logo

ސީޕީއޭގެ ފުރަތަމަ ރީޖަނަލް ކޮންފަރެންސްގައި ލާހޯރު ޗާޓަރު ފާސްކޮށްފި

profile

މުޙައްމަދު ހަފީޒް - 09 ފެބްރުއަރީ 2025 - 06:10

ސީޕީއޭ އޭޝިއާއާއި ސައުތު-އީސްޓް އޭޝިއާގެ ފުރަތަމަ ރީޖަނަލް ކޮންފަރެންސްގައި ލާހޯރު ޗާޓަރު ފާސްކޮށްފިއެވެ.

https://wamco.com.mv/

މި ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް އަޙްމަދު ނާޡިމްއެވެ.

ލާހޯރު ޗާޓަރުގައި މެންބަރު ގައުމުތަކުން އެއްބަސްވެފައިވަނީ ޑިމޮކްރެޓިކް އުސޫލުތައް ދެމެހެއްޓުމަށާއި، ތަފާތުކުރުމެއް ނެތި ޖަމާއަތުގެ ހުރިހާ ފަރާތްތައް ޝާމިލުވާ، ވަށައިޖެހޭ ތަރައްގީއަށް މަސައްކަތް ކުރުމަށެވެ. އަދި ގާނޫނު ހަދާ މަޖިލިސްތަކުން އެއްބާރުލުން ދީގެން ސަރަޙައްދީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ޕާލަމެންޓްތަކުގެ ލީޑަރުން ވައުދުވެ ވަޑައިގެންފައިވާ ކަމަށް މަޖިލީހުން ބުނެއެެވެ.

މީގެއިތުރުން، ޑިމޮކްރެޓިކް އުސޫލުތަކާއި ދުސްތޫރީ އުސޫލުތަކާއި ގާނޫނު ހަދާ މަޖިލީހުގެ ސިޔާދަތު ދަމަހައްޓައި، މުއައްސަސާތަކަށް އާންމުންގެ އިތުބާރު ހޯދުމަށް މަސައްކަތްކުރުމަށްވެސް ޤާނޫނު ހަދާ މަޖިލިސްތަކުގެ ލީޑަރުން އެއްބަސްވެފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމަކީ އޮސްޓްރޭލިއާގެ ސިޑްނީގައި ބޭއްވި 67 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރަންސް (ސީޕީސީ) ގައި ސީޕީއޭގެ އޭޝިއާ ސަރަޙައްދުގެ ސަރަޙައްދީ މަންދޫބުގެ މަގާމަށް އިންތިހާބުވެ ވަޑައިގެންފައިވާ ބޭފުޅެކެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި، އިޖްތިމާއީ އިގްތިސާދީ ތަފާތުތަކާއި، ޓެކްނޮލޮޖީގެ ބަދަލުތައް ފަދަ ގައުމުތަކަށް ދިމާވެފައިވާ މައްސަލަތަކާ ކުރިމަތިލުމަށް، ތަޝްރީޢީ ޙައްލުތައް ހޯދުމަށް ޤާނޫނު ހަދާ މަޖިލިސްތަކުން މަސައްކަތް ކުރުމަށްވެސް ލާހޯރު ޗާޓަރުގައި އެއްބަސްވެފައިވާ ކަމަށް ބުނެއެވެ.

އަދި، ޢިލްމާއި ތަޖުރިބާ ޙިއްސާކުރުމާއެކު އެންމެ ރަނގަޅު ހަމަތަކަށް ވަކާލާތުކުރުން މަތީގައި ދެމިތިބުމަށްވެސް ސީޕީއޭގެ މެމްބަރު ގައުމުތަކުން އެއްބަސްވެފައިވެއެވެ.

ލާހޯރުގައި ކުރިއަށް ދިޔަ، ސީޕީއޭ އޭޝިއާއާއި ސައުތު-އީސްޓް އޭޝިއާގެ ފުރަތަމަ ރީޖަނަލް ކޮންފަރެންސްގައި ބައިވެރިވި ގާނޫނު ހަދާ މަޖިލިސްތަކުގެ ލީޑަރުން ވަނީ ސަރަހައްދީ އެއްބާރުލުމާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން އަހުލާގީ ގޮތަށް ތަރައްގީކޮށް ކުރިއެރުވުމަށްވެސް އެއްބަސްވެވަޑައިގެންފައެވެ. އަދި ސިއްހީ ފަރުވާއާއި ތަޢުލީމާއި މޫސުމާ ބެހޭ ފިޔަވަޅުތަކަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީ) ކުރިއެރުވުމަށްވެސް މަންދޫބުން އެއްބަސްވެފައިވާ ކަމަށް މަޖީހުން ބުނެއެވެ.

ލާހޯރު ޗާޓަރުގައި ވަކިން ހާއްސަކޮށް އަލިއަޅުވާލާފައިވާ ކަންތައްތަކުގެ ތެރޭގައި، ގައުމު ބިނާކުރުމާއި ތަރައްގީގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނުމަށާއި، މިގޮތުން ޤާނޫނު އެކުލަވާލައި ފާސްކުރާ މަރުހަލާތަކުގައި އަންހެނުންނާއި، ޒުވާނުންނާއި، ހާއްސަގޮތަށް ކުޅެދިފައިވާ ފަރާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ހަމަހަމަ ގޮތެއްގައި ތަމްސީލުކުރުމުގެ މުހިންމުކަންވެސް ފާހަގަކޮށްފައިވެއެވެ.

ސީޕީއޭގެ އޭޝިއާ ސަރަޙައްދުގެ ސަރަޙައްދީ މަންދޫބު، އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް، ނާޘިމް ވިދާޅުވީ، މި ޗާޓަރަކީ، ގައުމުތަކަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ޗާޓަރުގެ ސަބަބުން ސީޕީއޭގެ ސަރަހައްދީ މެމްބަރުންގެ މެދުގައި އެއްބާރުލުން އިތުރުވެ، ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށްވެސް އޮނަރަބަލް އަޙުމަދު ނާޘިމް ވިދާޅުވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay