
"ފިކުރީދައްތަ": ފަހުނޭވަޔާ ހަމަޔަށްވެސް އުނގަންނައި ދިނުމުގައި

ރިޟްވާން މޫސާ - 16 ނޮވެމްބަރު 2026 - 13:08
އަލްމަރްޙޫމާ ޙައްވާފިކުރީ، (މަޝްހޫރު ނަމުންނަމަ ފިކުރީދައްތަ) އުފަންވެފައިވަނީ 1947ވަނަ އަހަރު ފ.ނިލަންދޫ ގައެވެ. ޙައްވާ ފިކުރީއަކީ، ފަސްކުދިން ހިމެނޭ ޢާއިލާއެއްގައި ހުރި ހަމަ އެކަނި އަންހެން ކުއްޖާއެވެ. މަންމައަކީ، ފ.ނިލަންދޫ ވަލުގޭ އާމިނެވެ. ބައްޕައަކީ، ދޮންކޮއްކޮއެވެ. ފިކުރީ ދައްތައަކީ، މިޒާޖުގައި ސަކަގޮތެއްހުންނަ، ހުރިހާ މީހުންނާވެސް ގުޅޭ، ހަރުދަނާ ޝަޚްޞިއްޔަތެކެވެ. ވަރަށް ހިންގުންތެރި، އުޅުންހުރި،ހިތްތިރި ބޭކަނބަލެކެވެ.
ޅަފަތުގެ ދުވަސްތަކުން ފެށިގެންވެސް، އުނގެނުމަށް ލޯބިކުރެއްވިއެވެ. އެދުވަސްވަރު، ނިލަންދޫން ލިބެންހުރި އެންމެ މަތީ ދަރަޖައަކަށް ޢިލްމު ޙާސިލުކުރެއްވިއެވެ. ފިކުރީދައްތައަކީ، ސަނަދު ނަންގަވައިގެން ހުރި ޙާފިޒެއްނޫނަސް ޤުރްއާން އެއްކޮށްހެން،ހިތުން ދަންނަ ބޭކަނބަލެކެވެ. އެހެންކަމުން ޤުރްއާން އުނގަންނައި ދިނުމަށް އޮތް ޝައުޤުވެރިކަމުގައި މާލެދުރުވެ، ޤުރްއާން މުދައްރިސުކަމުގެ ސަނަދު ނެންގެވިއެވެ. އެޔަށްފަހު، 'ހެނދުނު ކުލާސް' ގެ ނަމުގައި ޤުރްއާންކުލާހެއް ރަޖިސްޓްރީ ކުރެއްވިއެވެ. ފަހުން މިކްލާހުގެ ނަން ވަނީ، 'ތަދްރީސުލް ޤުރްއާނުލް ކަރީމް' އަށް ބަދަލުކޮށްފައެވެ.

ފިކުރީދައްތަ ދެ ކައިވެންޏެއް ކުރެއްވިއެވެ. ފުރަތަމަ ކައިވެނިކުރެއްވީ، ފ. ނިލަންދޫ، ފިނިވާގޭ އަލްމަރްޙޫމް އަޙްމަދު އިސްމާޢީލްއާއެވެ. މިކައިވެންޏަށް ދަރިޔަކު ލިބިފައެއް ނުވެއެވެ. ދެވަނައަށް ކައިވެނި ބައްލަވައިގަތީ، އަޙްމަދު ޙުސައިން (އަހަންމަދަނިކު ދޮންބެ)އާއެވެ. މި ކައިވެންޏަށް 10ކުދިން ލިބިފައިވެއެވެ. އެއީ،ފަސް ފިރިހެންކުދިންނާ، ފަސް އަންހެން ކުދިންނެވެ. މިހުރިހާ ކުދިންވެސް ދުނިޔޭގައި އެބަތިއްބެވެ. ފިކުރީދައްތަ ދުނިޔެ ދޫކުރެއްވިއިރު އުފަން 10ދަރިންގެ އިތުރުން 35 މާމަ ދަރިންނާ، 24މުނިމާމަ ދަރިން ދުނިޔޭގައި ތިއްބެވެ.
ފިކުރީ ދައްތައަކީ، ފ.ނިލަންދޫގެ ވަރަށްގިނަ ކުދިންނާ މީހުންނަށް ޤުރްއާން ކިޔަވައިދެއްވި އެދުރެކެވެ. ނިލަންދޫގެ އިތުރުން،ފ.އަތޮޅުގެ އެހެން ރަށްރަށާއި، ދ.އަތޮޅާއި، ވ.އަތޮޅު އަދި އ.އަތޮޅުގެ ބައެއް ރަށްރަށުގެ ކުދިންނަށްވެސް ފިކުރީދައްތަ ޤުރްއާން ކިޔަވައި ދެއްވާފައިވެއެވެ.
ފިކުރީދައްތަ ކިޔަވައި ދެއްވީ، ހަމައެކަނި ޤުރްއާނެއްނޫނެވެ. އޭގެ އިތުރަށް ދިވެހިބަސް ލިޔަންކިޔަން ދަސްކޮށް ދިނުމާ، ހިސާބުގެ މައިގަނޑު ހަތަރުބައި ކަމަށްވާ، (އެއްކުރުމާ، ކެނޑުމާ، ގުނަކުރުމާ، ގެއްލަންވެސް) ވަރަށްގިނަ ކުދިންނަށް ދަސްކޮށްދެއްވާފައި ވެއެވެ. ހަމަ މިޔާއެކު، ގެވެހި ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ކަންތައް ކުރާނެގޮތް، އަންހެން ދަރިވަރުންނަށް އުނގަންނައި ދެއްވިއެވެ. އެހެންކަމުން، ފިކުރީދައްތަ އަކީ އެދުވަސްވަރުގައި، ވަށާޖެހޭ ތަޢުލީމު (ހޯލިސްޓިކް އެޑިޔުކޭޝަން) އެއް ފޯރުކޮށްދެއްވެވި މުދައްރިސެކޭވެސް ބުނެވިދާނެއެވެ.

ޤުރްއާން ކިޔަވައިދިނުމުގެ އިތުރަށް،ތަޔައްމަމުކުރުމާ، ހިނައިގަތުންފަދަ، އަޅުކަމަށް ތައްޔާރުވުމަށް ކުރަންޖެހޭ ކަންތައްތައްވެސް، އުނގަންނައި ދެއްވިއެވެ. އަދި ފަރުޟުނަމާދާއި، ސުންނަތް ނަމާދު ކުރާނެ ގޮތް، ދަސްކުރަން ބޭނުންވި މީހުންނާ ކުދިންނަށް ދަސްކޮށްދެއްވިއެވެ. ނަމާދު ކުރަން ދަސްކޮށްދިނުމުގެ ގޮތުން ގޭގައި ޖަމާޢަތުގައި އިމާމުވެ ތަރާވީޙް ކުރައްވާ، ސުންނަތް ނަމާދާ ފަރުޟުނަމާދު ކުރާނެގޮތް ޢަމަލީގޮތުން ދައްކުވައި ދީފައިވެއެވެ. ނިލަންދޫގެ ބަހުރުވައިން ބުނަނީނަމަ، ފިކުރީދައްތަ ވަރަށްގިނަ މީހުންނާ ކުދިން، 'ނަމާދާށް އެރުވިއެވެ.'
ފިކުރީދައްތަގެ އުނގަންނައިދިނުމުގެ ޙަޔާތުގައި އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ، ފުދުންތެރިކަން ކުޑަ ދަރިވަރުންނަށް އެއްވެސް އުޖޫރައަކާ ނުލައި ކިޔަވައިދެއްވި ކަމެވެ. މާލީ ތަނަވަސްކަންކުޑަ، މައިންބަފައިން ވަކިވެފައި، ނުވަތަ ނިޔާވެފައިވާ ވަރަށް ގިނަ ކުދިންނަށް، ފިކުރީދައްތަ ހިލޭ ސާބަހަށް ކިޔަވައިދެއްވީ، މުޖްތަމަޢަށް ކޮށްދެއްވި ޚިދުމަތެއްގެ ގޮތުގައެވެ. ހަމަ މިޔާއެކު، ޙައްޖާ ޢުމްރާގެ އަޅުކަން އަދާކުރާނެ ގޮތް ދަސްކުރުމަށް އެދިގެން ފިކުރީ ދައްތަގެ ގާތަށް އައި ކޮންމެމީހަކަށް އެއްވެސް އުޖޫރަޔަކާ ނުލައި، އެކަން ކުރާނެގޮތް ދަސްކޮށް ދެއްވިއެވެ. އަދި ޢުމުރުން 79އަހަރުގައި ނިޔާވުމަށް ދާންދެންވެސް މި ޚިދުމަތް ދެއްވެވުން މަތީގައި ދެމި ހުންނެވިއެވެ. ފިކުރީދައްތަ އުނގަންނައި ދިނުމަށް ހޭދަކުރި މުއްދަތު ޖުމުލަ ކޮށްލައިފިނަމަ 60އަހަރުން ޢަދަދުކުރެވޭނެއެވެ
ފިކުރީދައްތަގެ ގާތުން ޢިލްމުގެ ބިންގާ އަޅައި އެދޮރާށިން އެތެރެޔަށް ވަތް، ނިލަންދޫގެވަރަށް ގިނަ ދަރިވަރުންނަކީ، މިއަދު ޒިންމާދާރު ބޮޑެތި މަޤާމުތަކުގައި ތިބި މީހުންނެވެ. ވަރަށް މަތީ ފާސްތައް ނަންގަވައިގެން، މުޅިރާއްޖެއިން ގުނާލެވޭ ފެންވަރުގެ، ބައެއް ބޭފުޅުންވެސް ، އޭގެތެރޭގައި އެބަތިއްބެވިއެވެ. އޭގެތެރެއިން މަދު ބޭފުޅުންކޮޅެއްގެ ނަން، މިތާނގައި ލިޔެލަން ގަސްދުކުރަމެވެ.
މިވަގުތު ރާއްޖޭގައިހުރި ހަމައެކަނި ނިއޯނޭޓޮލޮޖިސްޓް، (ސަބްސްޕެޝަލިސްޓް އިން ނިއުބޯރން ބޭބީސް) ގެ މަޤާމުގައި އައި.ޖީ.އެމް.އެޗްގައި މަސައްކަތްކުރައްވާ، ޑޮކްޓަރ މުޙައްމަދު ފައިސަލްގެ ތަޢުލީމީ ބިންގާ އަޅުއްވައި ދެއްވާފައިވަނީ،ފިކުރީދައްތައެވެ. ހަމަ މިޔާއެކު،ޞިއްޙީ ދާއިރާއިން ޢާންމުން ހޭލުންތެރިކުރުމުގެ ރޮނގުން 2025ވަނަ އަހަރު ޢާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ޙާސިލުކުރައްވާފައި، އަދި މިހާރުވެސް އައި.ޖީ.އެމް.އެޗްގައި މަސައްކަތްކުރައްވާ، ސީނިއަރ މެޑިކަލް އޮފިސަރ، ޑޮކްޓަރ ޢަބްދުލް ޢަޒީޒް ޙަމީދަކީވެސް ފިކުރީދައްތަ އަޅުއްވައިދެއްވި ބިންގަލުގެ މަތީގައި ތަޢުލީމު ޙާސިލުކުރެއްވި ބޭފުޅެކެވެ. މީގެއިތުރަށް، އިލެކްޝަންސް ކޮމިޝަނުގެ މިހާރުގެ މެންބަރު އަލްފާޟިލް ޢަބްދުލްޙަސީބުގެވެސް ފުރަތަމަ އެދުރަކީ، ފިކުރީދައްތައެވެ.
ފިކުރީދައްތަ،މިއަދު މިދުނިޔެއާ ވަކިވެފައިވީ ނަމަވެސް، ޤުރްއާނާ، ދީނުގެޢިލްމު އުނގަންނައި ދެއްވުމަށްޓަކައި ކުރައްވާފައިވާ ބުރަ މަސައްކަތަކީ ޝުކުރު ޙައްޤު މަސައްކަތެކެވެ. އަދި އޭގެ އަސަރު، ފިކުރީދައްތަ ގާތުން އުނގެނުނު ދަރިވަރުންގެ ޒަރީޢާއިން، ނިލަންދޫގައި އާވަމުން އާލާވަމުން ދާނެކަން ޔަޤީނެވެ.
ދީލަތިވަންތަ މާތް ﷲ، ޤުރްއާނާއި، ދީނުގެ ޢިލްމު އުނގަންނައި ދެއްވުމަށް ފިކުރީދައްތަ ކުރައްވާފައިވާ ބުރަ، މިންނެތް މަސައްކަތުގެ ހެޔޮއަޖުރު ދެއްވާށިއެވެ. އަދި އެ މަރްޙޫމާގެ ފުރާނަޔަށް ސުވަރުގޭގެ ދާއިމީ އެންމެ މަތިވެރި ނިޢްމަތް މިންވަރު ކުރައްވާށިއެވެ! (އާމީން)
ފަނޑުވުމެއްނެތި ތާއަބަދު، ތިޔަ ޚިދުމަތުގެ މަތިވެރި އަސަރު
ދަނޑުފަގުގެ ފެހިކަން ލިބޭ މިނިލަންދުއިން ފެންނާނެޔޭ!
ގުޅުން ހުރި ޙަބަރުތައް

އަކްޝޭގެ ސައިންސް ފިކްޝަން ތުރިލާ ފިލްމު "ސަމުކް" ގެ ފުރަތަމަ ޕޯސްޓަރު ނެރެފި
11 ގަޑިއިރު ކުރިން

މެޑިޓަރޭނިއަން ޗިކްޕީ ސަލަޑް: ސިއްހަތަށް ފައިދާހުރި އަދި މީރު ޗޮއިސްއެއް!
11 ގަޑިއިރު ކުރިން

ހިނިތުންވާ ކޮންމެ މީހަކީ އުފަލުގައި އުޅޭ މީހަކަށް ނުވެދާނެ؛ މީހުންނާ މެދު އޯގާތެރިކަން އިސްކުރޭ!
11 ގަޑިއިރު ކުރިން

ސްޕެއިންގެ 43 މެޗުގެ ރެކޯޑް އިންގްލެންޑުން ނިމުމަކަށް ގެނެސްފި
11 ގަޑިއިރު ކުރިން


