ފާޙިޝް ޢަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތައް ވަރަށް ގިނަ ކަމަށް ބުނެ އެކަންކަމުން ދުރުވުމަށް ހުކުރު ޚުތުބާގައި ބާރުއަޅައިފިއެވެ.
މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާގެ މައުޞޫއަކީ" ޒިނޭ ކުރުމާއި ފާހިޝް އަމަލުކުރުމުގެ ނުބައިކަން" އެވެ.
ހުކުރު ޚުޠުބާގައި ބުނީ، އިސްލާމްދީނަކީ ޢިއްފަތްތެރިކަމާއި ޠާހިރުކަމުގެ ދީނެއްކަމަށެވެ. އެގޮތުން މާތް ﷲ ވަނީ މުސްލިމުންގެ މައްޗަށް ހުރިހައި ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލުތަކާއި ފާޙިޝް ޢަމަލުތައް ޙަރާމްކުރައްވައިފައިކަމަށާއި އެންމެ ނުރައްކާތެރި ފާޙިޝް ޢަމަލަކީ ޒިނޭކުރުންކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ޒިނޭއަކީ އެ ކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު ޢަމަލެއްކަން ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން ޢާއްމުވެއްޖެ ތަނެއް މާތް ﷲ ހަލާކުކުރައްވާނެ ކަމަށާއި މި ޒަމާނުގައި މި ޢަމަލުތަކަށް އަރައިގަންނަނީ އެއްވެސް ޖެހިލުމެއް ނެތިކަން ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި ބައެއް މީހުން ޒިނޭއަށް އަރައިގަތުމުގެ މަޤުޞަދުގައި ދަތުރު ހަދައިގެން އެހެން ޤައުމުތަކަށްވެސް ގޮސް އުޅޭކަމަށް ވެސް ބުނެފައިވެެއެވެ.
ކަމުގެ ސީރިއަސްކަން ބުނެދެމުން، ޚުޠުބާގައި ބުނީ ޒިނޭގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރުމުގެ އިތުރަށް މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ހަލާކުވެގެން ދާކަމަށެވެ. އަދި ޢާއިލާތައް ރޫޅި، ނަސްލު އޮޅި، ރަށްމެދަށް ވިހާ ކުދިން ގިނަވެ ހައްޔަރުން ނައްޓުވައިލައިގެން ދަރި ވައްޓައިލުން ފަދަ ދީނުގައި ޙަރާމް އެތައް ފާފަތަކަކަށް އަރައިގަންނަމުން ދާކަމަށް ޚުޠުބާގައި ބުންޏެވެ.
ޒިނޭކުރުމަކީ ނުބައިވެގެންވާ ޢަމަލަކަށްވީ ހިނދު، އެ ކަމާމެދު ވިސްނުމެއް ނެތި، ކައިވެނި ހެޔޮނުވާ މީހުންނާއި އަވައްޓެރީންނާއި އެކުވެރީންގެ ޢާއިލާތައް ފަސާދަކޮށް އެ މީހުންގެ އަނބިދަރީންނާއެކު ޒިނޭކުރާ މީހުންވެސް އުޅެމުން ދާކަން ޚުތުބާގައިފާހަގަކުރިއެވެ.
ޚުޠުބާގައިބުނީ، އެފަދަ މީހުން އެ ފާހިޝު ޢަމަލުގައި ވަނިކޮށް މަރުގެންނެވުމަކީވެސް ހަމަ ވެދާނެކަމެއްކަމަށާއި، މާތް ﷲ އަނިޔާވެރިއާއަށް މުހުލަތު ދެއްވަނީ އިޞްލާޙުވުމަށްކަމަށެވެ. އެގޮތުން އިޞްލާޙުނުވެ، ފާފަތަކަށް އަރައިގަތުމުގައި ދެމިހުރެއްޖެ ނަމަ ގަދަފަދަ ހިއްޕެވުމަކުން އޭނާގެ މަރު ގެންދަވާނެކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.