
ދަނޑުވެރިކަން ކުރާ ރަށްރަށުގައި އިންވެސްޓަރުން ހޯދައި ޕްރޮޖެކްޓްތަކެއް ހިންގުމުގެ މަސައްކަތް ދަނީ ކުރަމުން: މިނިސްޓަރު ޑރ. މާރިޔާ

ޝަހްޒާ މުޙައްމަދު - 18 އޮކްޓޯބަރު 2025 - 18:48
ދަނޑުވެރިކަން ކުރާ ރަށްރަށުގައި އިންވެސްޓަރުން ހޯދައި، ދަނޑުވެރިކަން ތަރައްގީކުރުމަށް އަމާޒުކޮށްގެން ޕްރޮޖެކްޓްތައް ހިންގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ ޑރ މަރިޔަމް މާރީޔާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ފެހި ދިރުން އެކްސްޕޯގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު މާރިޔާ ގޮތުގައި، ރާއްޖޭގައި ދަނޑުވެރިކަން ކުރުމުގައި ތިމާވެއްޓަށާއި އިންސާނުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ އަސާސީ މުހިންމުކަމެކެވެ. މިގޮތުން، އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ޔަގީންކުރުމަށްޓަކައި މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސް ސެޓިފިކޭޝަން ނިޒާމުތައާރަފްކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ ިއތުރުން ދަނޑުވެރިޔާ މޯބައިލް އެޕްލިކޭޝަންނެއް އުފައްދާ އޭގެ ބީޓާ ވަރޝަންގެ ޓެސްޓިން މަރުހަލާ މިހާރު ކުރަމުންދާކަމަށާއި މި މަރުހަލާ ނިމުމާއެކު، މި އަހަރުގެ ތެރޭގައި ދަނޑުވެރިޔާ އެޕްލިކޭޝަން ރާއްޖޭގެ އެންމެހައި ދަނޑުވެރިންނަށް ބޭނުންކުރެވޭގޮތަށް އާންމުކޮށް ހުޅުވާލެވިގެން ދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންތެރި އިރުޝާދުގެ ދަށުން، ކޮންމެ ރަށަކުންވެސް ދަނޑުވެރިކަމަށް ހާއްސަ ބިންތައް ކަނޑައަޅައި، އަމިއްލައަށް ފުދޭވަރަށް ކާބޯތަކެތި އުފެއްދުމަށް މަސައްކަތްކުރުމަށް ސަރުކާރުން ދަނީ ފުރިހަމަ އެއްބާރުލުން ދެމުންގެންދާކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
2023 ވަނަ އަހަރު ވަނީ ދަނޑުވެރިންނަށް ބޭނުންވާ މުހިންމު މަޢުލޫމާތު އެއް ތަނަކުން ލިބޭނެ "ދަނޑުވެރިޔާ" ވެބްސައިޓް އިފްތިތާހުކޮށްފައެވެ. މި ނިޒާމުގެ ސަބަބުން ދިވެހި ދަނޑުވެރިކަމުގެ ސިނާޢަތަށް އިތުބާރު އިތުރުވެ، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.