logo

މޫނިމާ ލޮޖް އެއްވެސް މީހަކު ދިރިނޫޅޭ ފަޅުގެއެއްތަ؟ 1 އެޕިސޯޑް

profile

އާމިނަތު ޝަޒްލާ - 20 އޮކްޓޯބަރު 2026 - 12:58

ލޯންޗުގެ އިންޖީނު ނިވައިލުމާއެކު މުޅި މާހައުލަށް ހިމޭންކަން ވެރިވެއްޖެއެވެ.

https://wamco.com.mv/

ދަތުރުގެ މެދުނުކެނޑޭ އިންޖީނުގެ އަޑަށްފަހު، ކުއްލިއަކަށް އައި އެ ހިމޭންކަމުގެ ތެރޭގައި، ދަބަހުގައި އަތްޖައްސާލައިގެން އިރުކޮޅަކު އަހަރެން އިށީނދެގެން އިނީމެވެ. މެންދުރުފަހުގެ އިރުގެ ދޯދިތައް ފެނުގެ ތެރެއަށް އެޅި ބަބުޅަމުންދާ މަންޒަރަށް ބަލަހައްޓައިގެން އިނދެ، ފުން ނޭވާއެއް ބޭރުކޮށްލީމެވެ.

އެންމެ ފަހުން އާދެވިއްޖެއެވެ.

ލޯންޗުން ފައިބައި، ފާލަންމަތީގައި ފައި ޖެހުމާއެކު އަތުކުރީ ގަޑި ރަނގަޅުކޮށްލީމެވެ. ކަނޑުގެ ލޮނުގަނޑުގެ މީރުވަސް އެކުލެވިފައިވާ ހޫނު ވައިރޯޅިތައް އަހަރެންގެ ހަށިގަނޑުގައި ބީހެމުންދެއެވެ. ބަނދަރުމަތިން ފެށިގެން، ކުދި މަގުތައް ގޮސް ގުޅިފައިވަނީ ރުއްތަކުގެ ހިޔާ ލިބިފައިވާ ގޭގެއާއެވެ. މަދު ބަޔަކު ސައިކަލުތަކުގައި ދަތުރުކުރަމުންދާއިރު، ކޮންމެވެސް ދިމާއަކުން ކުޑަކުއްޖަކު ހޭ އަޑު އިވެއެވެ.

އާދަޔާ ހިލާފު އެއްވެސް ކަމެއް ނެތެވެ.

އެހެންނަމަވެސް، މާލޭގެ ހަލަބޮލިކަމާއި ތޮއްޖެހުމުގެ ތެރޭގައި މުޅި ދިރިއުޅުން ހޭދަކުރަން ޖެހުމުން، މިތަން އިހުސާސްވަނީ މުޅިން ތަފާތު ދުނިޔެއެއްގެ ގޮތުގައެވެ.

މާލޭގައި ނަމަ، ކުޑަ ދަތުރަކީވެސް ކެތްތެރިކަން އިސްކުރަންޖެހޭ ބޮޑު ކަމެކެވެ. ފަތިހުން ފެށިގެން ކޮޓަރީގެ ކުޑަދޮރު ބޭރުން އިންޖީނުތަކުގެ އަޑު ގުގުމާއިރު، ހޯންތަކުގެ އަޑުން އުނދަގޫވެއެވެ. އަދި އިރުއޮއްސި މާލަސްވާންދެން ވެސް ހަނި މަގުތަކުން މީހުން ހުސްނުވެއެވެ. އަހަރެންގެ ދުވަސްތައް ބަދަލުވެފައިވަނީ މެދުނުކެނޑި ކުރިއަށްދާ ބައްދަލުވުންތަކާއި، ފޯނު ކޯލްތަކާއި، އިމާރާތްކުރުމުގެ ޕްލޭންތަކުގެ އިތުރުން މާދަމާއަށް ލަސްކުރެވެން ނެތް ނިންމުންތަކެއް ނިންމަންޖެހޭ ސިލްސިލާއަކަށެވެ.

އަހަރެންގެ ކުންފުންޏަކީ ސުމަކުން ފަށައިގެން ބިނާކުރި ތަނެކެވެ. ކޮންމެ ކޮންޓްރެކްޓަކީ ވެސް މުހިންމު އެއްޗެކެވެ. ކޮންމެ ކުށަކީ މާލީ ބޮޑު ގެއްލުމެކެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ ކޮންމެވެސް ކަމެއް އަހަރެންގެ ފަރާތުން ހާސިލުކުރާށެވެ.

ތ. ދިޔަމިގިލީގައި ހިންގާ ސަރުކާރުގެ މި އިމާރާތްކުރުމުގެ މަޝްރޫޢަކީ ވަރަށް މުހިންމު ފުރުޞަތެކެވެ. މިއީ އަހަރެންނަށް އެއްވެސް ގޯހެއް ހެދެން ނެތް ކަމެކެވެ. މި މަސައްކަތުގައި ކޮންމެވެސް ދުވަސްތަކެއް ވަންދެން ރަށުގައި މަޑުކުރަން ޖެހޭނެއެވެ. އަދި އަހަރެން މި އައީ މުޅި ސަމާލުކަން މިކަމަށް ހުސްކުރަން ތައްޔާރުވެގެންނެވެ.

އެންމެ ކުޑަމިނުން، އަހަރެންގެ އަމިއްލަ ނަފްސަށް ވިސްނައިދެނީ އެހެންނެވެ.

މިވަގުތަށް އަހަރެން އެންމެ ބޭނުންވަނީ ހަމަހިމޭން ކޮޓަރިއަކާއި، ފެންވަރާލައިގެން ހަމަޖެހިލައިގެން ރޭގަނޑުގެ ނިދި ފުރިހަމަކޮށްލުމެވެ.

ފޯނު ނަގައި، ސައިޓް ސުޕަވައިޒަރު ފޮނުވާފައިވާ މެސެޖުތައް ބަލައިލީމެވެ. މާދަމާ ހެނދުނުގެ ތާވަލާ ގުޅޭގޮތުން އޭނާ މިހާރުވެސް ސުވާލުތައް ކުރަން ފަށައިފިއެވެ. ހަމަޖެހިލެވުނުހާ އަވަހަކަށް ސައިޓަށް ޒިޔާރަތްކުރާނެ ކަމަށް ބުނެ އަހަރެން ކުރު ޖަވާބެއް ފޮނުވީމެވެ.

އެއަށްފަހު ފޯނުގެ ކޮންޓެކްޓް ލިސްޓު ހުޅުވާލުމަށްފަހު، ކުރިން ގުޅި ނަންބަރުތައް ބަލަން ފެށީމެވެ. ދެ ގެސްޓްހައުސްއަކަށް ގުޅުނެވެ. ދެތަންވެސް އޮތީ ފުރިފައެވެ. ދެންވެސް އެހެން ނަންބަރަކަށް ގުޅޭތޯ މަސައްކަތް ކުރީމެވެ.

ފޯނު ރިންގުވާތާ އިރުކޮޅެއް ފަހުން މީހަކު ފޯނު ނަގައިފިއެވެ.

"ހަލޯ؟"

"އައްސަލާމް އަލައިކުމް. އަހަރެން މިއުޅެނީ މި ރަށުން ހުންނާނެ ތަނެއް ހޯދަން. ކޮޓަރިއެއް ލިބެން ހުރިތޯ؟"

"ވައަލައިކުމުއްސަލާމް. މިވަގުތު ހުސް ކޮޓަރިއެއް ނެތް. އެހެން ދިމަދިމާ ބަލާލަންވީނު، އެކަމަކު ގިނަ ތަންތަން މިދުވަސްކޮޅު ހުރީ ފުރިފަ."

އަހަރެން އިރުކޮޅަކަށް ލޯ މަރާލީމެވެ.

ވަރަށް ރަނގަޅެވެ. މަސައްކަތް ފެށުމުގެ ކުރިންވެސް މިއޮތީ ބޮޑު ކަމަކާ ކުރިމަތިވެފައެވެ.

"އެންމެ ރަނގަޅު. ޝުކުރިއްޔާ."

ފޯނު ކަނޑާލުމަށްފަހު ޖީބަށް ލީމެވެ.

"ތި ހޯދަނީ ހުންނާނެ ތަނެއްތަ؟"

އިވުނު އަޑާ ދިމާއަށް އަހަރެން އެނބުރި ބަލާލީމެވެ.

ތަޅުދަނޑި ފައްޗެއް ހިފައިގެން ހުރި މެދުއުމުރުގެ މީހެކެވެ. އޭނާ ހުރީ ފަނޑު މުށި ކުލައެއްގެ ގަމީހަކާއި ގޮޅިޖެހި މުންޑެއްގައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ރަށަށް އަލަށް އަންނަ މީހުން ފެނުމުން ހައިރާންކަމެއް ނެތި، އާދައިގެ ގޮތަކަށް ބަލާލާ ބަލާލުމެކެވެ.

"އާދެ. ލިބެން ހުރިތޯ ހުސް ތަނެއް؟"

"ގެއެއް އެބަހުރި،" އޭނާ ބުންޏެވެ. "އެއީ މާލޭ މީހެއްގެ ގެއެއް. މި ރަށުގައި އެގެ އެޅިތާ ދުވަސްކޮޅެއް ވެއްޖެ، އެކަމަކު އެމީހުން މި ރަށަކު ނޫޅޭ."

"އެގެ ކުއްޔަށް ދޭތަ؟"

"ދޭ."

"ދެން ފުރަތަމަވެސް އެވާހަކަ ނުބުނީ ކީއްވެ؟"

އޭނާ ކުޑަކޮށް ހިނިތުންވެލީ ޔަގީންކަމެއް ނެތް ގޮތަކަށެވެ.

"ނިންމުމުގެ ކުރިން އެގެ ބަލާލުން ރަނގަޅުވާނެ."

އަހަރެން އޭނާގެ މޫނަށް ފުންކޮށް ބަލާލީމެވެ.

"އެގޭގެ އެއްވެސް މައްސަލައެއް އުޅެނީތަ؟"

"ނޫނޭ، ނޫނޭ. ގެ ވަރަށް ރަނގަޅުވާނެ."

އޭނާ އެ ޖަވާބު ދިނީ އަހަރެން ހިތްހަމަޖެހޭ ވަރަށްވުރެ މާ އަވަށެވެ.

އެހެންނަމަވެސް، ޝައްކުކުރާނެ މާ ބޮޑު ސަބަބެއް ނެތެވެ. އަހަރެން ހުރީ ވަރުބަލިވެފައެވެ. ބޭނުންވަނީ ހުންނާނެ ތަނެކެވެ. އަދި އިތުރު ގަޑިއެއްހާއިރު ތަންތަން ހޯދުމުގައި ހޭދަކުރާނެ ކެތްތެރިކަމެއްވެސް ނެތެވެ.

"އެންމެ ރަނގަޅު،" އަހަރެން ބުނީމެވެ. "ހިނގާ ދައްކާލަން."

"އަހަރެންނަށް ކިޔަނީ އާދަމް، އާދަމްބެ ކިޔާ" އޭނާ ބުންޏެވެ.

އަހަރެން ބޯޖަހާލީމެވެ.

އޭނާއަކީ އެތަނުގެ ބަލަހައްޓާ މީހާކަމަށް ބުނެ ތައާރަފުވުމަށްފަހު، ފާލަމާ ދުރަށް އަހަރެން ގޮވައިގެން ހިނގައިގަތެވެ.

އަހަރެމެން ރަށުގެ މަގުތަކުން ހިނގަމުން ދިޔައިރު، ގޯތިތަކުގެ ފާރުތަކުން މައްޗަށް އުފުލިފައިވާ ރުއްތަކުގެ ފަންތައް މަޑު ވައިރޯޅިއާއެކު ހޫރެމުންދެއެވެ. ކުދިކުދި ގެތައް ކައިރިކައިރީގައި ހުރިއިރު، ބައެއް ގޭގޭގެ ދޮރުތައް ހުރީ ހުޅުވިފައެވެ. ގޯތިތެރޭގައި ހިއްކަން އަޅާފައިވާ ފޭރާންތައް ފެންނަން ހުއްޓެވެ. ގޭގެ ދޮރުމަތީގައި އަންހެނަކު ގަސްތަކަށް ފެންދެމުން ދިޔައެވެ. އެވަގުތު ސައިކަލެއްގައި ދިޔަ ދެ ފިރިހެން ކުދިން ދެމީހުންކުރެ އެކަކުވެސް ދޫނުދޭންވެގެން އުފާވެރިކަމާއެކު ކޮންމެވެސް ކަމަކާ ބަހުސްކުރަމުން ދިޔައެވެ.

އަހަރެން ރަށުގެ މާހައުލަށް ނަޒަރު ހިންގަމުން ކުރިއަށް ދިޔައީމެވެ.

މިއީ މި މަސައްކަތާ ހަވާލުވީއިރު އަހަރެން އުންމީދުކުރި ގޮތެވެ. މާލެ ސިޓީގެ ދިރިއުޅުމާ ދުރު، ހިމޭން މާހައުލެއްގައި ހަމަޖެހިލައިގެން މަސައްކަތަށް ސަމާލުކަން ދެވޭނެ ފަދަ ތަނެކެވެ.

އަހަރެން ތާޒާ ވައިގެ ތެރެޔަށް ފުން ނޭވާއެއް ދޫކޮށްލީމެވެ.

ހިތަށް އަރުވާލެވުނެވެ. "ފަހަރުގައި ހުރިހާ ކަމެއްވެސް ރަނގަޅުވާނެއެވެ".

ގެ ބަލަހައްޓާ އާދަމްބެ ހިމޭން ގޯޅިއަކަށް އެޅުމާއެކު، ގެތައް މަދުވާން ފެށިއެވެ. އެ މަގުގެ ކޮޅުގައި ހުރީ ވަށައިފާރު ޖަހާފައިވާ ޒަމާނީ ދެބުރި ގެއެކެވެ. ގޭގެ ބޭރުފާރުގެ ކުލަ ފަނޑުވި ނަމަވެސް، އެއީ ސާފުތާހިރުކޮށް ބަލަހައްޓާފައިވާ ތަނެއްކަން އެނގެއެވެ. ގޭގެ ކުލައާ ތަފާތު ގަދަ ކުލައެއްގެ ކުޑަދޮރުތަކާއި، ފުޅާ ދޮރާއްޓަކުން ވަދެވޭ ގޮތަށް އޮތް ގޯތިތެރެއަށް ގަސްތަކުގެ ހިޔާ އެޅިފައިވެއެވެ.

ގޭގެ ދޮރުމަތީގައި ބޯޑެއް ހަރުކޮށްފައި އިނެވެ.

"މޫނިމާ ލޮޖް"

އަހަރެން އެ ކިޔާލުމަށް މަޑުކޮށްލީމެވެ.

"މޫނިމާ ލޮޖް؟"

"އާނ."

"މިއީ ލޮޖަކަށްވުރެ ބޮޑަށް އަމިއްލަ ގެއަކާ ވައްތަރީ."

"މިއީ އަމިއްލަ ގެއެއް. މިގޭގެ ވެރިން ބައެއް ފަހަރު މިގެ ކުއްޔަށް ދީ އުޅޭ."

އަހަރެން ފާރުމަތިން ކުޑަކޮށް އެތެރެއަށް ބަލައިލީމެވެ. ގޯތިތެރެ އޮތީ މާބޮޑު ހަލަބޮލިކަމެއް ނެތި ހިމޭންކޮށެވެ. ބޭރުގައި ހިއްކަން އަޅާފައިވާ ފޭރާމެއް، ދޮރުމަތީގައި ފައިވާނެއް، ނުވަތަ އެތެރެއިން އިވޭ އަޑެއްބަޑެއް ނެތެވެ. ހުރިހާ ކަމެއް ހުރީ މީހަކު ދިރިއުޅެން ފަށަން ތައްޔާރުކޮށްފައި ކަމަށް ފެނުނަސް، އެތަނުން ފެންނަނީ ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ހުރި ފަދަ ބީރައްޓެހި ގޮތެކެވެ.

އާދަމްބެ ދޮރާށީގެ ތަޅު ހުޅުވާލިއެވެ.

"ވަޑައިގަންނަވާ،" އޭނާ ބުންޏެވެ.

އަހަރެން އެތެރެއަށް ވަނީމެވެ.

ގޭގެ މައިދޮރާ ހަމައަށް ދެވެން އޮތީ ގަސްތަކުން ޒީނަތްތެރިކޮށްފައިވާ މަގަކުންނެވެ. ބޭރުފުށުން ބަލާއިރު އެއީ ހުރިހާ ގޮތަކުންވެސް އާދައިގެ ގެއެކެވެ. ތަޅައިގެން ގޮސްފައިވާ ކުޑަދޮރެއް، ހަލާކުވެފައިވާ ފާރެއް، ނުވަތަ އަޅާނުލާ ދޫކޮށްލާފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.

އަހަރެންގެ ދަބަސް ބަހައްޓާލުމަށްފަހު ވަށައިގެން ބަލައިލީމެވެ.

"މިތަން ހުސްކޮށް ހުންނަތާ ކިހާ ދުވަހެއް ވެއްޖެ؟"

އާދަމްބެ ޖަވާބު ދިނީ ކުޑަވަގުތުކޮޅަކު މަޑުޖެހިލުމަށްފަހުއެވެ.

"ދުވަސްކޮޅެއް ވެއްޖެ."

"ދުވަސްކޮޅެކޭ ތިބުނީ ކިހާ މުއްދަތަކަށް؟"

"ފަހަރުގައި ދެތިން މަސްދުވަސް ވެދާނެ."

އަހަރެން އޭނާއާ ދިމާއަށް އެނބުރުނީމެވެ.

"ފަހަރުގައި؟"

"ގޭގެ ވެރިން އުޅެނީ މާލޭގައި. އެމީހުން މިކޮޅަށް އައިސް އުޅެނީ ވަރަށް މަދުން."

އެއީ ގަބޫލުކުރެވޭ ފަދަ ވާހަކައެކެވެ. އެހެންނަމަވެސް، ސީދާ ޖަވާބެއް ދޭން އޭނާ ފަސްޖެހުނު ގޮތުން އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ.

އާދަމްބެ ގޭގެ މައިދޮރު ހުޅުވާލުމުން، އަހަރެން އޭނާގެ ފަހަތުން އެތެރެއަށް ވަނީމެވެ.

ގޭތެރެއަކީ ފިނި، އަދި ބަންދުކޮށްފައި ހުރުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ވަހެއް ހިފާފައި ހުރި ތަނެކެވެ. ކުޑަދޮރުތަކުން ފޭދިގެން އައިސްފައިވާ އިރުގެ އަލިކަން ތަޅުންގަނޑުގެ މައްޗަށް އެޅިފައިވެއެވެ. ސިޓިންގްރޫމުގައި ސޯފާއަކާއި ކުޑަ މޭޒެއް ހުރިއިރު، ފަހަތުގައި ބަދިގެއެއް އަދި މައްޗަށް އެރޭނެ ސިޑިއެއް ހުއްޓެވެ. ފަރުނީޗަރުތަކަކީ އާދައިގެ އެއްޗެހި ނަމަވެސް ސާފުތާހިރެވެ. ހުރިހާ ކަމެއް ހުރީ މީހަކު އައިސް ދިރިއުޅެން ތައްޔާރުވެފައިވާ ކަހަލަ ގޮތަކަށެވެ.

އަހަރެން ކޮޓަރިތަކަށް ވަދެ، ދޮރުތަކާއި ކުޑަދޮރުތައް ޗެކްކުރަމުން ދިޔައީމެވެ. މަތީބައިގެ ނިދާކޮޓަރިތައް ބަލައި، ފާޚާނާގެ އިސްކުރުތައް ދޫކޮށްލައިގެން ފެން އާދޭތޯ ބެލީމެވެ. ފެން ދައުރުވަނީ އެއްވެސް އުނދަގުލެއް ނެތިއެވެ.

"ކަރަންޓާއި ފެނުގެ ކަންތައްތައް ކިހިނެއް؟" އަހަރެން އެހީމެވެ.

"ދެކަމެއްވެސް ހުރީ ހަމަޖެހިފައި،" އޭނާ ޖަވާބު ދިނެވެ.

"އިންޓަރނެޓް؟"

"ގުޅުން ދީފައި ހުންނާނެ، އެކަމަކު ރައުޓަރު ޗެކްކޮށްލަން ޖެހިދާނެ."

އަހަރެން ބޯޖަހާލީމެވެ. އަދި އަހަރެންގެ ލެޕްޓޮޕާއި އިމާރާތްކުރުމާ ގުޅޭ ލިޔެކިޔުންތައް ބަހައްޓާނެ ތަނަކާ މެދު އޭރުވެސް ވިސްނަން ފަށައިފީމެވެ.

މިގެއަކީ ތަނަވަސް، މިނިވަންކޮށް އުޅެވޭނެ، އަދި މަސައްކަތްކުރާ ސައިޓާވެސް ގާތް ހިސާބެއްގައި ހުރި ތަނެކެވެ. އެންމެ މުހިންމު ކަމަކީ، މިވަގުތު ކުއްޔަށް ދޫކުރަން ހުރި ތަނަކަށް ވުމެވެ.

"އަހަރެން މިގެ ހިފާނަން."

އާދަމްބެ އަހަންނާ ދިމާލަށް ބަލާލިއެވެ.

"ކަލޭ ތިޔަ ނިންމީ މިތަނުގައި އެންމެ ރެއެއްވެސް ހޭދަކޮށްނުލާ."

އަހަރެން މަޑުމަޑުން ހީލީމެވެ. "އަހަރެން މިއުޅެނީ ގެއެއް ކުއްޔަށް ހިފަން. ސިއްރުތަކެއް ގަންނާކަށް ނޫން."

އޭނާއަކަށް ނުހެވުނެވެ.

މަދު ސިކުންތުކޮޅަކަށް އަހަރެމެން ދެމީހުން ހިމޭނުން ތިބީމެވެ.

ދެން އާދަމްބެ ނަޒަރު ވަކިކޮށްލުމަށްފަހު، ކުލީގެ ކަންތައްތަކާއި، ފައިސާ ދައްކާނެ ގޮތާއި، އަދި ގޭގައި އުޅުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކިޔައިދޭން ފެށިއެވެ. އަހަރެން އެކަންކަން އަޑުއަހައި، ކުރަންޖެހޭ ސުވާލުތައް ކުރުމަށްފަހު ހުރިހާ ޝަރުތުތަކަކަށް އެއްބަސްވީމެވެ.

ހުރިހާ ކަމެއް ނިމުމުން، އޭނާ އަހަރެންގެ އަތަށް ތަޅުދަނޑިފަތި ދިނެވެ.

"ކަމަކަށް ބޭނުންވެއްޖެނަމަ ގުޅާލާތި."

"އާނ، ގުޅާނަން."

އޭނާ ގޭގެ ގޭޓާ ދިމާލަށް ހިނގައިގަތެވެ. ނަމަވެސް ނިކުތުމުގެ ކުރިން އޭނާ މަޑުކޮށްލިއެވެ.

"އަހަރެން އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލީމެވެ.. "މީގެ ކުރިން މިގެ މީހުންނަށް ކުއްޔަށް ދިނިންތަ؟"

އާދަމްބެ އޭނާގެ އަތްތިލަ ގޭޓުގައި ބާރަށް ބަދެލިއެވެ.

"އާނ."

"ދެން؟"

އޭނާ އަހަންނާ ދިމާލަށް ބެލުމުގެ ބަދަލުގައި، ބަލާލީ ގެއާ ދިމާލަށެވެ.

"އެމީހުން މާ ގިނަ ދުވަހަކު މިތާކު ނޫޅޭ."

އަހަރެންގެ ނިތްކުރިއަށް ރޫއެރިއެވެ.

"އެއީ ކީއްވެ؟"

އެވަގުތު ގޯތިތެރެއަށް ޖެހިލި މަޑު ރޯޅިއަކާއެކު، މަގުގެ އަރިމަތީގައި ހުރި ގަސްތަކުގެ ފަތްތައް ހެލިލިއެވެ.

"މީހުން ތަންތަނުން ދަނީ އެކި ސަބަބުތަކާ ހުރެ،" އޭނާ ބުންޏެވެ.

އެއީ ސީދާ ޖަވާބެއް ނޫންކަން އަހަރެމެން ދެމީހުންނަށްވެސް އެނގެއެވެ.

އޭނާ އިތުރު އެއްޗެއް ބުނޭތޯ އަހަރެން މަޑުކުރީމެވެ.

ނަމަވެސް އޭނާ އިތުރަކަށް އެއްޗެއް ނުބުނެއެވެ.

އިރުކޮޅަކުން އޭނާ ބޭރަށް ނިކުމެ ގޭޓު ލައްޕާލިއެވެ.

އަތްތިލަ މަތީގައި ތަޅުދަނޑިފަތި ބާއްވައިގެން، ގޯތިތެރޭގައި އަހަރެން އެކަނި ހުރީމެވެ.

"އެމީހުން މާ ގިނަ ދުވަހަކު މިތާކު ނޫޅޭ،" އަހަރެން މަޑުމަޑުން ކިޔާލީމެވެ.

ފަހަރެއްގައި ކުރިން އުޅުނު މީހުންނަށް މި ސަރަހައްދު ކަމުނުދިޔައީ ކަމަށް ވެދާނެއެވެ. ނުވަތަ ގޭގެ ވެރިފަރާތުން މާ ބޮޑު ކުއްޔެއް ނެގީ ކަމަށްވެސް ވެދާނެއެވެ. ނުވަތަ އާދަމްބެ ބުނަން ބޭނުންނުވާ ފެންވައިރު ކުރުމުގެ މައްސަލައެއް އުޅެނީ ކަމަށްވެސް ވެދާނެއެވެ.

މީގެ ފަހަތުގައި އާދައިގެ އެތައް ސަބަބެއް އޮވެދާނެއެވެ.

އަހަރެން ގަބޫލުކުރަން ބޭނުންވީ އަހަންނަށް އެންމެ ފަސޭހަ ގޮތަށެވެ. އެއީ، ބައެއް މީހުންނަކީ ކިތަންމެ ރަނގަޅު ތަނެއް ލިބުނަސް ހިތްހަމަނުޖެހޭ ބައެއް ކަމުގައެވެ.

އިރުއޮއްސުނުއިރު، އަހަރެން ހުރީ ފޮށިތަކުން ހެދުންތައް ނަގައި، ލެޕްޓޮޕް ގުޅައި، ކާ މޭޒުމަތީގައި ލިޔެކިޔުންތައް ތަރުތީބުކޮށް ނިންމާފައެވެ. އޮފީހުގެ މެސެޖުތަކަށް ޖަވާބުދެމުން އާދައިގެ ކެއުމެއް ކެއުމަށްފަހު، އިމާރާތްކުރުމުގެ ޕްލޭންތައް ބަލާލާފައި ލެޕްޓޮޕް ނިވާލީމެވެ.

އިރުއޮއްސި ރޭގަނޑުގެ ހަމަހިމޭންކަން މުޅި ރަށަށް ވެރިވަމުންދިޔައެވެ.

ފެންވަރައި، ސާފު ޓީޝާޓެއް ލައިގެން ތިރިއަށް ގޮސް ގޭގެ ބޭރު ދޮރު ތަޅުލީމެވެ. ކުޑަދޮރުން ބޭރު ބަލާލިއިރު، ބޭރުގައި ދިއްލާފައި ހުރި ބޮކީގެ އަލީގައި ގޯތިތެރެ ފެންނަން އޮތެވެ. ގަސްތަކުގެ ފަތްތައް ހެލެނީ ވަރަށް މަޑުމަޑުންނެވެ.

މުޅި ދުވަހުގެ ތެރޭގައި ވެސް، އެއްވެސް އަވަސް މަސައްކަތެއް ނެތި ހަމަޖެހިލައިގެން ހުރެވުނީ އަދިކިރިޔާއެވެ.

ބޮކިތައް ނިވާލުމަށްފަހު އަހަރެން މައްޗަށް އެރީމެވެ.

އެނދު އޮތީ ވަރަށް އަރާމުކޮށެވެ. ފަންކާގެ ވަޔާއެކު ކޮޓަރިތެރެ އޮތީ ފިނިކޮށެވެ. ލައްޕާފައި ހުރި ކުޑަދޮރުގެ ބޭރުން، ދުރުން އިވޭ ރާޅުޖަހާ އަޑު ކޮޓަރިތެރެއަށް އިވެމުންދިޔައެވެ.

އަހަރެން އުއްޑުން އޮށޯވެލައިގެން ސީލިންގަށް ބަލަހައްޓައިގެން އޮތީމެވެ.

މިއީ ހަމަ އަހަރެން ބޭނުންވި ގޮތެވެ.

ހަމަހިމޭން މަދު ދުވަސްތަކެކެވެ. މަޝްރޫޢުގެ މަސައްކަތަށް ސަމާލުކަން ދޭނެ ފުރުޞަތެކެވެ. އެއްވެސް މީހެއްގެ އުނދަގުލެއް ނެތި މަސައްކަތް ކުރެވޭނެ ގޮތެކެވެ.

ލޮލަށް ނިދި ސަވާރުވާން ފެށިއެވެ.

އެވަގުތު ކޮންމެވެސް އަޑެއް އިވުނެވެ.

ގޭގެ ތިރީބައިން ވަރަށް މަޑު އަޑެއް އިވެމުންދިޔައެވެ.

އަހަރެން ލޯ ހުޅުވާލީމެވެ.

ފުރަތަމަ ހީވީ ގަސްތަކުގެ ތެރެއިން ވައިރޯޅިއެއްޖެހި އިވޭ އަޑެއް ކަމަށެވެ. ނަމަވެސް އަނެއްކާވެސް އެ އަޑު އިވުނެވެ.

އެއީ މީހަކު މަޑުމަޑުން ގިސްލާ އަޑެކެވެ.

އަހަރެން ބޯ ހިއްލާލީމެވެ.

މުޅި ތަނަށް އޮތީ ހިމޭންކަން ވެރިވެފައެވެ.

އަހަރެން މަޑުކޮށްލީމެވެ.

އެއްވެސް އަޑެއް ނީވެއެވެ.

ފަހަރުގައި ބޭރުން މީހަކު ހިނގާފައި ދަނީ ކަމަށް ވެދާނެއެވެ. ނުވަތަ އަވަށްޓެރި ގެއެއްގައި ޓީވީ އަޅުވާފައި ހުރީ ކަމަށް ވެސް ވެދާނެއެވެ. ރޭގަނޑުގެ ވަގުތުތަކުގައި، ޚާއްޞަކޮށް މިފަދަ ހަމަހިމޭން ރަށްރަށުގައި އަޑުތައް އިވޭލެއް ތަފާތުވާނެއެވެ.

އަހަރެން އަނެއްކާވެސް އޮށޯވެލީމެވެ.

އެވަގުތު ތިރީބައިގެ ތަޅުންގަނޑުމައްޗަށް ބަރު އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. ބަރު އަޑެކެވެ.

އަހަރެން އެނދުގައި ތެދުވެ އިށީނދެލީމެވެ.

އިރުކޮޅަކަށް ހިރިލާންވެސް ނުކެރިފައި އިނީމެވެ. އިތުރު އަޑެއް އިވޭތޯ ނުވަތަ މީހަކު ހިނގާ އަޑެއް ނޫނީ ފަރުނީޗަރެއް ދަމާ އަޑެއް އިވޭތޯ ކަންފަތް ސަމާލުކޮށްގެން އިނީމެވެ.

ނަމަވެސް އެއްވެސް އަޑެއް ނީވުނެވެ.

އަހަރެން ފޯނު ނަގައި ފްލޭޝްލައިޓް ދިއްލާލީމެވެ.

"ކާކު؟"

މުޅި ކޮޓަރިތެރޭގައި އަހަރެންގެ އަޑު ވަރަށް ބާރަށް ގޮވައިދިޔައެވެ.

ޖަވާބެއް ނުލިބުނެވެ.

އެނދުން ތެދުވެގެން ގޮސް މަތީ ސިޓިން ރޫމަށް ނުކުތީމެވެ. ސިޑިން ތިރި ފެންނަނީ ވަރަށް އަނދިރިކޮށެވެ. ފޯނުގެ އަލި ތިރިއަށް ދިއްކުރިއިރު، ބިރުން އަހަރެންގެ އަތް ތުރުތުރުލަމުންދިޔައެވެ.

މިއީ ހަމަ އަހަރެންގެ ހީއެއް ބާވައެވެ؟

ގޭގެ ތެރެއިން އެކި ކަހަލަ އަޑުއަޑު އިވުމަކީ އާދައިގެ ކަމެކެވެ. ލަކުޑި ތަކުން އަޑު ކިޔުމާއި، ކުޑަދޮރުތައް ތަޅުވައިގަތުމަކީ ވެދާނެ ކަމެކެވެ. ނޫނީ ވެއްޓުނީ ކަމަށް ވެސް ވެދާނެއެވެ.

އަހަރެން ސިޑިން ތިރިއަށް ފޭބީމެވެ.

ސިޓިންގ ރޫމް އޮތީ ހުސްކޮށެވެ. ސޯފާ ހުރީ ކުރިންވެސް ހުރި ގޮތަށެވެ. އަދި މޭޒުމަތިން އެއްވެސް އެއްޗެއް ވެއްޓިފައި ހުރި ތަނެއް ނުފެނެއެވެ. އަހަރެން ބަދިގެއާއި ބޭރު ދޮރުވެސް ޗެކް ކުރީމެވެ.

ހުރިހާ ދޮރެއް ހުރީ ތަޅުލާފައެވެ.

އަހަރެން އެނބުރި ސިޓިންގރޫމަށް އައިސް މަޑުޖެހިލީމެވެ.

ގޯތިތެރެއަށް ނުކުމެވޭ ގޮތަށް ހުރި ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން އެ ދޮރު ލެއްޕިކަން އަހަރެންނަށް ޔަގީނެވެ.

ލަސްލަހުން ދޮރާ ގާތްވެ، ހަނި ދޭތެރެއަކުން ބޭރު ބަލައިލީމެވެ. ބޭރުގައި ދިއްލާފައި ހުރި ބޮކީގެ އަލީގައި ގޯތިތެރެ ފެންނަނީ ހުސްކޮށެވެ. ގަސްތައް ހުރީ ހަރަކާތެއް ނެތި ހިމޭނުންނެވެ. އިންފާރުން ބޭރުގައި އޮތް ރަށުގެ މަގުމަތިވެސް އޮތީ އަމާންކޮށެވެ.

އަހަރެން އެ ދޮރު އެއްކޮށް ހުޅުވާލީމެވެ.

"ތިތާ މީހަކު އެބަހުރިންތަ؟"

އަހަރެންގެ އަޑު ރޭގަނޑުގެ ހިމޭންކަމުގެ ތެރެއަށް ގެއްލިގެން ދިޔައެވެ.

ފިޔަވަޅެއްގެ އަޑެއް، ހަރަކާތެއް، އަދި ޖަވާބެއްވެސް ނުލިބުނެވެ.

ގޯތިތެރެއަށް ނުކުމެ، ކުލަކުލައިގެ ކަނުތަކާއި ފާރު ކައިރީގައި ހުރި އަނދިރި ތަންތަން ބަލައި ފާސްކުރީމެވެ. ގޭގެ މައި ދޮރާށި ބަލައިލިއިރު، އެވެސް ހުރީ ތަޅުލާފައެވެ. އެތަނަކު އެކަކުވެސް ނެތެވެ. އަދި އާދަޔާ ހިލާފު އެއްވެސް ކަމެއް ފާހަގައެއް ނުކުރެވުނެވެ.

މަޑުމަޑު ވައިރޯޅިއެއް އަހަރެންގެ މޫނުގައި ބީހިލިއެވެ.

ފުން ނޭވާއެއް ދޫކޮށްލަމުން، ނިތްކުރީގައި އަތް އުނގުޅާލީމެވެ.

"ވަރަށް ސަޅި. މިތަނުގައި ހޭދަކުރި ފުރަތަމަ ރޭ، މީހަކު ނެތް ހުސް ބަގީޗާއަކާ ވާހަކަދައްކަން މިޖެހުނީ."

ދޮރު ލައްޕައި، ދެ ފަހަރަށް ތަޅު ޗެކްކުރުމަށްފަހު، އަހަރެން އެނބުރި މައްޗަށް ދިޔައީމެވެ.

މިފަހަރު، އެނދު ކައިރީގައި ހުރި ބޮކި ދިއްލާފައި ބެހެއްޓީމެވެ.

އޮށޯވެލި ނަމަވެސް، ނިދޭ ގޮތެއް ނުވިއެވެ. އިވޭ ކޮންމެ ކުޑަ އަޑެއްވެސް ކުރިއަށްވުރެ ބާރަށް އިވޭ ކަހަލައެވެ. އެނބުރެމުންދާ ފަންކާގެ އަޑާއި، ބޭރުން އިވޭ ގަސްގަހާގެހީގެ ސިލްސިލާ އަޑުތަކާއި، ދުރުން ގޮނޑުދޮށަށް ބީއްސާލާ ރާޅުގެ އަޑެވެ.

އަހަރެން އަރިއަކަށް އެނބުރިލާފައި ދެފައި ދަމާލީމެވެ.

އެއީ ފަހަރެއްގައި ހީވި ހީވުމަކަށް ވެދާނެއެވެ.

ނޫނީ އެއީ އެއްވެސް ކަމަކަށް ނުވެވެސް ހިނގައިދާނެއެވެ.

ލޯ މެރެން ފެށިތަނާހެން، ތިރީން ކޮންމެވެސް ދޮރެއް ހުޅުވުނު އަޑު ވަރަށް ސާފުކޮށް އިވުނެވެ.

ލަސްލަހުންނެވެ.

ވަރަށް ރައްކާތެރިކަމާއެކުގައެވެ.

އަހަރެންގެ ލޯ ވަގުތުން ހުޅުވުނެވެ.

ނޭވާ ހިފަހައްޓާލައިގެން އިނދެ، ފަނޑު އަލިކަމެއް ހުރި ކޮޓަރިތެރެއަށް ބަލަހައްޓައިގެން ހުރީމެވެ.

ތިރީގެ ހުރިހާ ދޮރެއް ތަޅުލިކަން އަހަރެންނަށް ޔަގީނެވެ.

އަދި މިފަހަރު، އެ އިވުނު އަޑަކީ ހަމަ ހަގީގީ އަޑެއްކަން އަހަރެންނަށް ޔަގީންވިއެވެ.

https://wamco.com.mv/
tel:+9607331319