
އީޔޫއާ ބައްދަލުކުރަން ޠާލިބާނުން ފުރަތަމަ ފަހަރަށް ވިލާތަށް

ރިޟްވާން މޫސާ - 25 ޖޫން 2026 - 05:41
އަފްޣާނިސްތާނުގައި ވެރިކަންކުރާ ނިރުބަވެރި ޖަމާޢަތް، ޠާލިބާނުންގެ ވަފުދަކުން ވިލާތުގެ ޤައުމަކަށް ފުރަތަމަ ފަހަރަށް ދަތުރުކޮށް، ވިލާތުގެ އިއްތިޙާދުގެ (އީޔޫ) އޮފިޝަލުންނާ ބައްދަލުކޮށް، މަޝްވަރާކޮށްފިއެވެ.
ޖޫން 23 ގައި މި ބައްދަލުވުން ބާއްވާފައި ވަނީ ބެލްޖިޔަމްގެ ވެރިރަށް ބްރަސެލްސްގައެވެ. އީޔޫގެ ޤައުމުތަކުން ޠާލިބާނުންގެ ސަރުކާރު ބަލައިގަނެފައި ނެތް ނަމަވެސް އެ އިއްތިޙާދުން ބުނީ، މިއީ ވިލާތުގައި ދިރިއުޅޭ އަފްޣާނިސްތާނުގެ ރެފިއުޖީންގެ ތެރެއިން ކުށްކުރާ މީހުން އަނބުރާ ޤައުމަށް ފޮނުވައިލުމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމެއް ކަމުގައެވެ.
ވިލާތުގެ ކޮމިޝަނާއި އީޔޫގެ 15 މެންބަރު ޤައުމެއްގެ މަންދޫބުން މި ބައްދަލުވުމުގައި ބައިވެރިވިއެވެ. ޖަނަަވަރީ މަހު ކާބުލްގައި ބޭއްވި ބައްދަލުވުމެއްގައި ވެސް އީޔޫއާއި ޠާލިބާނުން މި ކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި ބައިވެރިވުމަށް ބެލްޖިޔަމަށް ދަތުރުކުރި ޠާލިބާނުންގެ ވަފުދަށް ދޫކޮށްފައި ވަނީ އެންމެ ދުވަހެއްގެ ވިސާއެކެވެ. އަދި، ބައްދަލުވުން ބޭއްވި ތަނުން ބޭރަށް ދަތުރުކުރުމުގެ އެއްވެސް ފުރުޞަތެއް އެ ވަފުދުގެ މެންބަރުންނަށް ދީފައި ނުވާނެ ކަމުގައި ބްރަސެލްސްއިން ބުންޏެވެ.
އީޔޫގެ މެންބަރުން ޠާލިބާނުންނާ ބައްދަލުކުރުމުން، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކާއި ވިލާތުގެ ސިޔާސީ އިސް ބޭފުޅުންގެ ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ.
ނޮބެލް ސުލްޙައިގެ އިނާމު ހާސިލުކޮށްފައިވާ ޕާކިސްތާނުގެ މަލާލާ ޔޫސުފްޒާއީ ވިދާޅުވީ، އިންސާނީ ޙައްޤުތަކުގެ ބޮޑު ކާރިސާއަކަށް ޒިންމާވާން ޖެހޭ ސަރުކާރަކަށް ވިލާތުން ޤާނޫނީ ހައިސިއްޔަތުދީގެން ނުވާނެ ކަމުގައެވެ.
ވެރިކަން ފޭރިގަތުމަށް ފަހު، ޠާލިބާނުން އަފްޣާނިސްތާނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ހަނިކުރަމުންދާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. މި ގޮތުން، އަންހެނުންގެ ޙައްޤުތައް ހަނިކޮށް، އަންހެން ކުދިންނަށް ތަޢުލީމު ހޯދުމުގެ ފުރުޞަތު ވެސް ވަނީ ނަގައިލާފައެވެ. އަދި، ޚިޔާލު ފާޅުކުރުމާއި ވަޒީފާގެ ފުރުޞަތުތައް ވެސް ވަނީ ހަނިކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ވެނެޒުއޭލާއަށް އައި ބިންހެލުންތަކާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
6 ގަޑިއިރު ކުރިން

އެމްއޭސީއެލްގެ އައު ކާގޯ ޓާމިނަލް ގެ ސަބަބުން މުދާ ކްލިއަރކުރުން އަވަސްވެއްޖެ
8 ގަޑިއިރު ކުރިން

ރައީސް، ސްޓޭޓް އޮފް ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ސަފީރުން ޢައްޔަން ކުރައްވައިފި
11 ގަޑިއިރު ކުރިން

ވެނެޒުއޭލާއަށް އައި ބިންހެލުމުން 10،000 އަށްވުރެ ގިނަ މީހުން މަރުވެދާނެ!
13 ގަޑިއިރު ކުރިން


.gif&w=3840&q=75)