
ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރާއްޖެއާއި ޕާކިސްތާނާ ދެމެދު މުހިއްމު 20 ދާއިރާއަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޖިނާން ޙުސައިން ޖަބީން - 21 އޮކްޓޯބަރު 2026 - 12:40
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިއްމު 20 ދާއިރާއަކުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި މިކަމަށްޓަަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ތައުލީމީ، ސިއްހީ، ދިފާއީ އަދި ދަތުރުފަތުރުގެ ދާއިރާއާ ގުޅުންހުރި މުހިއްމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ. އެގޮތުން ފާހަގަކޮށްލެވޭ މައިގަނޑު ދާއިރާތަކަކީ:
- ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ސަގާފަތާއި ތަރިކައާއި ފަންނާބެހޭ ދާއިރާއިން ގުޅުން ބަދަހިކުރުން
- ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުން
- މެރިޓައިމް ސެކިޔުރިޓީ ދާއިރާއިން ގުޅުން ބަދަހިކުރުން
- އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ސައިބަސެކިޔުރިޓީ އާއި އަރޓިފިޝަލް އިންޓެލިޖެންސް އާއި ޑިޖިޓަލް ސްކިލްސް އާއި އީޖާދާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ޓްރެފިކިން އާއި މަސްތުވާތަކެތި ނައްތާލުމަށް ގުޅިގެން މަސައްކަތްކުރުން
- އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތްކުރުން
- ސިއްހީ ހިދުމަތްތެރިން ގެނައުމާ ގުޅުންހުރި އެއްބަސްވުން
- މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ވައިގެ ދަތުރުތައް ފުޅާކުރުން
- ޓެކްނިކަލް އަދި ވޮކޭޝަނަލް ތައުލީމާއި ތަމްރީނު ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރުން
- ރާއްޖޭގެ ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވުޒާރާއާއި ޕާކިސްތާނުގެ ހަޔަރ އެޑިއުކޭޝަން ކޮމިޝަނާއެކުވެފައިވާ އެއްބަސްވުން
- ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއާ ދެމެދު ވެފައިވާ އެއްބަސްވުން
- ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނާއި ޕާކިސްތާނުގެ ފެޑަރަލް ޕަބްލިކް ސަރވިސް ކޮމިޝަނާ ދެމެދު ވެފައިވާ ދެ އެއްބަސްވުން
- ފުލުހުން ތަމްރީން ކުރުމަށް ރާއްޖޭގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓާއި ޕާކިސްތާނުގެ ޕޮލިސް އެކެޑަމީއާއެކު ވެފައިވާ އެއްބަސްވުން
- ރާއްޖެއަށް ބޭނުންވާ ޒަރޫރީ ސާމާނު ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯ އާއި ޓްރޭޑިން ކޯޕަރޭޝަން ޕާކިސްތާން، ޓީސީޕީއާ ދެމެދު ވެފައިވާ އެއްބަސްވުން
ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެވުނު މި މުހިންމު އެއްބަސްވުންތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެ، ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ކެބިނެޓުގެ ބައެއް މިނިސްޓަރުންނާއި، ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު އަދި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބައިވެރިވެވަޑައިގެންނެވިއެވެ.



