
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް، ފޮޓޯ: ސޯޝަލް މީޑިއާ
ޕާޓީތަކުން މިހާރަށް ވުރެ ބޮޑަށް އީސީ ޖަވާބުދާރީ ކުރުވަންޖެހޭ، އީސީ އޮތީ ފޫގޮސްފައި: މަލީހް

އާމިނަތު ޝަޒްލާ - 20 ނޮވެމްބަރު 2026 - 12:51
އިލެކްޝަންސް ކޮމިޝަން (އީސީ) އޮތީ "ފޫގޮސްފައި" ކަމަށާއި، ސިޔާސީ ޕާޓީތަކުން އެ ކޮމިޝަން މިހާރަށް ވުރެ ބޮޑަށް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ މަލީހް މިހެން ވިދާޅުވީ މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހް މި މޭރުމުން ވާހަކަދައްކަވާފައި ވަނީ މަރިޔަމް ޒުބައިރު ނަމަކަށް ކިޔާ އެކައުންޓަކުން ކޮށްފައިވާ ޕޯސްޓެއް ރީޕޯސްޓް ކުރައްވަމުންނެވެ. އެ ޕޯސްޓުގައި ސުވާލު އުފައްދާފައި ވަނީ، ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައި 'އީފާސް' ބޭނުންކުރަން ޖެހޭ ގޮތަށް އޮންނައިރު، މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް މީހުން ވައްދަމުންދާ ދިއުމާ މެދުގައެވެ. އެ ޕޯސްޓުގައި ބުނެފައި ވަނީ އީފާސްއަށް އިތުބާރު ކުރުން ހުއްޓާލަން ޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ބައެއް މީހުން ބުނަމުންދާ ކަމަށާއި، އެމީހަކަށް ނޭނގި އީފާސް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވައްދަނީ ކިހިނެއްތޯ ސުވާލު އުފެދޭ ކަމަށެވެ.
މި ޕޯސްޓާ ގުޅިގެން މަލީހް ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގެ ކަންކަން ވަގަށް ހިންގަނީ އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ކަމަށް އަބަދުވެސް ތުހުމަތު ކުރައްވާ ކަމަށެވެ. އަދި އީސީ މިހާރު އޮތީ އެއްގޮތަކަށް ވެސް އިތުބާރު ނުކުރެވޭ ފަދަ ހާލަތެއްގައި، ނުވަތަ "ފޫގޮސްފައި" ކަމަށް އޭނާ ސިފަކުރެއްވިއެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް މިހާރަށް ވުރެ ފާރަވެރިވެ، އީސީ ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ވަރުގަދަކުރަން ޖެހޭ ކަމަށް މަލީހް ވިދާޅުވިއެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވެއްދުމާއި، އެމީހަކަށް ނޭނގި އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުކުރުމުގެ މައްސަލައަކީ ޒަމާނުއްސުރެ އޮންނަ ބޮޑު ކަންބޮޑުވުމެކެވެ. މި މައްސަލަ ހައްލުކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގެ ކަންކަން ޑިޖިޓަލްކޮށް، ސަރުކާރުގެ ރަސްމީ ޑިޖިޓަލް އައިޑެންޓިޓީ 'އީފާސް' މެދުވެރިކޮށް ކުރިއަށްގެންދަން ނިންމައި އެ ނިޒާމު ތަންފީޒު ކުރަން ފަށާފައެވެ.
ނަމަވެސް، ޑިޖިޓަލް ނިޒާމުގެ ތެރެއިން ވެސް މީހުންގެ ޒާތީ މައުލޫމާތާއި ހުއްދައާ ނުލައި ޕާޓީތަކަށް ވައްދާ ކަމުގެ ޝަކުވާތައް ދޭތެރެދޭތެރެއިން ސިޔާސީ އެކި ފަރާތްތަކުންނާއި އާންމުން އަންނަނީ ކުރަމުންނެވެ. ވަކިން ހާއްސަކޮށް، ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ލިބޭ މިންވަރު ކަނޑައަޅަނީ މެންބަރުންގެ އަދަދަށް ބަލައިގެން ކަމަށް ވާތީ، ޕާޓީތަކުގެ ދަފްތަރު ބޮޑުކުރުމަށް ނަހަމަ ގޮތްތައް ބޭނުންކުރާ ކަމުގެ ތުހުމަތު އަބަދުވެސް އޮވެއެވެ.
އީސީ ގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާ ގޮތުގައި، ރޭ 10:37 ގެ ނިޔަލަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ އަދަދު ވަނީ 100،083 އަށް އަރާފައެވެ. ނިމިދިޔަ އަހަރު ނިމުނުއިރު އެ ޕާޓީގައި ތިބީ 74،048 މެންބަރުން ކަމަށްވުމާއެކު، މިއީ 26،035 މެންބަރުންގެ ބޮޑު ކުރިއެރުމެކެވެ. އެހެންނަމަވެސް، އީސީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ އަލުން އެއްލައްކައަށްވުރެ ދަށަށް ގޮސް، 99،930 އަށް ތިރިވެފައެވެ.
ޕީއެންސީގެ މެންބަރުންގެ އަދަދަށް މިފަދަ ބަދަލުތަކެއް އައިސްފައި މިވަނީ، ވަޒީފާގެ ބިރުދެއްކުމާއި ނުފޫޒު ފޯރުވައިގެން އެ ޕާޓީއަށް މެންބަރުން އިތުރުކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން، ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި، މަޖުބޫރުން ޕާޓީއަށް ސޮއިކުރުވާ ކަމުގެ ތުހުމަތުތަކެއްވެސް ސިޔާސީ މަސްރަހުގައި ވަނީ ފެންމަތިވެފައެވެ. ނަމަވެސް، ސަރުކާރު ހިންގާ ޕާޓީން މިފަދަ ތުހުމަތުތައް އަބަދުވެސް ދޮގުކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

ދަނޑުވެރިކަމުގެ ޤައުމީ ސިޔާސަތު އެކުލަވައިލުމުގެ މަޝްވަރާތައް ފަށައިފި
7 ގަޑިއިރު ކުރިން

ދިއްފުށީގެ ތަންތަން އެޗްޕީއޭއިން އިންސްޕެކްޓްކޮށްފި
7 ގަޑިއިރު ކުރިން

ރައީސް މުއިއްޒު އެއުޅުއްވަނީ ރާއްޖެއަށް ސެކިއުލަރިޒަމް ތައާރަފްކުރަން: އަލީ ހުސެއިން
7 ގަޑިއިރު ކުރިން

ހުޅުމާލޭގެ ހިއްކި ސަރަޙައްދުގައި ހުރި ކުނިތަކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
9 ގަޑިއިރު ކުރިން


