މާފަންނު ބޮޑުގެ ބިމުގައި ދާއިމީ މިސްކިތެއް ބިނާކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިޔަފާރިވެރިންގެ ޓީމަކާ ޙަވާލުކޮށްފިއެވެ.
އެ މިނިސްޓްރީން ބުނީ އެބިމުގައި މިސްކިތް ބިނާކުރަނީ ތިން ފަންގިފިލާއަށް ކަމަށެވެ. އަދި މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ މާފަންނު ބޮޑުގެ ބިމުގައި ދާއިމީ މިސްކިތެއް ބިނާކުރުމަށް ޝައުގުވެރިކަން ފާޅުކުރި ވިޔަފާރިވެރިންގެ ޓީމަކާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މި މިސްކިތުގައި ޤުރްއާން ކިޔަވައިދިނުމުގެ އިންތިޒާމުގެ އިތުރުން ލައިބްރަރީގެ ޚިދުމަތްވެސް ގާއިމުކުރާނެއެވެ.
މި މިސްކިތުގެ ބިންގާ ޑިސެމްބަރު މަހުގެ ތެރޭގައި އަޅާ ރޯދަ މަހުގެ ފަހުން މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވެއެވެ.