމް އިލްތިމާސްކުރެއްވިއެވެ.

އަދި ރިވެތި އަޚުލާޤު ޚިޔާރުކުރުމާއި ހަސަދަވެރިކަމާ ދުރުވުމުގެ އިތުރުން ދޫ ރައްކާތެރިކުރުމާއެކު ރިވެތި ބަހުން މުޚާތަބުކޮށް، ކުށްތައް ވަންހަނާ ކުރުމަށްވެސް މަސްޖިދުލް ނަބަވީގެ އިމާމް ޑރ. ޞަލާޙުލްބުދައިރު ވަޞިއްޔަތްކުރެއްވިއެވެ.

ހަމައެއާއެކު މީހުންނަށް ހުތުރު އެއްޗެހި ގޮވުމުން ދުރުހެލިވުމަށާއި އޯގާވެރިކަމަށް ހިތްވަރުދިނުމާއެކު ބާރު އެޅުމުގެ އިތުރުން އުރެދުމުގެ އަހުލުވެރީންނާ ދުރުވުމަށްވެސް އިމާމް ވަޞިއްޔަތްކުރެއްވިއެވެ. އެންމެ ފަހު ވަޞިއްޔަތެއްގެ ގޮތުގައި ކުރެއްވީ ހެޔޮލަފާ މީހުންނާ އެކު އުޅުމެވެ. ހެޔޮލަފާ މީހުންނާ އެކު އުޅުމަކީ ހެޔޮލަފާކަން ދަސްވެ، ރަނގަޅު އާދަތައް ދަސްވާ ކަމެއްކަމަށް ޑރ. ޞަލާޙުލް ބުދައިރު ވިދާޅުވިއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay