logo

ރައީސުލްޖުމްހޫރިއްޔާ މުސާރައިގެ 50 އިންސައްތަ ނުނަގާ ގޮތަށް ނިންމަވައިފި

profile

ޝުރުފާ މުހައްމަދު - 23 އޮކްޓޯބަރު 2024 - 19:32

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު--- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު--- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު އޮތް ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެމަނިކުފާނުގެ މުސާރައިގެ 50 އިންސައްތަ ނުނަގާ ގޮތަށް ނިންމަވައިފި އެވެ.

2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަން އެމަނިކުފާނު މިއަދު ވަނީ އިއުލާންކުރައްވާފަ އެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި އެމަނިކުފާނުގެ މުސާރައިގެ 50 އިންސައްތަ ނުނެގުން ހިމެނެ އެވެ. އަދި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުމާއި، ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުން ހިމެނެ އެވެ. އެކަމަކު މުސާރައަށް ގެންނަ މި ބަދަލުތަކުގެ ތެރޭގައި 12،000 އަށް ވުރެ ދަށުން މުސާރަ ލިބޭ މުވައްޒަފުން ނުހިމެނޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މުސާރައިގެ އޮނިގަނޑު އޮންނަ ގޮތުން މިހާރު ބައެއް ކުންފުނިތަކުގެ ވެރިންނަށް 1 ލައްކަ ރުފިޔާ އަށް ވުރެ ބޮޑު މުސާރަ ލިބޭ ކަމަށެވެ. އެކަމަކު މި ގެނެވޭ ބަދަލާއި އެކު ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައަޅާފައިވެ އެވެ.

ރައީސް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އަދި ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.

އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން މީގެ ކުރިން ވަނީ ސިޔާސީ މުވައްޒަފުންގެ ތެރެއިން 228 މުވައްޒަފުން ވަކިކުރުމަށް ވެސް ނިންމާފަ އެވެ. އަދި ޓެކްސް އާއި އިމްޕޯޓް ޑިއުޓީ އަށް ބަދަލުތަގެނައުމުގެ މަސައްކަތް މިހާރު ރައްޔިތުންގެ މަޖިލީހުގައި ދަނީ ކުރިއަށެވެ.

https://int.etukuri.mv/
tel:+9607331319