ރާއްޖޭގެ ވެރިކަމާ ކޮންމެ ބޭފުޅަކު ހަވާލުވެވަޑައިގެންނެވި ނަމަވެސް، އެންމެ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވާ އެއް ދާއިރާ އަކީ ޚާރިޖީ ގުޅުންތަކެވެ. އެކި ވެރިކަންތަކުގައި ވަކި ގައުމުތަކަކާއި މާ ގާތްގުޅުމެއް ބާއްވާ އަނެއްބައި ގައުމުތަކާއި އޮންނަ ގުޅުންތައް ހީނަރުވާ ކަމަށް އަބަދުވެސް ތުހުމަތު ކުރެ އެވެ. ހަމަ މިގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މައުއިއްޒަށް ވެސް ފެށުނީއްސުރެއް އެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި ދެކޮޅަށް އަދި ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި އެމަނިކުފާނު ނެންގެވި ސްޓޭންޑަކީ އިދިކޮޅު ފަރާތްތަކަށް އާންމުންގެ މެދުގައި އެމަނިކުފާނާއި މެދު ގޯސް ތަސައްވުރެއް ގާއިމްކުރުމަށް ލިބިގެން ދިޔަ ރަނުގެ ފުރުސަތެކެވެ. އަދި އެ ފުރުސަތުގެ ބޭނުންވެސް އިދިކޮޅުން ހިފި އެވެ.
އެކަމަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒަކީ އެމަނިކުފާނުގެ ބަސްފުޅުގައި ހިފަހައްޓަވާ ސާބިތު ވެރިއެކެވެ. ކެމްޕޭންނުގައި ވެސް، ރިޔާސީ ރޭސް ކާމިޔާބު ކުރައްވާ ރައްޔިތުންނާ މުޚާތަބު ކުރެއްވި ފުރަތަމަ ފަހަރުވެސް، ހުވާކުރެއްވި ރަސްމިއްޔާތާއި އެންމެ ފުރަތަމަ ރިޔާސީ ބަޔާން އަދި އޭގެ ފަހުން ވެސް ރައްޔިތުންނާ މުޚާތަބުކުރެއްވި ކޮންމެ ފަހަރަކު ވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވީ އެއް ކަމަކަށެވެ. އެއީ ހަމަހަމަ ޚާރިޖީ ސިޔާސަތެއް ބައްޓަން ކުރެއްވުމަށެވެ. ރާއްޖޭގެ ސިޔާދަތީ ރަތް ރޮނގު ހުރަސް ނުކުރާ ކޮންމެ ގައުމަކީ ވެސް މި ގައުމުގެ ގާތް ރަހުމަތްތެރި އެކުވެރި ގައުމަކަށް ވާނެ ކަމެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން މި ފާއިތުވި ފުރަތަމަ އަހަރު ތެރޭގައި ވެސް އެމަނިކުފާނު ވަނީ ވަރަށް ފުރިހަމައަށް އެކަންސާބިތުކޮށްދެއްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހިކުމަތްތެރި އަދި ދުރުވިސްނުންތެރި ޚާރިޖީ ސިޔާސަތުގެ ދަށުން، ފާއިތުވި އެއް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ ގުޅުންތައް ވަނީ މުޅި ދުނިޔެއަށް މިސާލަކަށް ވާނެ ފެންވަރަކަށް އުފުލިފަ އެވެ. ޚާއްޞަކޮށް، އިސްލާމީ އަދި އޭޝިއާގެ ޤައުމުތަކާއެކު އޮންނަ ގުޅުން ވަނީ އެތައް ގުނައަކަށް ވަރުގަދަވެފަ އެވެ. އޭގެ އެންމެ ބޮޑު އެއް ހެއްކަކީ އެމަނިކުފާނު ކުރެއްވި އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެ ދަތުރުފުޅަކީ ތުރުކީ އަށް ކުރެއްވި ދަތުރުފުޅެކެވެ. ރައީސް މުޢިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުމަށް އައު މަގެއް ފަހިކޮށްދިން ދަތުރުފުޅެކެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ރާއްޖޭގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށް އޭގެ ހައެއްކަ މަސް ފަހުން އިފްތިތާހުކުރެވުނު ޑްރޯން ޚިދުމަތްތަކެވެ.
މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް ނަތީޖާއަކީ އަންކާރާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމުކުރުމެވެ. މީގެ އިތުރުން، ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓެއްގެ މަސައްކަތް ފެށި، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ތުރުކީން ފުށް އެތެރެކުރުމުގެ މުހިންމު އެއްބަސްވުމެއް ވަނީ ހާސިލުކުރެވިފައެވެ.
ރައީސް މުޢިއްޒުގެ ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް އުފުލުވާލި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި 20 އެއްބަސްވުމެއްގައި ސޮއިކުރެވި، އޭގެ ތެރޭގައި ޑިޒާސްޓަރ ރިސްކް ރިޑަކްޝަން، ޑިޖިޓަލް އިކޮނޮމީ، އަދި ގްރީން ޑިވެލޮޕްމަންޓްގެ ދާއިރާތަކުން އެއްބަސްވުންތައް ހިމެނެއެވެ. ޚާއްޞަކޮށް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އެކްސްޕޭންޝަން އަދި މާލެ-ވިލިމާލެ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނުމަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.
އިންޑިއާ އަކީ މި ސަރުކރާ އެންމެ ދުރު ގައުމުގެ ގޮތުގައި އަބަދުވެސް އިނގިލި ދިއްކުރެވުނު ގައުމެވެ. އެކަމަކު ރައީސް މުއިއްޒު މިވަނީ ހަމަ އެންމެ 365 ދުވަހުގެ ތެރޭގައި މީ ދެކޮޅު ނުޖެހޭ ވާހަކަތަކެއްކަން ސާބިތުކޮށްދެއްވާފަ އެވެ. ރާއްޖެ-އިންޑިއާ ގުޅުން ހީނަރުވެއްޖެ ކަމަށް ބުނެ ބަޔަކު ދެއްކި ވާހަކަތަކުގެ އަޑު މަޑުވެއްޖެއެވެ. އެހެން ނުވާންވީ ވެސް ކީއްވެގެންހެއްޔެވެ.
ދެ ގައުމުގެ ގުޅުން ރަނގަޅުކަން ސާބިތުވި އެންމެ ބޮޑު އެއް ރަނގަބީލަކީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމާ ނަރެންދްރާ މޯދީ ހަވާލުވެވަޑައިގެންނެވި ރަސްމިއްޔާތައް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް ދައުވަތު އަރުވައި އެމަނިކުފާނު ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމެވެ. އެ ރަސްމިއްޔާތަކީ އިންޑިއާގެ ނެއިބަހުޑް ފަސްޓް ޕޮލިސީގެ ތެރެއިން ހަމައެކަނި އެންމެ ގާތް ގައުމުތަކަށް ދައުވަތު ދެވުނު ރަސްމިއްޔާތަކަށް ވާއިރު އެ ލިސްޓުގައި ރާއްޖެ ހިމެނިފައިވުމަކީ ދެ ގައުމުގެ ގުޅުން ހީނަރު ނުވާކަން ސާބިތުވި ބޮޑު ހެއްކަކަށެވެ.
އޭގެ ފަހުން އެ ގައުމުގެ އެކސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރައްވާފަ އެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެއަށް މިފަހުން ކުރެއްވިދަތުރުފުޅުގައި ވެސް ފެނިގެން ދިޔައީ އެ އިހުތިރާމެވެ. ޖައިޝަންކަރު ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ދިވެހި ސަރުކާރުން ވިއްކި ޓީ ބޮންޑުގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސަވައި، ކާބޯތަކެތީގެ ކޯޓާ ވެސް އިތުރު ދެ އަހަރަށް ހަމަޖައްސައިދީ، ލައިން އޮފް ކްރެޑިޓްގައި ބާކީ ހުރި ފައިސާ ބޭނުންކުރެވޭނެ ގޮތް ހަދައި ދީފައެވެ.
އެ ދަތުރުފުޅަށް މާ ގިނަ ދުވަސްތަކެއް ފާއިތުނުވަނީސް ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ ވަޒީރުންގެ ވަފުދަކާއި އެކު އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފަ އެވެ. ނިއުދިއްލީ އެއާޕޯޓުން އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ އެމަނިކުފާނާއެކު ދިޔަ ދިވެހި ވަފުދަށް މަރުހަބާ ކީ ނެށުމުގެ ފަރި ހަރަކާތްތަކުންނެވެ. އެ މީހުންގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. ހިތްހެޔޮކަމެވެ. އިހުތިރާމާއި ލޯތްބެވެ.
އިންޑިއާއާއެކު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން ވަރުގަދަކޮށް ދެމެއްހެއްޓުމަށް މަސައްކަތްކުރައްވާނެކަމަށާއި އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހޭ ދަނޑިވަޅުތަކުގައި އަގުނުކުރެވޭނެހާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އަދި ރާއްޖޭގެ އެންމެ ގާތް އެކުވެރި އެއް ޤައުމުކަމުގައި ރައީސް މުއިއްޒު ވެސް ވިދާޅުވެފައިވެ އެވެ.
އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި 5 މުހިންމު އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް އެއްބަސްވުމަކީ ރާއްޖޭގެ އިޤްތިޞާދީ ދުޅަހެޔޮކަމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެއިތުރުން، އިންޑިއާއިން ރާއްޖެއަށް އެސެންޝަލް ކޮމޮޑިޓީ ކޯޓާ 2024 އިން 2025 އަށް އިތުރުކޮށްދިނުމާއި، 50 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ރޯލް އޯވަރ ކޮށްދިނުން ފާހަގަކޮށްލެވެއެވެ.
ރައީސް މުޢިއްޒުގެ ޚާރިޖީ ސިޔާސަތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ ފަލަސްޠީނުގެ މައްސަލައިގައި ރާއްޖެއިން އަޑުއުފުލައި، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ފަލަސްޠީނަށް ތާއީދުކޮށް ވަކާލާތުކުރުމެވެ. ރާއްޖެއިން އ.ދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ އެކި ސެޝަންތަކުގައި ފަލަސްޠީނުގެ ހައްޤުގައި އަޑުއުފުލައި، ގިނަ ޤަރާރުތަކެއް ހުށަހަޅައި، އެ ޤަރާރުތަކަށް ތާއީދު ހޯދުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.
އދގެ އެންމެ މަތީ ގުނަވަން ކަމަށްވާ ސެކިއުރިޓީ ކައުންސިލްގައި ވެސް ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް މިފަހަރު ތަގުރީރު ކުރެއްވިއެވެ. ކުދި ގައުމުތަކުގެ ހައްގުތަކާއި އިންސާނީ ހައްގުތަކުގެ ދިފާއުގައި ސާބިތުކަމާ އެކު މި ކުޑަ ކުޑަ ރާއްޖެ އޮތްކަން މުޅި ދުނިޔެއަށް ސާބިތުކޮށްދެއްވިއެވެ.
އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިއުޔޯކަށް ވަޑައިގެންނެވި ދުވަސް އިއްތިފާގުން ދިމާވީ ރާއްޖެއަށް އދގެ މެމްބަރުކަން ލިބުނުތާ 59 އަހަރު ފުރުމުގެ މުނާސަބ ފާހަގަކުރާ ދުވަހަށެވެ. ނިއުޔޯކަށް ވަޑައިގެން އެ ދުވަހު ރައީސް ދިވެހި ރައްޔިތުންނަށް ދެއްވި ފުރަތަމަ މެސެޖުގައި ވިދާޅުވީ އދގައި އެމަނިކުފާނު އިއްވަވައިދެއްވާނީ "ދިވެހިންގެ އަޑު" ކަމަށެވެ.
އެދުވަހުވެސް ރައީސް ތަކުރާރުކޮށް ދެއްވި ޔަގީންކަމަކީ އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި އަދި ހިންގުމުގައި އެންމެ އިސްކަންދޭނީ ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމާޔާތް ކުރުމަށް ކަމަށެވެ. ރައީސް ޑރ. މުއިއްޒު އާންމު މަޖިލީހުގެ 79 ވަނަ ސެޝަނަށް ވަޑައިގެންނެވީ ފަލަސްތީނުގައި ތިބި އަޅުގަނޑުމެންގެ އަހުންގެ ވާހަކަ ހަނދުމަފުޅުގައި ބަހައްޓަވައިގެންނެވެ. މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު އެ ތަގުރީރުގައި އެމަނިކުފާނު މުޅި އދއަށް ގޮވާލެއްވީ ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ ގަތުލު އާއްމު ހުއްޓުވުގެ ހިތްވަރު ހޯދުމަށެވެ. ފަލަސްތީނަށް އދގެ ފުރިހަމަ މެމްބަރުކަން ދިނުމަށާއި، އިންސާނީ ހައްގުތަކަށް އަރައިގަންނަ މުޖުރިމުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ. އދގެ ސެކިއުރިޓީ ކައުންސިލްގައި ރާއްޖޭގެ ރައީސަކު ދެއްވި ފުރަތަމަ ތަގުރީރުގައި ރައީސް ޑރ. މުއިއްޒު ދެއްވީ އދއަށް ދިވެހި ރައްޔިތުން ދޭން ބޭނުންވާ އެންމެ ބޮޑު މެސެޖެވެ. އެއީ ފަލަސްތީނާއި މުޅި އިސްލާމީ އުންމަތުގެ ހިމާޔަތުގައި އެ ޖަމިއްޔާއިން މިހާރަށް ވުރެ އެކްޓިވް ވާންޖެހޭ ކަމެވެ. އެކަން ފާހަގަކުރައްވާ މި ކުޑަ ކުޑަ ރާއްޖޭގެ ރައީސް ވަނީ އިސްރާއީލުން ހިންގަމުންދާ ގަތުލު އާއްމާ ދެކޮޅަށް އދއިން ނިންމާ ކޮންމެ ނިންމުމެއް ބާތިލުކުރާ ވީޓޯގެ ބާރު އުވާލުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ގޮވާލައްވާފައެވެ.
ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތު ކުރުމުގައި ސާބިތުވެކަން ދިވެހި ސަރުކާރުން އދއަށް ދައްކުވައިދިނީ އާއްމު މަޖިލީހުގެ ތަޅުމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނުމުން ރާއްޖޭގެ ވަފުދު އެތަން ދޫކޮށް ދިޔަ ދިޔުމުންނެވެ.
ރާއްޖޭގެ ޒުވާނުންނަށް ތަޢުލީމީ ފުރުސަތުތައް ހޯދައިދިނުމުގައި ޚާރިޖީ ވުޒާރާއިން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. ޖުމްލަ 16 ޤައުމަކުން 39 ސްކޮލަރޝިޕް ޕްރޮގްރާމްގެ ފުރުސަތު ލިބި، އޭގެ ތެރެއިން ތުރުކީން 14 ދަރިވަރުންނަށް ސްކޮލަރޝިޕް ލިބުނުކަން ފާހަގަކޮށްލެވެއެވެ.
ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސްއިން ވަނީ ޑިޕްލޮމެޓިކް ދާއިރާ ހަރުދަނާކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގައި، ރާއްޖޭގެ ޑިޕްލޮމެޓުން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.
ރައީސް މުޢިއްޒުގެ ދުރުވިސްނުންތެރި ޚާރިޖީ ސިޔާސަތުގެ ސަބަބުން، ފާއިތުވި އެއް އަހަރުގެ ތެރޭގައި ރާއްޖޭގެ ބައިނަލްއަޤްވާމީ ގުޅުންތައް ވަނީ ފުޅާވެ، އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ގިނަ ކުރިއެރުންތަކެއް ހާސިލުކުރެވިފައެވެ. ރާއްޖޭގެ މިނިވަން އަދި މުސްތަޤިއްލު ޚާރިޖީ ސިޔާސަތު ދަމަހައްޓައި، ހުރިހާ ޤައުމުތަކަކާއެކު ހަމަހަމަ ގުޅުން ބަދަހިކުރުމުގެ ސިޔާސަތުން މި ވަނީ ފޮނިމީރު ނަތީޖާތަކެއް ހާސިލުކުރެވިފަ އެވެ.