
ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރާއްޖެ-ޕާކިސްތާނުގެ ވިޔަފާރީގެ މުއާމަލާތްތަކުގެ އަދަދު 200 މިލިއަން ޑޮލަރަށް އިތުރުކުރަނީ

ޖިނާން ޙުސައިން ޖަބީން - 21 އޮކްޓޯބަރު 2026 - 10:29
ރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ އަދަދު ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު ޝެހެބާޒް ޝަރީފް މިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ވެރިން އެކުގައި ދެއްވި ގުޅިފައިވާ ބަޔާނުގައެވެ. މި ވަގުތު ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރަކީ 13.9 މިލިއަން ޑޮލަރެވެ. މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ޝެހެބާޒް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ޒަމާންވީ އެކުވެރި، ދިގު ތާރީހެއް އޮތް ނަމަވެސް، މިހާރު ހިނގަމުންދާ އިގްތިސާދީ މުއާމަލާތްތަކުން އެ ގުޅުމުގެ ފުރިހަމަކަން ފެނިގެން ނުދާ ކަމަށެވެ.
ކަންމިހެންއޮތުމުން ވިޔަފާރީގެ ދާއިރާއިން އޮތް ގުޅުން މިހާރަށްވުރެ ބޮޑަށް ފުޅާކޮށް ވަރުގަދަކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒާ އެކު ބޭއްވުނު ރަސްމީ މަޝްވަރާތަކަށް އިޝާރާތްކުރައްވަމުން ބޮޑުވަޒީރު ވިދާޅުވީ، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުހިންމު މައްސަލަތަކާ މެދު ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކުރެވުނު ކަމަށެވެ. މީގެއިތުރުން އިގްތިސާދީ ދާއިރާގެ އިތުރުން ދިފާއީ، ތައުލީމީ އަދި ސިއްހީ ދާއިރާއިން ދިވެހިން ތަމްރީނުކުރުމަށް ޕާކިސްތާނުން ފުރިހަމަ އެހީތެރިކަން ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވިއެވެ.
ރައީސް މުއިއްޒަށް ޕާކިސްތާނުން މަރުހަބާ ދެންނެވުމަކީ އެ ގައުމަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްކަން ފާހަގަކުރައްވައި ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ، ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު 20 ފަހުމުނާމާއަށް އަމަލީ ސިފަ ގެނައުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ މިއަހަރު 60 އަހަރު ފުރޭއިރު، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަހުވަންތަ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެ، އައު ހަރުފަތަކަށް ވާސިލުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ބޮޑުވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.



