.jpeg&w=3840&q=75)
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ފްރޮންޓް އޮފީސް ޖަލްސާގައި، ފޮޓޯ: ސޯޝަލް މީޑިއާ
ރަސްމާލޭގެ މައްސަލަތަކާ ގުޅިގެން ރައީސް މުއިއްޒު އުޅުއްވަނީ ނޫސްވެރިންނަށް ފިލައިގެން : ރައީސް ޔާމީން

އާމިނަތު ޝަޒްލާ - 26 އޮކްޓޯބަރު 2026 - 11:48
ރަސްމާލޭ ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢުގެ މައްސަލަތައް ފެންމަތިވި ފަހުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުނުކޮށް، ފިލައިގެން އުޅުއްވަމުންދާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ ބޭއްވި ޕީއެންއެފް (ޕީޕަލްސް ނެޝަނަލް ފްރަންޓް) ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ރަސްމާލޭގެ މައްސަލަތައް ދިމާވި ފަހުން ރައީސް މުއިއްޒު އުޅުއްވަނީ ނޫސްވެރިންނާ ބައްދަލުނުކޮށް ކަމަށެވެ. އެހެން ނޫންނަމަ ސަރުކާރަކީ "ދެފުއް ފެންނަ ހަތަރުފުއް ފެންނަ ނުވަތަ ހަފުއް ފެންނަ" ސަރުކާރެއްގެ ގޮތުގައި ދައްކުވައިދޭނެ ކަމަށެވެ. އަދި، "އަދަދު ނޫހުގެ" ނޫސްވެރިން ވެސް ބައެއް ކަހަލަ ސުވާލުކުރީމަ އުނދަގޫވާތީ އެ ނޫސްވެރިން ވެސް ވައްދަން ބޭނުން ނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން، ރައީސް މުއިއްޒަކީ އެބޭފުޅަކަށް ހެޔޮވަރުވާ ވަރަކަށް ކޯޓު ފަހައިގެން ކަންކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް ކަމަށް ޔާމީން ސިފަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގަން ރޭވިފައިވާ އެންމެ ބިޔަ އަދި އެންމެ އަގުބޮޑު އެއް މަޝްރޫޢަކީ 'ރަސްމާލެ' ތަރައްޤީ ކުރުމުގެ މަޝްރޫޢެވެ. ވެރިރަށް މާލެ ސަރަޙައްދުގެ ތޮއްޖެހުމަށް ޙައްލެއް ހޯދައިދީ، ގެދޮރުވެރިކަމުގެ އައު ދޮރުތަކެއް ހުޅުވާލުމުގެ އަމާޒުގައި ފެށި މި މަޝްރޫޢުގެ ބޮޑު ބައެއް، 500 ހެކްޓަރުގެ ބިން ޔޫ.އޭ.އީގެ އީގަލް ހިލްސްއަށް އެއްވެސް ބިޑުކުރުމެއްނެތި ނުއަގުގައި ވިއްކާލާފައިވާ ޚަބަރާއެކު، ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ބަޙުޘްތަކެއް އުފެދިފައެވެ. ނަމަވެސް، މި މުޅި މަޝްރޫޢާ ގުޅޭގޮތުން މިހާރު އެންމެ ބޮޑަށް ފާހަގަކުރެވެނީ މަޝްރޫޢުގެ އަގާމެދު އުފެދިފައިވާ ބޮޑު އޮޅުންބޮޅުމެވެ.
ސަރުކާރުގެ ރަސްމީ އިދާރާތަކުންނާއި އިސް ވެރިން މީޑިއާތަކުގައި ވިދާޅުވަމުން ގެންދަވަނީ، ރަސްމާލެ މަޝްރޫޢަކީ ގާތްގަނޑަކަށް 20 ބިލިއަން އެމެރިކާ ޑޮލަރުގެ (ގާތްގަނޑަކަށް 308 ބިލިއަން ދިވެހި ރުފިޔާގެ) އަގުހުރި އިންވެސްޓްމަންޓެއް ކަމަށެވެ.
މިއީ ރާއްޖޭގެ މުޅި އިޤްތިޞާދާ އަޅާބަލާއިރު އެތައް ގުނައެއް ބޮޑު އަދަދެކެވެ. އެހެންނަމަވެސް، މި މަޝްރޫޢު ހިންގުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ އީގަލް ހިލްސް ކުންފުނީގެ ފަރާތުން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫޢުގެ ޖުމްލަ އަގަކީ 12 ބިލިއަން އެމެރިކާ ޑޮލަރެވެ.
ދެ ފަރާތުގެ ދެމެދުގައި ހުރި 8 ބިލިއަން ޑޮލަރުގެ ބޮޑު ފަރަޤަކީ އާދައިގެ ކަމެއްގެ ގޮތުގައި ދޫކޮށްލެވޭ ވަރަށް ވުރެ ބޮޑު މައްސަލައެކެވެ. މި ފަރަޤާއެކު ޢާންމުންނާއި އިޤްތިޞާދީ މާހިރުންގެ ހިތްތަކުގައި ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ.






