logo

އެއް ކޮޓަރި ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެހެން ހައުސިން ސްކީމްތަކަށް ކުރިމަތިލެވޭގޮތަށް، އުސޫލު ބަދަލުކޮށްފި

profile

އައިޝަތު އިނާޝާ - 17 ޑިސެމްބަރު 2025 - 05:40

ކުރީގެ ސްކީމްތަކުން އެއް ކޮޓަރި ފްލެޓް ލިބިފައި ތިބި މީހުންނަށް ސަރުކާރުގެ އެހެން ހައުސިން ސްކީމްތަކަށް ކުރިމަތިލެވޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރޭ މާލޭ ސިޓީގެ ގަލޮޅު އަވަށުގެ ރައްޔިތުންނާއެކު ކުރިއަށްގެންދެވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ގެންދަނީ ކޮންމެ ރައްޔިތަކު އެދިލައްވާ ކޮންމެ ކަމެއްވެސް ނިޒާމުގެ ތެރެއިން، ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކުރަމުން ކަމަށާއި، އަދި ކުރެވެމުންދާ ކަންކަމަށްވެސް ވަކީން ބޮޑު އިސްކަމެއްދެއްވައިގެން އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

ރައީސް ވިދާޅުވީ އެގޮތުގެ މަތިން މީގެ ކުރިން އިޢުލާންކުރެވުނު ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން 1 ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް އިތުރު ސްކީމަކަށް ކުރިމަތިނުލެވޭ ގޮތަށް އޮންނަ އޮތުމާ ގުޅިގެން ރައްޔިތުން ފާޅުކުރައްވަމުން ގެންދެވި ކަންބޮޑުވުމަށް ޙައްލު ހޯއްދަވައިދެއްވިކަމެވެ. ރައީސް ވިދާޅުވީ ކުރީގެ ބައްދަލުވުންތަކުގައި ލިބިވަޑައިގެންނެވި ހިޔާލުތަކުގެ ތެރެއިން، ގޯތިގެދޮރުގެ މައްސަލައާއި ގުޅޭގޮތުން މިހާރު އޮތް ޝަރުތުތަކުގެ ތެރެއިން، ކުރީގެ ސްކީމްތަކުން 1 ކޮޓަރި ލިބިފައިވާ ފަރާތްތަކަށް މިހާރު ހުޅުވާލާފައިވާ ސްކީމަށް ކުރިމަތިލެވޭގޮތަށް، އުޞޫލަށް ބަދަލުގެނެވި، ޝަރުތު ހަމަވާނަމަ އެއްކޮޓަރީގެ ފްލެޓް ދޫކޮށްލުމަށްފަހު މިހާރު ހުޅުވާލާފައިވާ 3 ކޮޓަރީގެ އެޕާޓްމަންޓަށް ބަދަލުވުމުގެ ފުރުޞަތު ހުޅުވާލެވިފައި އޮތްކަމަށެވެ.

މީގެ އިތުރުން ރޭގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ގަލޮޅުގެ ރައްޔިތުންގެ އެދިލެއްވުމާ އެއްގޮތަށް، ކުޅިވަރު ކުޅޭ ދަނޑު ތަރައްޤީކުރެއްވުމުގެ މަސައްކަތް، ކުޅިވަރާ ބެހޭ ވުޒާރާއިން ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރޭގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ބޭސްފަރުވާގެ ކަންކަމާއި، ތަޢުލީމީ ދާއިރާގެ އެކި ކަންކަމަށް ހިނގާ ޚަރަދުގެ ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުން ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގެންފައެވެ. އަދި ރައްޔިތުން ހިއްސާކުރައްވާ ކޮންމެ ކަމަކީވެސް މުހިންމު ކަމެއްކަމަށާ، މިއިން ކޮންމެ ކަމަކަށް މި ބައްދަލުކުރެއްވުމުގައި ޖަވާބުދާރީވެވަޑައިނުގެންނެވުނު ނަމަވެސް، ކޮންމެ ކަމަކީވެސް ސީރިއަސް ގޮތެއްގައި ބައްލަވާނެ ކަމެއްކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. ރޭގެ ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއިން ކޮންމެ ކަމެއްވެސް، ވީ އެންމެ ރަނގަޅަކަށް ހައްލުކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ތަކުރާރުކޮށްދެއްވާފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay