logo

ޒުވާން ޚަޠީބުންގެ އިތުރު 200 ބައިވެރިންގެ ތަމްރީނު މި މަހު ނިމޭނެ

profile

އާމިނަތު ޝަފާ - 10 އޯގަސްޓު 2024 - 11:31

އިސްލާމިކް މިނިސްޓަރ ޝަހީމް

އިސްލާމިކް މިނިސްޓަރ ޝަހީމް

ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ދެވަނަ ބުރުގައި ބައިވެރިވި ޒުވާނުންގެ ތަމްރީނު ޕްރޮގުރާމް ނިމި މި މަހުގެތެރޭގައި ސަނަދު ދިނުމުގެ ހަފުލާ ބާއްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭރުން ދެވަނަ ބުރުގައި ބައިވެރިވި 200 ބައިވެރިންނާއި ކުރިން ޕްރޮގްރާމް ނިންމި 100 ބައިވެރިންނާއެކު މި 8 މަސްދުވަހުގެ ތެރޭގައި 300 ހަތީބުން ތަމްރީނުކޮށް ނިމުނީ ކަމަށެވެ.

ވަޒީރުވަނީ އަމާޒަކީ 1,000 ޒުވާން ހަތީބުން ތަމްރީނު ކުރުން ކަމަށް ވިދާޅުވެ ޕްރޮގްރާމަށް ލިބެމުންދާ ތަރުހީބަށް އުފާކުރައްވާކަމަށް ވިދާޅުވެފައެވެ.

'ޒުވާން ޚަޠީބުން' ޕްރޮގްރާމްގެ ދެވަނަ ބުރުގައި ބައިވެރިވުމަށް ޓަކައި 206 ފަރާތަކުން ވަނީ ފޯމު ހުށައަަޅައިފައެވެ.

'ޒުވާން ޚަޠީބުން' ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް ޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ. ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ފުރަތަމަ ބުރުގައި 100އަށް ވުރެ ގިނަ ކުދީން ވަނީ ސަނަދު ހާސިލްކޮށްފައެވެ. މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނާ ގުޅުން ހުރި އެހެން ބައެއް ދާއިރާތަކުން ޚާއްޞަ ތަމްރީނުތަކެއް ދެވޭނެއެވެ.

މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ވަނީ ލިބިފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މި ޚާއްޞަ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

tel:+9607331319