logo

މި މަސް ނިމެންވާއިރަށް 300 ޒުވާން ހަތީބުންނަށް ހުއްދަ ދޫކުރަނީ

profile

އާމިނަތު ޝަފާ - 24 އޯގަސްޓު 2024 - 19:00

މިނިސްޓަރ ޝަހީމް

މިނިސްޓަރ ޝަހީމް

މި މަސް ނިމެންވާއިރަށް 300 ޒުވާން ހަތީބުންނަށް ހުއްދަ ދޫކުރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިފަދައިން ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފެށުމުގެ ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރަމުންދާ ކަންތައްތަކާ ޙާޞިލްކުރަމުން ގެންދާކާމިޔާބީތަކުގެ ފަހަތުގައި ހުންނެވި އެންމެ ބޮޑު ހިއްސާދާރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުކަމަށާއި މިއަދުގެ ސަރުކާރަކީ އިސްލާމްދީނަށް ނަޞްރު ދިނުމުގައި ދެމި ތިބޭނެ ސަރުކާރެއްކަމަށެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު ކުރިއަށް ގެންދާ ގިނަ ކަންކަމުގައި އެންމެ މުހިއްމު ބަޔަކީ ދީނީ ޢިލްމުވެރިންކަމަށާއި އެކަންކަމުގައި ޢިލްމުވެރިންގެ ފަރާތުން ލިބިލައްވާ އެއްބާރުލެއްވުމަށް ދީނީ ޢިލްމުވެރިންނަށް ޝުކުރު އަދާކުރައްވާކަމަށެވެ. މީގެ އިތުރުން އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބޭއްވޭކަމީ އުފާ ކުރައްވާކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓްރީގެ ފަރާތުން ގިނަ މަޝްރޫއުތަކެއް މާލެއާއި އަތޮޅުތެރޭގައި ކުރިއަށްގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޝަހީމް ވިދާޅުވީ ގޮންޖެހުންތައް ހުރިކަމުގައިވިޔަސް މަޝްރޫއުތައް ކުރިއަށްދަނީ ވަރަށް ކާމިޔާބުކަމާއެކުގައިކަމަށެވެ.

" އެގޮތުން އެންމެ ބޮޑު އިސްކަމެއްދެނީ އަހުލުލްސުންނާ ވަލް ޖަމާއަތުގެ އަގީދާ ދަމަހައްޓައި ހަރުދަނާކުރުމަށް. ޒުވާނުންގެ ތެރޭގައި. ހުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމަށް ޒުވާނުން ނެރުމަށް ބޮޑު މަސައްކަތްތަކެއް އެބަކުރަން. ﷲގެ ވާގިފުޅާއެކު 1000 ޒުވާން ހަތީބުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން މި މަސް ނިމޭއިރު 300 ޒުވާން ހަތީބުން ފެނިގެންދާނެ. މިހާރު 100 ހަތީބުން މުޖުތަމައަށް ނެރެފައިވަނީ. 200 ކުދިންގެ ތަމްރީނު ނިމިފައިވަނީ. މި މަހު 28 ގައި އެކުދިނަށް ހުއްދަ ދޭނަން.

މިއީ މިދާއިރާއަށް ޒުވާނުން ގެނެސް އިސްލާމީ ޖީލެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ބޮޅެއްކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ މިފަދަ ޒުވާން ޖީލެއް ބިނާ ނުކޮށްފިނަމަ ފަހުން ހިތާމަކުރަންޖެހޭނެކަމަށެވެ.

ޢިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައި ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ބައިވެރިވެލައްވައެވެ. ޢިލްމުވެރިންގެ ބައްދަލުވުމުގެ އެކި ދަންފަޅިތަކުގައި ދީނީ އެކި މުހިއްމު މަޢުޟޫއުތަކަށް ބަޙުޘް ކުރުމާއި ތަފާތު މަޢުޟޫއުތަކަށް ޢިލްމުވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގެ އެންމެ ފަހު ސެޝަންތައް ކުރިއަށްދާނީ މިރެއެވެ.

tel:+9607331319